އަމީނީ މަގު އަލުން ހެދުމަށް ކޮނެފައި.- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
10 ފެބުރުއަރީ 2023 - 16:44
ތާރު އަޅައިގެން އަމީނީ މަގު އަލުން ހަދާއިރު ކާރުބާރުބޮޑު އެ މަގު ހަނިކޮށް ހެދުމުގެ ޑިޒައިނަށް އަދިވެސް އެއްވެސް ބަދަލެއް ނުގެންނާތީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަމީނީ މަގު އަލުން ހެދުމުގެ އަގު ބޮޑުވުމާއި މަސައްކަތުގެ ސްޕީޑް ލަސްވެފައިވާއިރު، އެ މަގުގެ ފުޅާމިން ތިން ފޫޓުން ދެ އިންޗި އަށް ހަނިކޮށް ހަދާ ހެދުމަށް އެއްވެސް ބަދަލެއް ނުގެނައުމަކީ މިނީ ބަސް އަދި ދެ ފަރާތުން ދުއްވުމުގައި ޓްރެފިކަށް ދިމާވާނެ ދާއިމީ ދަތިކަމެއް ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، އަމީނީ މަގުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަނީ 39 މިލިއަން ރުފިޔާ އިން 84 މިލިއަން ރުފިޔާ އަށް އަގު މަތިކޮށްގެންނެވެ.
އަމީނީ މަގުގައި ތާރުއެޅުމަށް ޕްލޭނިން މިނިސްޓްރީން އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރު ޖުލައި ތިނެއްގަ އެވެ. އޭރު އެ މަސައްކަތް ހަވާލުކުރީ 10 މަސް (210 ދުވަސް) ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. އެ މުއްދަތު އަންނަ މެއި މަހަށް ހަމަވާއިރު، ތާރު އެޅުމުގެ އެއްވެސް ކަމެއް އަދި ކުރިއަކަށް ނުގެންދެ އެވެ.
ރައްޔިތުންގެ މަޖިލިހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މި ހަފުތާގައި ވިދާޅުވީ، މަސައްކަތް ލަސްވަނީ އެކި ކަހަލަ ދަތިތައް ހުރުމުންނެވެ. އެންމެ ބޮޑު ގޮންޖެހުމަކަށް ކުރިމަތިވީ އެމްޑަބްލިއުއެސްސީ އަށް ބޭނުންވާ ހޮޅިތައް ސަޕްލައިކުރުން ލަސްވުން ކަމަށް އޭނާ ވިދާޅުވި އެވެ.
Ameenee Magu ge masakkai inthihaa ah las koh, adhi ehaame agubodu koh (39m in 84m ah), hadhamun dhaa iru, magu ge fulhaaminun 3 ft 2 inch hanikoh hadhaa hedhumah adhives evves badhaleh nugenaumakee public transport bus thah adhi 2 way traffic ah kurimathivaa dhaaimee dhathikameh. https://t.co/3hlOZN6SAF
— Dr Mohamed Muizzu (@MMuizzu) February 10, 2023
އެކަންކަމަށް ރިއާޔަތްކޮށް، މަގު ނިމޭނީ އަންނަ ސެޕްޓެމްބަރު 27 އަށް ކަމަށް އަސްލަމް ވިދާޅުވި އެވެ.
އަޑިގުޑަންތައް ގިނަ މަގު ތަރައްގީ ކުރަން އެންމެ ފުރަތަމަ ހަވާލުކުރީ ސިޓީ ކައުންސިލަށް 39 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް، ފަހުން އެ މަޝްރޫއު އާރުޑީސީއާ ހަވާލުކުރީ އޭގެ ދެ ގުނަ އަގުބޮޑުކޮށް 84 މިލިއަން ރުފިޔާއަށެވެ.
މުއިއްޒު ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ވެސް އަމީނީ މަގުގެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެ ދުވަހު އޭނާ ވިދާޅުވީ، އެ މަގު ހަދަނީ ޕޭވްމަންޓް ވަރަށް ފުޅާކޮށް، މަގުގެ ދުއްވަން އޮންނަ ބައި 25 ފޫޓުން 21 ފޫޓް 10 އިންޗި އަށް ހަނިކޮށް ކަމުން މަގުގެ ތޮށްޖެހުން އިތުރަށް ގޯސްވާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
"ބިމުގެ އަޑިއަށް ލުމަށް ކުރިން ނިންމާފައިވާ "ކޭބަލްޓްރޭ" އަނެއްކާވެސް މި ފެންނަނީ ބިމުން މަތީގައި ހަދަމުން ދާ ތަން،" ފޮޓޯތަކާއެކު ކުރެއްވި ޓުވިޓެއްގައި މުއިއްޒު ކުރިން ވިދާޅުވެފައި ވެ އެވެ.
އަމީނީ މަގުގެ މަސައްކަތް ލަސްވާތީ އާންމުންގެ ފާޑުކިޔުން ސަރުކާރަށް ވަރަށް ބޮޑަށް އާމަޒުވެފައިވެ އެވެ. އަދި އެ މަގުގައި ޕޭވިންގެ މަސައްކަތް މިހާރު ނިމިފައި އޮތް ސަރަހައްދުގައި ތާރު ނާޅާ އޮތުމުން އުނދަގޫވާތީ އެ ހިސާބުގައި ދިރިއުޅޭ މީހުން އެކަމުގެ ޝަކުވާ ވެސް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސީމާ ހަސަން
12 February 2023
މީހަކު ރަނގަޅު ވާހަކައެއް ބުނީމަ އެކަން ގަބޫލްކުރަން ވާނެ. ސާރުކާރުން މިކަން ރަނގަޅުކުރޭ
އިލްޔަސައު
12 February 2023
އަސްލުވެސް. ތިހެން ހެދީމަ މަގު ބޭނުންކުރާ މީހުންނަ ވަރަށް ދަތިވާނެ.
ރުގިއްޔާ ސައީދް
12 February 2023
ޝުކުރިއްޔާ މުއިއްޒް. ތިއީ ހަމަ އަހަރުމެންގެ ހައްގުގައި ވަކާލާތު ކުރާ މީހެއް.
ޒިޔާއު
12 February 2023
74 މިލިޔަން ނަގައިގެން ހުސް އޮޅުވާލުން އާރްޑީސީ މިއޮޅުވާލަނީ. ވަރަށް ދަށްސ
ޝުކޫރު
12 February 2023
ރައްޔިތުންގެ އިހްސާސްތައް ދަންނަ މީހަކަށް ހުރީ މިހާރު މުއިއްޒް އެކަނި
އަފާފް ސައީދް
12 February 2023
އޭރުވެސް އަހަރުމެން ބުނިން ތިތަން ހަވާލުކުރާށޭ ކައުންސިލާ. މާ ރަނގަޅުވާނެޔޭ
މުނައްވަރު ހަސަން
12 February 2023
ވިސްނުންތެރިކަމާއި އެކު މިމީހުން ނުކުރޭ ކަމެއް. ހަމަ އެއްޗަކަށް އެއްޗެއް ތިހަދާލަނީ. ސިޓީ ކައުންސިލާ ހަވާލުކުރިނަމަ ރަނގަޅުވީސް
އަޒީޒް އަކްބަރު
12 February 2023
މި ސަރުކާރުގެ އެއްވެސް ޕްލޭނެއް ނެތް. ހުރިހާ ކަމެއްވެސް ހުރީ ހަމަ ތިހެން. ފެއިލްވެއްޖެ
މުފައްވަރު
12 February 2023
ހަގީގަތުގައިވެސް. މުޅި މަގު ކުޑަކޮށްފި. ގަސް ކަނޑައިފި.
ޝާވިން ހަމީދް
12 February 2023
މުއިއްޒް މެން ކަންބޮޑުވުން ފާޅުކުރަން ހައްގު. އެއްވެސް ކަމެއް ރަނގަޅަށް މި ސަރުކާރުން ނުކުރޭ.