ކިއުޕީއާރު ގެ 21 އަހަރުން ދަށުގެ ޓީމަށް ކުޅޭ ހާރޫން ހާމިދު (ކ) އަދި ޑެންމާކުގެ އެޗްބީ ކޯގް އަށް ކުޅޭ ޝަހްޒާދު އަރުޝަދު (ވ)، ދެ ކުޅުންތެރިން ވެސް ވަނީ ރާއްޖެއާ ދެކޮޅަށް ކުޅޭ ޕާކިސްތާޏް ޓީމުގެ ސްކޮޑުގައި ހިމަނައިފައި.--
17 މާޗް 2023 - 13:14
އަންގާރަ ދުވަހު ރާއްޖެއާ ދެކޮޅަށް ލ. ގަމުގައި ޕާކިސްތާނުން ކުޅޭ ފުޓްބޯޅަ މެޗުގެ ސްކޮޑުގައި އިންގްލެންޑާއި ޑެންމާކުގައި ކުޅޭ އެ ގައުމަށް ނިސްބަތްވާ ދެ ކުޅުންތެރިއަކު ހިމަނައިފި އެވެ.
އަލަށް ނެގި ދެ ކުޅުންތެރިންނަކީ އިންގްލެންޑްގެ ކިއުޕީއާރު 21 އަހަރުން ދަށުގެ ޓީމަށް ކުޅޭ 19 އަހަރުގެ މިޑްފީލްޑަރު ހާރޫން ހާމިދު އަދި ޑެންމާކުގެ އެއް ވަނަ ޑިވިޝަން ކްލަބް އެޗްބީ ކޯގް އަށް ކުޅެމުން އަންނަ 20 އަހަރުގެ ފޯވާޑް އަބްދުއްސަމަދު ޝަހްޒާދް އަރުޝަދެވެ.
ތިން ވަނަ ފަރާތެއްގެ ނުފޫޒު ޕާކިސްތާނުގެ ފުޓުބޯޅަ ފެޑެރޭޝަނަށް ފޯރުވުމާ ގުޅިގެން އެންމެ ފަހުން 2021 ވަނަ އަހަރު ޕާކިސްތާނުގެ ފުޓްބޯޅައަށް ވަނީ ފީފާގެ ސަސްޕެންޝަނެއް ކުރިމަތި ވެފަ އެވެ. މީގެ ސަބަބުން އެ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ޕާކިސްތާނަށް ވާދަކުރުމުގެ ފުރުސަތު ގެއްލުނެވެ. ފީފާ އިން ސަސްޕެންޝަން އުވާލާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ އެވެ.
އާއްމު ގޮތެއްގައި ޔޫރަޕް ގައި ދިރިއުޅޭ އެ ގައުމުގެ ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު ދޭ ޕާކިސްތާނުން ވަނީ ސަސްޕެންޝަނަށް ފަހު މިދިޔަ އަހަރު ނޭޕާލާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗަށް، ޑެންމާކް ގެ ކްލަބަކަށް ކުޅޭ ޒުވާން ޑިފެންޑަރެއް ވެސް ގައުމީ ޓީމަށް ނަގައިފަ އެވެ.
ޕާކިސްތާން ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ރާއްޖޭގެ ފުޓުބޯޅައަށް އެންމެ ފަރިތަ ކުޅުންތެރިއަކަށް ވާނީ އެ ގައުމުގެ ގޯލްކީޕަރު ސާގިބް ހަނީފް އެވެ. ދިގު މުއްދަތެއް ވަންދެން ރާއްޖޭގެ ލީގުގައި ކުޅޭ ސާގިބް މިދިޔަ ސީޒަން ގައި ފެނުނީ ކްލަބް ގްރީން ސްޓްރީޓްސްގެ ގޯލުންނެވެ. އޭގެ ކުރިން އޭނާ ވަނީ ދިވެހި ޕްރިމިއާ ލީގުގައި ބީޖީ ސްޕޯޓްސް ކްލަބާއި އއ. މާޅޮސް ފުޓްބޯޅަ ޓީމް އަދި ށ. ފޯކައިދޫ ފުޓްބޯޅަ ކްލަބްގެ ގޯލު ވެސް ބަލަހައްޓައިފަ އެވެ.
މީގެ އިތުރުން އެ ގައުމުގެ ޑިފެންޑަރު ސައީދު އަބްދުﷲ ޝާހު ވަނީ މިދިޔަ އަހަރުގެ ރާއްޖޭގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އަށް ކުޅެފަ އެވެ. ގަމުގައި ރާއްޖެއާ ދެކޮޅަށް ކުޅޭ ޕާކިސްތާން ގައުމީ ޓީމަށް ނެގި ސްކޮޑުގައި ވެސް އޭނާ ހިމެނެ އެވެ.
ފަސް އަހަރުތެރޭ ފީފާގެ ދެ ވަނަ ސަސްޕެންޝަނަކުން އަރައިގަނެ، ޕާކިސްތާނުން އަންނަނީ އިންޓަނޭޝަނަލް ބްރޭކުން ބޭރުގައި ވެސް ގައުމީ ޓީމުގެ ކުޅުންތެރިންނަށް ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ހޯދައިދޭން މަސައްކަތް ކުރަމުންނެވެ. މިދިޔަ އަހަރު ރާއްޖެއާ ދެކޮޅަށް އެ ގައުމުގައި މެޗެއް ކުޅެން ޕާކިސްތާނުގެ ފެޑެރޭޝަނުން މަސައްކަތް ކުރި ނަމަވެސް އެ ދައުވަތު ރާއްޖޭން ގަބޫލު ކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްކަންދަރު
17 March 2023
15 އަހަރުން ދަށުގެ އިންޓަ ސްކޫލުން ވެސް ފެނުނު ފުރަތަމަ ޑިވިޝަން ޕްލޭޔަރުންނަށް ވުރެ ފެންވަރު މާ ރަގަޅޔ ޕްލޭޔާސް. މިކަހަލަ ފްރެންޑްލީސް ގަ ޗާންސް ދޭނެކަމަށް އުންމީދު ކުރަން
ލޮބީ
17 March 2023
ރާއްޖެ ޓީމުން ޗާންސް ލިބެނީ ބައްސާމަށް ބައިއަޅާ ކުލަބުތަކު ކުޅުންތެރީނަށް
ސްނެޕާ
17 March 2023
ރާއްޖޭގެ ކުޅުންތރިން ވެސް އުޅޭ ޔޫރަޕުގަ. ކުޅުވި ހަމައެކަނި ސޮރު ގެނެވޭތަ މި މެޗަށް؟ އަހަރެމެން ކުރިމަތީގަ އެސޮރު ލައްވަ ކުޅުވާލަން