ވިޔަފާރި

ލީޑާސް އޮފް ޓުމޯރޯ: ކުދިންނަށް ދަސްވީ ކުރިއަށް ދާންވީ މަގު

ދަ ސާކަލްއިން ކުރިއަށް ގެންދިޔަ ޕްރޮގުރާގުރާމެއްގެ ބައިވެރިން. ލީޑާސް އޮފް ޓުމޯރޯ އަކީ ދަ ސާކަލްގެ ޕްރޮގުރާމެއް. -- ފޮޓޯ: ދަ ސާކަލް

ސްކޫލް ނިންމާފައި ބޭނުންވީ މެރިން ބަޔޮލޮޖިސްޓަކަށް ވާށެވެ. އެކަމަކު އަސްލު އެ ދާއިރާއިން ކުރިއަށް ދާން ހަދަންވީ ގޮތެއް، ކުރަންޖެހޭ ކަމެއް ވެސް އޮތީ ނޭނގި އެވެ. އުމުރުން 16 އަހަރުގެ އަހުމަދު ޝަޔާން އަންވަރަށް އޭނާ ކުރިއަށް ދާންވީ މަގު ސާފުވީ އުގެއިލް ފައުންޑޭޝަނުން ފެށި "ލީޑާސް އޮފް ޓުމޯރޯ" ޕްރޮގުރާމުންނެވެ.

ޅ. ނައިފަރު މަދަރުސަތުލް އިފްތިތާހުގެ ގުރޭޑު 9 ގައި ކިޔަވާ ޝަޔާން ޝައުގުވެރިކަން ހުއްޓަސް، މެރިން ބަޔޮލޮޖީ ދާއިރާއާ ގުޅުން ހުރި މައުލޫމާތު އެކަށީގެންވާ ވަރަށް ލިބިފައި ނެތުމާއި އެ ދާއިރާ އިން ކިޔަވަން ހުރި ފުރުސަތުތައް ނޭނގުމުން އެ ދާއިރާއިން ކުރިއަށް ދެވިދާނެ ކަމަށް އުންމީދެއް ނުކުރެ އެވެ.

"ލީޑާސް އޮފް ޓުމޯރޯ އަކީ ވަރަށް ބޮޑަށް ކެރިއާ ގައިޑެންސް ލިބުނު ޕްރޮގުރާމެއް. އެ ޕްރޮގުރާމުން އެނގިއްޖެ މެރިން ބަޔޮލޮޖިސްޓަކަށްވުމަށް ދާންވީ އެންމެ ރަނގަޅު ޔުނިވާސިޓީތަކާއި އެ ތަންތަނުން ފުރުސަތު ހޯދަން ކުރަންވީ ކަންތައްތައް. އަދި މި ދާއިރާއިން ކިޔެވުމަށް މުހިންމު މާއްދާތަކާއި ފާސްވާންވީ މިންވަރާއި ޔުނިވާސިޓީއަށް ބޭނުންވާ ސީވީ އާއި އިންޓަވިއުއަށް ތައްޔާރުވާންވީ ގޮތް ވެސް އެނގިއްޖެ،" ޝަޔާން ކިޔައިދިނެވެ.

ސްކޫލް ނިންމުމަށް ފަހު ވަޒީފާގެ މާހައުލަށް ނުކުންނައިރު ކުރިއަށްދާންވީ ދާއިރާ އިހްތިޔާރު ކުރުމަކީ ކިޔަވާ ކުދިންނަށް ނިންމަން އެންމެ އުނދަގޫ ނިންމުމެވެ. "ލީޑާސް އޮފް ޓުމޯރޯ" އަކީ 13 އަހަރާއި 15 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޓާސްކް ބޭސްޑް އަދި ޕްރޮޖެކްޓް ބޭސްޑް ޕްރޮގުރާމެކެވެ.

ދަ ސާކަލްއިން ކުރިއަށް ގެންދިޔަ ޕްރޮގުރާމެއްގައި ދަރިވަރުން ބައިވެރިވަނީ؛ "ލީޑާސް އޮފް ޓުމޯރޯ" އަކީ ވެސް އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޕްރޮގުރާމެއް.

އެ ޕްރޮގުރާމުގައި ދަރިވަރުން ކުރިއަށްދާން ބޭނުންވާ ދާއިރާތަކުގެ މައުލޫމާތާއި އެ ދާއިރާތަކަށް އަންނަމުންދާ ބަދަލުތަކާއި އެ ދާއިރާތަކުން ކުރިއަށް ދިއުމަށް ކިޔަވަންޖެހޭ އެކި މާއްދާތަކާ ބެހޭ މައުލޫމާތު ދެ އެވެ. އަދި ވާހަކަދެއްކުމާއި މުއާމަލާތްކުރާނެ ގޮތުގެ ހުނަރާއި، ނެޓުވޯކްކުރާނެ ގޮތްތަކާއި ގޮންޖެހުންތަކާ ކުރިމަތިލާން ބޭނުންކުރަންވީ އުކުޅުތައް ވެސް ދަސްކޮށްދޭ ޕްރޮގުރާމެކެވެ.

އެ ޕްރޮގުރާމު ފުރިހަމަކުރި ޝަޔާން އޭނާގެ ތަޖުރިބާ ހިއްސާކުރަމުން ބުނީ އެ ޕްރޮގުރާމް މެދުވެރިކޮށް، ވާހަކަ ދެއްކުމުގެ ހުނަރާއި ކްރިޓިކަލް ތިންކިން އާއި ކުރިމަތިވާ އެކި މައްސަލަތަކާ ކުރިމަތިލާންވީ ގޮތް ދަސްވި ކަމަށެވެ. އޭނާ ބުނި ގޮތުގައި އެ ޕްރޮގުރާމުން އޭނާއަށް ދަސްވި އެންމެ މުހިންމު ހުނަރަކީ ޓައިމް މެނޭޖުކުރުމެވެ.

"ޕްރޮގުރާމުން ދަސްވި އެންމެ މުހިންމު ކަމަކީ ޓައިމް މެނޭޖުކުރުން. އެކި ކަންކަމުގައި ޓައިމް މެނޭޖުކުރަންވީ ގޮތް ދަސްވި. މިސާލަކަށް، މިހާރު ޓެސްޓުތަކަށް ތައްޔާރު ވާއިރު އެކި މާއްދާތައް ކިޔެވުމަށް ވަގުތު ދޭންވީ ގޮތާއި އިތުރު ހަރަކާތްތަކާއި ކިޔެވުން ބެލެންސްކުރާނެ ގޮތް ވެސް މިހާރު އިނގޭ. މި ވަގުތަށް ވެސް ބޭނުންތެރި ކަމަކަމަށް އެ ކަންވީމާ ފިއުޗާގަ އަދި މާ ފައިދާ ކުރާނެހެން ހީވަނީ." އޭނާ ބުންޏެވެ.

ޝަޔާން ބުނި ގޮތުގައި އެ ޕްރޮގުރާމުން ހަވާލުކުރި އެކި މަސައްކަތްތަކުގެ ތެރެއިން އެކި މީހުންނާ ގުޅިގެން މަސައްކަތް ކުރަންވީ ގޮތާއި ޓީމް ބިލްޑިން އާއި އެކުގައި މަސައްކަތް ކުރާއިރު ޖެހޭ އެކި މައްސަލަތައް ހައްލުކުރަންވީ ގޮތް ވެސް ދަސްވި އެވެ.

ދަ ސާކަލް އިން ކުރިއަށް ގެންދިޔަ ޕްރޮގުރާމެއްގެ ތެރެއިން. ދަ ސާކަލްގެ ދަށުން އެކި ނަންނަމުގައި ދަރިވަރުންނަށް ޕްރޮގުރާމުތައް ދަނީ ހިންގަމުން. -- ފޮޓޯ: ދަ ސާކަލް

ބައިވެރިންނަށް ޕްރޮގުރާމުން ހަވާލުކުރި މަސައްކަތްތަކުގެ ތެރެއިން ޝަޔާންއަށް އެންމެ ކަމުދިޔައީ ފަހު މަސައްކަތެއްގެ ގޮތުގައި ހަވާލުކުރި ޕްރޮޖެކްޓެވެ. އެ ޕްރޮޖެކްޓުގައި އޭނާއަށް ޕްރޮގުރާމުން ދަސްވި ލިޔުންތެރިކަމުގެ ހުނަރު ބޭނުންކުރުމުގެ ފުރުސަތު ލިބުނު ކަމަށް ޝަޔާން ބުންޏެވެ.

"އެންމެ ފަހު ޕްރޮޖެކްޓަށް އަޅުގަނޑު ތައްޔާރުކުރީ މި ރަށުގެ އެކި މީހުންގެ ބަޔޮގްރަފީތަކެއް. އޭގައި މި ރަށުގެ ޓީޗަރުންނާއި ލަވަކިޔުންތެރިންނާއި ޑައިވަރުންނާއި ތަފާތު އެކި ދާއިރާތަކުގެ މީހުން ހިމެނޭނެ. އެ ބަޔޮގްރަފީ ތައްޔާރުކުރި އިރު ޕްރޮގުރާމުގައި ކިޔައިދިން ގިނަ އެއްޗިހި އިތުރަށް އަންޑަސްޓޭންޑްވި. އެ މީހުންނާ އިންޓަވިއުކުރި އިރު ޕްރޮގުރާމުގައި ކިޔައޮދިން ކަންތައްތައް އެ މީހުން ވެސް ކުރިއަށް ދާން ބޭނުންކޮށްފައި ހުރިކަން ވަރަށް ބޮޑަށް ފާހަގަކުރެވުނު." ޝަޔާން ބުންޏެވެ.

ޝަޔާން ބުނި ގޮތުގައި ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ވުމަށް މި ޕްރޮގްރާމުން ވަނީ ހިތްވަރު ލިބިފަ އެވެ. އަދި އެ ޕްރޮގުރާމުން ދަސްވި ކަންތައްތަކާ އެކު މަތީ ތައުލީމުގެ ހަޔާތް ފެށުމަށް ކެތްމަދުވެފައިވާ ކަމަށް ވެސް ބުންޏެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޮލޮވާ

14 February 2023

ފޮލޮވާސް އޮފް ޓުމޯރޯވެސް އުފައްދަން އެބަ ޖެހޭ. އެންމެން ލީޑް ކުރީމަ ދެން ފޮލޯ ކުރާނެ ބައެއް ނުތިބޭނެ ދޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454