ރޮބާޓް ޕެޓިންސަންގެ ބެޓްމޭން ދެވަނަ ބައި އިއުލާންކޮށްފި
04 ފެބުރުއަރީ 2023 - 07:16
މިދިޔަ އަހަރު ބޮޑު މަގުބޫލުކަމެއް ހޯދި "ބެޓްމޭން" ފިލްމުގެ ދެވަނަ ބައެއް ވާނާ ބްރޯސް އިން އިއުލާނުކޮށްފި އެވެ.
ވާނާ ބްރޯސް އިން މިދިޔަ ހޯމަ ދުވަހު ބޭއްވި ޕްރެސް އިވެންޓެއްގައި، ޑީސީ ސްޓޫޑިއޯއާ މިހާރު ހަވާލުވެ ހުންނަ ޖޭމްސް ގަން އަދި ޕީޓާ ސަފްރަން ވަނީ "ބެޓްމޭން ޕާޓް 2" ގެ ނަން ދީފައިވާ އެ ފިލްމު ނިކުންނާނެކަން ކަށަވަރުކޮށްދީފަ އެވެ.
ބެޓްމޭން ފިލްމުގެ ލީޑުން ފެނުން ރޮބާޓް ޕެޓިންސަން
ފުރަތަމަ ބައިގެ ޑައިރެކްޓަރު މެޓް ރީވްސް ޑައިރެކްޓްކުރާ "ބެޓްމޭން ޕާޓް 2" ތިއޭޓާތަކުގައި އަޅުވަން ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު އެވެ.
ގަން އާއި ސަފްރަން ޑީސީއާ ހަވާލުވުމަށް ފަހު އަންނަނީ އާ ޑީސީ ޔުނިވާސްއެއް އުފައްދަމުންނެވެ. އޭގެ ތެރޭގައި، މި ފިލްމުގެ އިތުރުން، ހަމަ 2025 ގައި ނުކުންނަ "ސުޕަމޭން: ލެގަސީ" ފިލްމަކީ އެ ޔުނިވާސްގެ "ޑީސީ: އެލްސްވޯލްޑް" ކެޓަގަރީގައި ހިމެނޭ ފިލްމުތަކެވެ.
ބެޓްމޭން: ފިލްމުގެ ބްރޫސް ވޭން/ބެޓްމޭން ރޯލުން ފެންނަ ރޮބާޓް އަދި ކެޓްވުމެން/ސެލީނާ ކައިލްގެ ރޯލުން ފެނުނު ޒޯއީ ކްރަވިޓްސް
ޑީސީން އިއުލާނުކުރި އާ ފިލްމުތަކުގެ ތެރޭގައި، އަންނަ އަހަރު ރިލީޒްކުރާ، ވަކީން ފީނިކްސް އާއި ލޭޑީ ގާގާ ލީޑުން ފެންނަ "ޖޯކާ: ފޯލީ އަ ޑާރް" އާއި، ޕްރޮޑިއުސާ ޖޖ. އަބްރަމްސްގެ ވަކި ސުޕަމޭން ފިލްމެއް ވެސް ހިމެނެ އެވެ.
ގަން އާއި ސްފްރަން ބުނި ގޮތުގައި، ރޮބާޓް ޕެޓިންސަންގެ ބެޓްމޭންއާ އެކު ރީވްސް ވަކިން "ޑީސީ: އެލްސްވޯލްޑް" އެކްސްޕްލޯ ކުރަން ދޫކޮށްލުމަށް ފަހު، ޑީސީ ޔުނިވާސްގެ އާ ބެޓްމޭންއެއް ރިކާސްޓު ކުރަން ވަނީ ހަމަޖެހިފަ އެވެ. ކުރިމަގުގައި ޑީސީގެ ފިލްމުތަކުން، ބެން އެފްލެކްގެ ބެޓްމޭން އަދި ހެންރީ ކެވިލްގެ ސުޕަ މޭން ނުފެންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy