މަލާވީއާ ދެކޮޅަށް ކުޅުނު މެޗުގައި މިސްރުގެ ކެޕްތަން ސަލާހު.-- ފޮޓޯ: މިސްރު އެފްއޭ
29 މާޗް 2023 - 12:46
ލިލޯންގްވޭ، މަލާވީ (މާޗު 29) - އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް ކޮލިފައިވާން މުހައްމަދު ސަލާހުގެ ކެޕްޓަންގެ ދަށުން ކުޅޭ މިސްރަށް ކުޑަ އިންތިޒާރެއް ކުރަން ޖެހުނު އިރު މިދިޔަ އަހަރުގެ ޗެމްޕިއަން ސެނެގާލް މުބާރާތަށް ކޮލިފައި ވެއްޖެ އެވެ.
އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ގޮތަށް ތާވަލް ކޮށްފައިވާ މުބާރާތުގެ ކޮލިފައިންގައި މިސްރު ވަނީ މި ބްރޭކްގައި މަލާވީއާ ދެކޮޅަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ކުޅެ 2-0 އިން ކާމިޔާބު ކުރި އިރު ރަށުން ބޭރުގައި ރޭ ކުޅުނު ދެވަނަ މެޗުން މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. އެ އިން ކޮންމެ މެޗެއްގައި ވެސް ސަލާހު ގޯލެއް ޖެހި އެވެ.
އެއާއެކު، ގުރޫޕް ޑީ ގެ އެންމެ ކުރީގައި މިސްރާ އެކު އޮތް ގިނީ އަށް ވެސް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. މަލާވީ އާއި އިތިއޯޕިއާ އަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.
މުބާރާތަށް ކޮލިފައި ވާން މިސްރާއި ގިނީ އަށް ވެސް ބޭނުން ވަނީ އެންމެ ޕޮއިންޓެކެވެ. ކޮލިފައިންގެ ފަހު މެޗުތައް ދެން އޮންނާނީ ޖޫން އަދި ސެޕްޓެމްބަރު މަހު އެވެ. އެންމެ އަވަހަށް މިސްރު ނުކުންނަން އޮތީ ޖޫން މަހު ރަށުން ބޭރުގައި ގިނީއާ ދެކޮޅަށެވެ.
އެންމެ ފަހުގެ ޗެމްޕިއަން ސެނެގާލް ވަނީ ކޮލިފައިން ގުރޫޕް އެލް ގައި މިހާތަނަށް ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުން މުބާރާތުގެ ޖާގަ ޔަގީން ކުރީ ރަށުން ބޭރުގައި ރޭ މޮޒަމްބިކާ ދެކޮޅަށް ކުޅެ 1-0 އިން މޮޅު ވެގެންނެވެ.
ސެނެގާލް ކޮލިފައި ވުމަށް ފަހު ޓީމު ކުޅުންތެރިން ޗޭންޖިން ރޫމުގައި އުފާފާޅު ކުރަނީ.-- ފޮޓޯ: ސެނެގާލް އެފްއޭ
ގުރޫޕް ކޭ ގައި ވާދަކުރާ ޒިމްބާބުވޭ އަށް ކުރިމަތިވެފައިވާ ފީފާގެ ސަސްޕެންޝަނުގެ ސަބަބުން މި ބްރޭކުގައި ކޮލިފައިން މެޗެއް ކުޅެން ނުޖެހި މޮރޮކޯ ވަނީ މުބާރާތަށް ކޮލިފައި ވެފަ އެވެ. އެ ގުރޫޕުގައި ދެން ހިމެނޭ ދެކުނު އެފްރިކާ ވަނީ، 1-0 އިން ލައިބީރިއާ ބަލިކޮށް މުބާރާތުގެ ޖާގަ ޔަގީން ކޮށްފަ އެވެ.
އަލްޖީރިއާ އާއި ބާކީނާ ފާސޯ އަދި ޓިއުނީޝިއާ ވެސް ވަނީ އަންނަ އަހަރު އައިވަރީ ކޯސްޓްގައި ބާއްވާ އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް ކޮލިފައި ވެފަ އެވެ.
އައިވަރީ ކޯސްޓަކީ މުބާރާތުގެ ހޯސްޓް ކަމުގައި ވިއަސް އެ ޓީމު އަންނަނީ ކޮލިފައިންގައި ވާދަކުރަމުންނެވެ. އެ ޓީމު މި ވަގުތު އޮތީ 10 ޕޮއިންޓާ އެކު ގުރޫޕް އެޗް ގެ އެއްވަނައިގަ އެވެ. އެ ޓީމުން ވަނީ 2-0 އިން ރޭ ކޮމޮރޯސް ބަލިކޮށްފަ އެވެ. ލަނޑުތައް ޖަހައިދިނީ ނެދަލެންޑްސްގެ ޕީއެސްވީ އަށް ކުޅޭ އިބްރާހިމް ސަންގާރޭ އާއި ސްޕެއިންގެ ބާސެލޯނާ އަށް ކުޅޭ ފްރޭންކް ކޭސީ އެވެ. އައިވަރީ ކޯސްޓްގެ ފަހަތުން މި ގުރޫޕްގެ ދެވަނައިގައި އޮތީ ނުވަ ޕޮއިންޓް ހޯދާފައިވާ ޒަމްބިއާ އެވެ.
އެފްރިކަން ކަޕް ކޮލިފައިންގައި ހިމެނޭ މަޝްހޫރު އެހެން ގައުމުތަކަށް ބަލައިލާއިރު، ހަތަރު މެޗުން އަށް ޕޮއިންޓް ހޯދައިގެން ގާނާ އޮތީ ގުރޫޕް އީ ގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތީ ހަތް ޕޮއިންޓް ހޯދާފައިވާ ސެންޓްރަލް އެފްރިކަން ރިޕަބްލިކެވެ. ސެންޓްރަލް އެފްރިކަން ރިޕަބްލިކް މީގެ ކުރިން އެފްރިކަން ކަޕަށް ކޮލިފައި ވެފައެއް ނުވެ އެވެ. ފަސް ޕޮއިންޓާ އެކު ތިންވަނައިގައި އޮތީ އެންގޯލާ އެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕް ގައި ބްރެޒިލް ބަލިކުރި ކެމަރޫން ވަނީ ރޭ ނަމްބިއާއާ ވާދަކޮށް 2-1 އިން ބަލި ވެފަ އެވެ. ކެމަރޫންގެ ހަމައެކަނި ލަނޑު ޖަހައިދިނީ ބްރެޒިލް ކޮޅަށް ވެސް ލަނޑު ޖެހި ކެޕްޓަން ވިންސެންޓް އަބޫބަކުރެވެ. އެ ބްރޭކްގައި ކެމަރޫން އިން ނަމްބިއާ އާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
ނައިޖީރިއާ މިވަގުތު ކޮލިފައިންގެ ގުރޫޕް އޭ ގެ އެއްވަނައިގައި އޮތީ ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތީ ހަތް ޕޮއިންޓް ހޯދާފައިވާ ގިނީ ބިސާއު އެވެ. ތިންވަނައިގައި އޮތް ސިއޭރާ ލިއޯނަށް ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy