ކުޅިވަރު / އަލީ އަޝްފާގު (ދަގަނޑޭ)

ކުޅުންތެރިން މޯޓިވޭޓް ކުރަން ދަގަނޑޭގެ ލީޑާޝިޕް މުހިއްމު: އިންމަ

އިންމަ ސަސް އާއެކު މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗަށް ނުކުތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ޓީމުގެ ކުޅުންތެރިން މޯޓިވޭޓްކޮށް، ކުޅުންތެރިންގެ ފަރާތުން ބޭނުންވާ ހިތްވަރު ނެގެން އަލީ އަޝްފާގް (ދަގަނޑޭ) ގެ ލީޑާޝިޕް ވަރަށް މުހިއްމު ކަމަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) ބުނެފި އެވެ.

މާދަމާ ރޭ ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގައި ކްލަބް އީގަލްސް އާ ދެކޮޅަށް ނުކުތުމުގެ ކުރިން އިންމަ ބުނީ ދަނގަނޑޭގެ އެންމެ ޕީކްގައި ނުކުޅެވުނަސް ޓީމުގައި އޭނާ ހުރުމަކީ ޓީމަށް އެތަކެއް ފައިދާއެއް ކުރާނެ ކަމެއް ކަމަށާއި އެއީ ކޯޗަށް ވެސް ލިބޭ ހިތްހަމަ ޖެހުމެއް ކަމަށެވެ.

"ކޮންމެ ޓީމެއްގައި ހުރި ކަމުގައި ވިއަސް މި ޖެނެރޭޝަންގެ ކުޅުންތެރިން އިންސްޕަޔާވާ ކުޅުންތެރިއެއް ދަގަނޑޭއަކީ. ކުޅުންތެރިން މިސާލަކަށް ނަގާ ކުޅުންތެރިއެއް ދަގަނޑޭ އަކީ. ދަގަނޑޭއާ އެކު ކުޅުމުގެ ފުރުސަތަކަށް އެދިއެދި ހުއްޓާ އަޅުގަނޑުމެންގެ ޓީމުގެ ކުޅުންތެރިންނަށް މި ފުރުސަތު ލިބުނީ. ޓީމެއްގެ ހައިސިއްޔަތުން ޓީމުގެ މޯޓިވޭޝަން އަދި ކުޅުންތެރިންގެ ހިތްވަރު ނެރެދިނުމަށް ދަގަނޑޭގެ ލީޑާޝިޕްގެ ރޯލު ވަރަށް ބޮޑަށް އަދާކުރޭ،" އިންމަ ބުންޏެވެ.

"ކޯޗުންނަށް ވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެއީ ޓީމު އެކަތިގަނޑަކަށް ވުން. އެއް ޓާގެޓަކަށް ޓީމް މަސައްކަތް ކުރުން. އަދި ޓީމުގެ އެހެން ކުޅުންތެރިންނަށް ހިތްވަރުދީ، އަދި ޒުވާން ޖެނެރޭޝަނެއް އެމީހަކަށް ވަރަށް ތާއީދު ކުރާ ކުޅުންތެރިއެއް [އަޝްފާގަކީ]. އެންމެ ޕީކް ޕާފޯމަންސް ނެތް ކަމަށް ވިއަސް އޭނާއަށް ޓީމެއްގައި ހުރެ ނަތީޖާ ނެރުމަށް އެންމެ ފީޗާޑް ކުޅުމެއް ނުކުޅެވުނަސް ޓީމަށް ފައިދާހުރި އެތައް ކަމެއް ކުރުމުގެ ގާބިލްކަން ހުރޭ. އަޝްފާގް ޖޮއިން ކުރުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް.

ޕްރެޒިޑެންޓްސް ކަޕް ގައި ސަސް ކުޅުނު ފުރަތަމަ މެޗުގައި ދަގަނޑޭ ވެލެންސިއާ ކޮޅަށް ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަސް އިން ޕްރެޒިޑެންޓްސް ކަޕް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ވަނީ 5-0 އިން ކްލަބް ވެލެންސިއާ ބަލިކޮށްފަ އެވެ. އެ މެޗުގައި އަޝްފާގް ވަނީ އެޓީމަށް ދެ ގޯލު ވެސް ޖަހައިދީފަ އެވެ.

އީގަލްސް އާ ދެކޮޅަށް މެޗު އެއްވަރު ކޮށްލައިގެން ވެސް ސަސް އަށް މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ޔަގީން ވާނެ އެވެ. ނަމަވެސް ޓީމު އޮތީ ރަނގަޅު ކުޅުމެއް ދައްކައި މެޗުން ރަނގަޅު ކާމިޔާބެއް ހޯދުމުގެ އުންމީދުގައި ކަމަށް ކޯޗު އިންމަ ވަނީ ފާހަގަ ކޮށްފަ އެވެ.

މާދަމާރޭ ސަސް އާ ދެކޮޅަށް ނުކުންނަ އީގަލްސް ޓީމު ވަނީ ސީޒަން ފަށަން ކުޅޭ ޗެރިޓީ ޝީލްޑް މެޗު ކުޅެފަ އެވެ. އެ މެޗަށް ފަހު މިހާރު ދެ ހަފްތާވަރު ފާއިތުވެފައި ވީ ނަމަވެސް ސަސް ނުކުންނާނީ އީގަލްސް އަކީ ވަރަށް ރަނގަޅަށް ތައްޔާރު ވެފައި އޮތް ޓީމެއް ކަން ދަނެގެން ކަމަށް އިންމަ ވަނީ ބުނެފަ އެވެ.

ސަސް އަކީ މިދިޔަ ސީޒަނުން ފެށިގެން މުޅިންވެސް ރާއްޖޭގެ ކުޅުންތެރިންގެ މައްޗަށް ޓީމު ބިނާކޮށްގެން ކުޅެމުން އަންނަ ޓީމެކެވެ. މި ސީޒަނަށް ކުރިމަތިލީއިރު ވެސް ޓީމުގައި މުޅިން ވެސް ތިބީ ރާއްޖޭގެ ކުޅުންތެރިންނެވެ. އިންމަ ބުނީ ޓީމުގައި ތިބި ކުޅުންތެރިންނަށް ކޯޗުގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށެވެ. އަދި ބޭރު ކުޅުންތެރިން ގެންނަ ނަމަ ޓީމަށް ފައިދާ ކުރާނީ ދިވެހި ކުޅުންތެރިންގެ ފެންވަރަށް ވުރެ ރަނގަޅު ކުޅުންތެރިން ގެނެސްގެން ކަމަށާއި އެކަމަށް މިވަގުތު ޓީމުގައި މާލީ ތަނަވަސްކަން ނެތް ކަން އިންމަ ފާހަގަ ކޮށްފައި ވެއެވެ.

އިދިކޮޅުން ނުކުންނަ އީގަލްސްގެ ގޯލު މި ސީޒަންގައި ބަލަހައްޓަނީ މުހައްމަދު ޝަފީއު (ޗެކް) އެވެ. ޗެކަކީ މިދިޔަ ސީޒަންގައި ރެލިގޭޝަން ކުޅުނު ސަސްގެ ގޯލުގައި މުހިއްމު ދައުރެއް އަދާކުރި ކީޕަރެކެވެ. މި ސީޒަނުގައި ސަސްގެ ގޯލުގައި ހުރީ އަރަމުން އަންނަ ޒުވާން ކީޕަރު ޔޫސުފް މީސަމް އަބްދުﷲ އެވެ.

އިންމަ ބުނީ ޕްރީ ސީޒަނަކާ ނުލައި މުބާރާތް ކުޅޭއިރު މިއީ ލީގު ފެށެން ވާއިރަށް ތަޖުރިބާ ހޯދައި، ޓީމާއި ސަޕޯޓަރުންގެ ވެސް އިތުބާރު ހޯދަން ޔޫސުފް އަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454