ރޭގެ މެޗުގައި އެމްބާޕޭ އަށް އަނިޔާ ވެގެން ދަނޑުމައްޗަށް ވެއްޓިފައި.-- ފޮޓޯ: އޭއެފްޕީ
02 ފެބުރުއަރީ 2023 - 13:47
މޮންޓްޕެލިއޭ (ފެބްރުއަރީ 2) - ޕީއެސްޖީން ފްރާންސް ލީގުގައި މޮންޓްޕެލިއޭ އާ ދެކޮޅަށް ކުޅެ 3-1 އިން މޮޅުވި މެޗުގައި ކިލިއަން އެމްބާޕޭ އަށް އަނިޔާވެއްޖެ އެވެ.
މެޗުގައި ފެނުނު ހުރިހާ ގޯލެއް ވެސް ފެނުނީ ދެވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު 55 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ފަބިއަން ރުއިޒް އެވެ. އަދި ދެވަނަ ލަނޑު 72 ވަނަ މިނިޓުގައި ލިއޮނެލް މެސީ ކާމިޔާބު ކޮށްދިން އިރު، 89 ވަނަ މިނިޓުގައި އާނައުޑް ނޯޑިން ވަނީ މޮންޓްޕެލިއޭ އަށް ފަރަގު ކުޑަކޮށްދީފަ އެވެ. ނަމަވެސް އިތުރު ވަގުތުގައި އުމުރުން 16 އަހަރުގެ ފްރާންސް މިޑްފީލްޑަރު ވަރޭން ޒައީރޭ އެމެރީ ވަނީ ލަނޑެއް ޖަހައި ޕީއެސްޖީ އަށް ތިން ޕޮއިންޓް ޔަގީން ކޮށްދީފަ އެވެ.
މެޗުގެ ނުވަވަނަ މިނިޓުގައި ސާޖިއޯ ރާމޯސް އަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީ ފޮނުވާލީ އެމްބާޕޭ އެވެ. އޭނާ ޕެނަލްޓީ ފޮނުވާލުމުން މޮންޓްޕެލިއޭގެ ކީޕަރު ބެންޖަމިން ލެކޮމްޓޭ ދިފާއު ކުރި ނަމަވެސް ގޯލް ލައިނުން ބޭރުގައި ހުރުމުން އަލުން ޕެނަލްޓީ ޖަހަން އެމްބާޕޭ އަށް ފުރުސަތު ލިބުނެވެ. ނަމަވެސް މިފަހަރު ވެސް އެމްބާޕޭ އަށް ކާމިޔާބެއް ނުވި އެވެ. ގޯލު ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ދެވަނަ ފަހަރަށް ފޮނުވާލުމުން ވެސް ދިޔައީ ގޯލު މަތިން ބޭރަށެވެ.
މެޗުގެ 21 ވަނަ މިނިޓުގައި އެމްބާޕޭ އަށް އަނިޔާ ވެގެން ބަދަލު ކުރަން ޖެހުނުއިރު، އޭގެ 10 މިނިޓު ފަހުން ރާމޯސް އަށް ވެސް އަނިޔާވެގެން ވަނީ ބަދަލުކޮށްފަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗު ކްރިސްޓޯފް ގަލްޓިއޭ ބުނީ ލަފާކުރެވޭ ގޮތުގައި އެމްބާޕޭގެ ކަކޫ ކައިރީ ފަލަމަސްގަނޑަށް ތަދެއް އެރީ ކަމަށާއި އަނިޔާ މާ ސީރިއަސް ކަމަށް ނުބެލެވޭ ކަމަށެވެ.
"އަހަރެން އެހާ ހާހެއް ނުވޭ. އޭނާ އަށް ތަދުވެފައި ހެން ހީވަނީ، އަދި ޔަގީންކޮށް ބުނާކަށް ނޭނގޭ. ބަރަށް ބައިވަރު މުހިއްމު މެޗުތައް ކުރިއަށް ހުރުމާ އެކު ރިސްކު ނަގާކަށް ބޭނުމެއް ނޫން. އެކަމަކު [އެމްބާޕޭގެ އަނިޔާ] މާ ސީރިއަސް ކަމަކަށް ނުބެލެވޭ،" ގަލްޓިއޭ ބުންޏެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލިއޮނެލް މެސީ ގޯލެއް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރުން ވަނީ އޭނާ އޮފްސައިޑު ކަމަށް ނިންމައިފަ އެވެ. އަދި ޕީއެސްޖީގެ ފުރަތަމަ ގޯލުގެ ކުރިން ދެވަނަ ހާފުގައި އަޝްރަފް ހަކީމީ ވެސް ގޯލެއް ޖެހި އެވެ. އެކަމަކު ބިލްޑް-އަޕް ގައި ޓީމުގެ ކުޅުންތެރިއަކު އޮފްސައިޑް ވެފައި ވާތީ ގޯލު ބަލައެއް ނުގަނެ އެވެ.
މިއީ ލީގުގައި އެންމެ ފަހުން ޕީއެސްޖީ ކުޅުނު ފަސް މެޗުން މޮޅުވި ދެވަނަ މެޗެވެ. މިދިޔަ މަހު ދެ މެޗުން ބަލި ވެފައި ވާއިރު، އެއް މެޗު ވަނީ އެއްވަރު ވެފަ އެވެ.
ރޭޣެ މޮޅާ އެކު ޕީއެސްޖީ ލީގު އެއްވަނައިގައި އޮތީ 21 މެޗުން 51 ޕޮއިންޓް ހޯދައިގެންނެވެ.
ލީގުގެ ދެވަނައިގައި އޮތް ލެންސް ވަނީ ރޭ 1-0 އިން ނީސް އަތުން ބަލި ވެފަ އެވެ. ތިންވަނައިގައި އޮތް މާސޭ ވަނީ 2-0 އިން ނަންޓްސް ބަލިކޮށް 46 ޕޮއިންޓް ހޯދައިގެން ދެވަނައަށް ޖެހިލައިފަ އެވެ. ތިންވަނައަށް ވެއްޓުނު ލެންސް އަށް ލިބިފައި ވަނީ 45 ޕޮއިންޓެވެ.
ޓްރާންސްފާ ބާޒާރުގައި މާސޭ އަށް ބަދަލުވި މޮރޮކޯގެ ޒުވާން ތަރި އައްޒަދީން އޮނާހީ ވަނީ ރޭ މާސޭ ކުޅުނު މެޗުގެ އިތުރު ވަގުތުގައި ގޯލު ޖަހައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުހާނާ
02 February 2023
ޕެނަލްޓީ ޖެހި ބޯޅަ ގޯލްކީޕަރ އަތުގައި ނުވަތަ ގައިގައި ނުޖެހި ގޯލްދަނޑީގައި ޖެހިފައި ނުކުމެއްޖެނަމަ، އެހެން ކުޅުންތެރިޔަކު ނުކުޅެނީސް ޕެނެލްޓީ ޖެހި ކުޅުންތެރިޔާއަށް އެ ބޯޅައެއް ނުކުޅެވޭނެ. ކުޅެފިނަމަ ވާނީ ފައުލްއަކަށް. އެމްބާޕޭ ޖެހި ޕެނެލްޓީ ގޯލްކީޕަރ ގައިގައި ނުޖެހި ގޯލް ދަނޑީގައި ޖެހިފައި ނުކުތުމުން އޭނާ ދެވަނަ ފަހަރަށް ޖެހިނަމަ އެ ބޯޅަ ގޯލަށް ވަނަސް އެއީ ލަނޑަކަށް ނުވާނެ.
ކިތާން
02 February 2023
ކޮބާ އަލް ނަސްރުގެ ހަބަރެއް ނެތްތަ