ދެވަނަ ފަހަރަށް ބޮކްސިން ވޯލްޑް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޒަރީން.-- ފޮޓޯ: އިންޑިއާ ބޮކްސިން ފެޑެރޭޝަން
27 މާޗް 2023 - 13:46
ނިއު ދިއްލީ (މާޗު 27) - ބޭނުންވަނީ އިނާމު ފައިސާ އިން މައިންބަފައިންނަށް އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ހޯދައިދޭން ކަމަށް ދުނިޔޭގެ އަންހެން ބޮކްސިން ޗެމްޕިއަންކަން އިއްޔެ ހޯދި އިންޑިއާގެ ނިކާތު ޒަރީން ބުނެފި އެވެ،
އިންޑިއާ ގައި އިއްޔެ ނިމުނު ވޯލްޑް ޗެމްޕިއަންޝިޕް އުމުރުން 26 އަހަރުގެ ޒަރީން ހޯދީ، އޭޝިއާގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ވިއެޓްނާމްގެ އެންގާޔެން ތީ ޓާމް ބަލި ކޮށްގެންނެވެ.
ވޯލްޑް ޗެމްޕިއަންޝިޕްގެ ރަން މެޑެއްޔާ އެކު ޒަރީން އަށް ވަނީ 100،000 އެމެރިކާ ޑޮލަރު (1.5 މިލިއަން ރުފިޔާ) ގެ ފައިސާގެ އިނާމެއްގެ އިތުރުން، މުބާރާތުގެ ޓައިޓަލް ސްޕޮންސަރު ކަމަށްވާ މަހިންދުރަ އޮޓޯމޮޓިވްގެ ކާރެއް ލިބިފަ އެވެ.
ޒަރީން ކުރިން ބުނީ އިނާމު ފައިސާ ބޭނުންކުރާނީ މާސެޑީސް ބްރޭންޑުގެ ކާރެއް ގަންނަން ކަމަށެވެ. ނަމަވެސް މުބާރާތުގެ ސްޕޮންސަރުން ހަދިޔާ ކުރި ކާރާ އެކު، އިތުރު ކާރެއް ގަންނަން ހަރަދު ނުކޮށް އޭނާ ބޭޏުން ވަނީ މައިންބަފައިން އުމްރާއަށް ފޮނުވާށެވެ.
"އަހަރެން ބޭނުންވަނީ މައިންބަފައިން އުމްރާ އަށް ފޮނުވަން. މިހާރު ރޯދަ މަސް ވެސް މި އައީ. ގެއަށް ގޮސް މަންމަ އާއި ބައްޕަ ގާތުގައި އެވާހަކަ ދައްކާނަން،" އިންޑިއާގެ ނިޒާމްއާބާދުގެ މުސްލިމް އާއިލާއަކަށް ނިސްބަތްވާ ޒަރީން ބުންޏެވެ.
ދެހާސް އެގާރަ ވަނަ އަހަރު ދުނިޔޭގެ ޖޫނިއާ ބޮކްސިން ޗެމްޕިއަންޝިޕުން ރަން މެޑަލް ހޯދި ޒަރީން ވޯލްޑް ޗެމްޕިއަންޝިޕް ގައި ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދީ މިދިޔަ އަހަރުގެ މުބާރާތުގަ އެވެ. އޭގެ އިތުރުން މިދިޔަ އަހަރުގެ ކޮމަންވެލްތު ގޭމްސް ގައި ވެސް އޭނާ ވަނީ ރަން މެޑަލް ހޯދައިފަ އެވެ.
ޒަރީން ބުނީ އޭނާގެ ކާމިޔާބީގެ ސިއްރަކީ އަބަދުވެސް ޕޮޒިޓިވް ވިސްނުމެއް ގެންގުޅުން ކަމަށެވެ. އޭނާ ބުނީ ސްޓިކީ ނޯޓެއްގައި 'ޗެމްޕިއަން' ލިޔެ، ރަން މެޑަލް އެއް ކުރަހައި އެ ނޯޓް އެނދު ކައިރީ ހަރުކޮށްގެން ގެންގުޅޭކަމަށެވެ. އަދި ކޮންމެ ދުވަހަކު ހޭލާ ގަޑީގަ އާއި ކޮންމެ ރެއަކު ނިދަން އަރާ ވަގުތު އެ ނޯޓުކޮޅުން އޭނާ ހިތްވަރު ހޯދާ ކަމަށް އޭނާ ބުންޏެވެ.
އޭޝިއަން ގޭމްސް ގައި ވެސް ވާދަކުރަން ތައްޔާރުވަމުން އަންނަ ނިކާތު ބޭނުންވަނީ އަންނަ އަހަރު ޕެރިހުގައި އޮންނަ އޮލިމްޕިކްސް އަށް ކޮލިފައި ވާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy