އުރުގުއޭގެ ކުޅުންތެރިން ގާނާ މެޗަށް ފަހު ހިންގި ހަމަނުޖެހުންތަކުގެ ތެރެއިން.-- ފޮޓޯ: ރޮއިޓާސް
29 ޖެނުއަރީ 2023 - 10:07
ނިޔޯން (ޖެނުއަރީ 28) - ނިމިދިޔަ ވޯލްޑް ކަޕް ގައި ރެފްރީންނާ ދިމާކޮށް ހަމަނުޖެހުން ހިންގި އުރުގުއޭ ޓީމުގެ ހަތަރު ކުޅުންތެރިއަކަށް ފީފާ އިން އަދަބު ދީފި އެވެ.
ފީފާ އިން އަދަބު ދިނީ އެޓީމުގެ ގޯލްކީޕަރު ފެނާންޑޯ މުސްލެރާ އާއި ޑިފެންޑަރު ހޯޒޭ މަރީއާ ހިމިނޭޒް ގެ އިތުރުން ކެޕްޓަން ޑިއޭގޯ ގޮޑިން އަދި ސްޓްރައިކަރު އެޑިންސަން ކަވާނީ އަށެވެ. މުސްލެރާ އާއި ހިމިނޭޒް ހަތަރު މެޗަށް ސަސްޕެންޑް ކުރި އިރު ގޮޑިން އާއި ކަވާނީ އަށް ދިނީ އެއް މެޗުގެ ސަސްޕެންޝަނެކެވެ.
ވޯލްޑް ކަޕް ގެ ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި ގާނާ އާ ދެކޮޅަށް ކުޅެ 2-0 އިން މޮޅުވި ނަމަވެސް، ޖެހި ގޯލުގެ ތަފާތުން ކުރި ނުލިބުމުން އެ ޓީމަށް ދެ ވަނަ ބުރުގެ ޖާގައެއް ނުލިބުނެވެ. އުރުގުއޭއަށް ވުރެ ކުރިއަށް ޖެހިލައިގެން ދެވަނަ ބުރަށް ދަތުރު ކުރީ 2-1 އިން ޕޯޗުގަލް ބަލިކުރި ދެކުނު ކޮރެއާ އެވެ.
އުރުގުއޭގެ ކުޅުންތެރިން ހިތްހަމަނުޖެހުނީ އެ މެޗުގައި އެޓީމަށް ރެފްރީ ޕެނަލްޓީއެއް ނުދިނުމުންނެވެ. ހިތްހަމަނުޖެހުން ފާޅުކުރަމުން ކުޅުންތެރިން ވަނީ ރެފްރީ އާއި އެސިސްޓެންޓް ރެފްރީ ވަށާލައި ގަޔަށް އަތްލައިފަ އެވެ. އަދި ދަނޑުގެ ތަކެއްޗަށް ގެއްލުން ދީ ކުޅިވަރުގެ ރޫހާ ހިލާފް އަމަލުތަކެއް ކުޅުންތެރިން ހިންގާފައިވެ އެވެ. ކަވާނީ ވަނީ ދަނޑުގެ ވީއޭއާރު މޮނީޓަރަށް ވެސް ގެއްލުން ދީފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން މުސްލެރާ އާއި ހިމިނޭޒް ވަނީ ސަސްޕެންޝަންގެ އިތުރުން 21،715.40 ޑޮލަރުން ޖޫރިމަނާ ކޮށްފަ އެވެ. ގޮޑިން އާއި ކަވާނީ ޖޫރިމަނާ ކުރީ 16،286.55 ޑޮލަރުންނެވެ.
ކުޅުންތެރިންގެ އިތުރުން ފީފާ އިން ވަނީ އުރުގުއޭގެ ފުޓްބޯޅަ އެސޯސިއޭޝަން ވެސް ޖޫރިމަނާ ކޮށްފަ އެވެ. އެސޯސިއޭޝަން ޖޫރިމަނާ ކުރީ 54،288.50 ޑޮލަރުންނެވެ. ހަމަ އެއާ އެކު އުރުގުއޭގެ ދަނޑުގައި ކުޅޭ މެޗުތަކުގައި ފީފާ އިން އަންގާ މުއްދަތަކަށް، ދެ ގޯލުގެ ފުރަގަހުގައި ހުންނަ ދަނޑުގެ ސީޓުތައް ވެސް ބޭނުމެއް ނުކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy