ކުޅިވަރު / ޕްރެޒިޑެންޓްސް ކަޕް

ޕްރެޝަރަށް ނުގޮސް ވިސްނުންތެރިކަން އިސްކުރަން ޖެހޭ: ނިޒާމްބެ

ޕްރެޒިޑެންޓްސް ކަޕްގައި ބުރު ކުޅުނު ފުރަތަމަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ނިޒާމްބެ.-- ފޮޓޯ: އިބްރާހިމް ފާއިދު/ މިހާރު

ބުރު ސްޕޯޓްސް ކްލަބުން ޕްރެޒިޑެންޓްސް ކަޕުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައި ވުމާ އެކު، މުބާރާތުގައި ކުރިއަށް ދާން މުހިއްމު މެޗަކަށް ނުކުންނައިރު، ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރަން ޖެހޭ ކަމަށް، އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

މާޒިޔާއާ ދެކޮޅަށް މިރޭ ބުރުން ގުރޫޕް ސްޓޭޖުގެ ފަހު މެޗަށް ނުކުންނައިރު، ސެމީން ޖާގަ ހޯދަން އެ ޓީމަށް މޮޅުވުން މަޖުބޫރެވެ. ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓްވެ އެޓީމުން ކުޅުނު ފުރަތަމަ މެޗުން ބުރު ވަނީ ޓީސީއާ ދެކޮޅަށް ކުޅެ އެއް ލަނޑުގެ ތަފާތަކުން ބަލި ވެފަ އެވެ. ގުރޫޕް ދޭއްގެ ފުރަތަމަ މެޗުގައި މާޒިޔާ ވަނީ ޓީސީ ބަލިކޮށްފަ އެވެ.

"ޕްރެޝަރު މެޗުގެ ކުރިން ނަގަން ފަށައިފި ކަމަށް ވަންޏާ މެޗުގަ އިންނާނެ ޕްރެޝަރު. ހީވަނީ ތަންކޮޅެއް ބޮޑު ވެސް ވާނެހެން. އެހެންވީމަ ޕްރެޝަރަށް ވުރެ ބޮޑަށް ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރަން ޖެހޭ،" މާޒިޔާއާ ދެކޮޅަށް ނުކުތުމުގެ ކުރިން އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ބުރުގެ ކޯޗު ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ މާޒިޔާއަކީ ކޮންމެ މެޗެއްގައި ވެސް ނަތީޖާ ނެެރޭ ޓީމެއް ކަމުން އެޓީމަކީ ފުރިހަމަ ސްޓްރެންތު ބޭނުންކުރާ ޓީމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. ނަމަވެސް އިދިކޮޅުން ނުކުންނަ ޓީމުގެ ސްޓްރެންތާއި ވީކްނަސް އަށް އެންމެ ރަނގަޅަށް ފޯކަސް ކޮށްގެން ނަތީޖާ ނެރުމަށް ބުރުން މަސައްކަތް ކުރާނެ ކަމަށް ނިޒާމްބެ ބުންޏެވެ.

މާޒިޔާގެ ސްކޮޑުގައި ގައުމީ ޓީމުގެ ކުޅުންތެރިންގެ އިތުރުން ބިދޭސީ ކުޅުންތެރިން ވެސް ހިމެނެ އެވެ. ބުރުގެ ޓީމުގައި އަދި ހިމެނެނީ މުޅިންވެސް ރާއްޖޭގެ ކުޅުންތެރިންނެވެ. ނިޒާމްބެ ބުނީ ބިދޭސީ ކުޅުންތެރިންނަކީ ތަފާތު ދައްކާ ކުޅުންތެރިން ކަމަށް ދެކޭ ކަމަށާއި ނަމަވެސް ފަހުގެ ތާރީހެއްގައި ބިދޭސީ ކުޅުންތެރިއަކަށް އެންމެ ތަފާތުކޮށް ފެނުނީ މިދިޔަ ސީޒަންގައި މާޒިޔާ އާއި ވެލެންސިއާ އަށް ކުޅުނު ދެ ކުޅުންތެރިން ކަމަށެވެ. އަދި މި ސީޒަންގައި މާޒިޔާގެ ސްކޮޑުގައި ތިބި ބިދޭސީ ކުޅުންތެރިންނަށް ޓީމާ އެކު ފަރިތަކުރަން އެންމެ އެކަށޭނަ ވަގުތު ލިބިފައި ވާކަމަށް ނުބެލެވޭ ކަމަށް ނިޒާމްބެ ފާހަގަ ކުރި އެވެ.

މާޒިޔާ އާއި އީގަލްސް ފިޔަވައި ގިނަ ޓީމުތަކުން ސީޒަނަށް ތައްޔާރުވާން ފެށީ ޕްރެޒިޑެންޓްސް ކަޕް ފަށަން ހަފްތާއަކަށް ވެފައި ވަނިކޮށެވެ. ރަނގަޅު ޕްރީ ސީޒަނަކާ ނުލައި ބުރުން ވެސް މުބާރާތް ކުޅެމުން ގެންދާއިރު، ކުޅުންތެރިން އެންމެ ރަނގަޅަށް ތައްޔާރު ކޮށްލެވޭނީ ދިވެހި ޕްރިމިއާ ލީގުގެ ބްރޭކުގެ ފަހަށް ކަމަށް ނިޒާމްބެ ކޯޗު ނިޒާމްބެ ބުނެ އެވެ.

"ބަލަމާ ހިނގާ އެންމެ ރަނގަޅަށް ޓީމު ޓްރެއިން ކޮށްލަން އެކަށީގެންވާ ވަގުތު ލިބިގެން ޓީމަށް ތައްޔާރު ވެގެން ނުކުމެވޭނީ ލީގުގައި މި ލިބޭ ބްރޭކް، ބްރޭކަށް ފަހު ނިކުންނައިރު ޓީމު އޮންނާނި އެންމެ ރަނގަޅަށް ބައްޓަން ވެފައި ކަމަށް މި ބަލަނީ،" ނިޒާމްބެ ބުންޏެވެ.

ފުރަތަމަ މެޗުން ބަލިވުމުން ބުރަށް މޮޅެއް ހޯދުން މުހިއްމު ވަގުތެއްގައި މާޒިޔާއާ ދެކޮޅަށް ނުކުންނައިރު، ކާމިޔާބު ކުރަން އުނދަގޫ ވާނެ ކަމަށް ނިޒާމްބެ ބުންޏެވެ. ނަމަވެސް ހިތްވަރާއި ވިސްނުންތެރިކަމާ އެކު ނުކުމެ ކާމިޔާބު ހޯދިދާނެ ކަމަށް ނިޒާމްބެ ގަބޫލު ކުރެ އެވެ.

"މިމެޗުގައި އެއްވެސް ބަޔަކު ނުކިޔާނެ ބުރު މޮޅުވާނެ ކަމަކަށް. އެންމެން ވެސް ޓެކްނިކަލް ވޯޑަކުން ބުނާކަމަށް ވާނަމަ އަންޑަޑޯގްސް ގޮތުގައި ކައުންޓް ކުރާނީ. އެހެންވީމަ އެއީ އެހާ ފަސޭހަ ކަމަކަށް ނުވާނެ، އެހެން ނަމަވެސް ނުވާނެ ކަމެއް ނޫން. ތާރީހުގައި އެކަން ދައްކާފައި އެބަހުރި،" ނިޒާމްބެ ބުންޏެވެ.

"ކުދި ޓީމުތައް ނުކުމެ ބޮޑެތި ޓީމުތަކުގެ މައްޗަށް، ނެޝަނަލް ޓީމުގެ 11 ކުޅުންތެރިންނާއި ފޮރިން ހަތަރު ކުޅުންތެރިން ލައިގެން އޭއެފްސީ [ކަޕް]ގަ ކުއާޓާ ފައިނަލާ ހަމައަށް ދިޔަ ޓީމުވެސް އެބަހުރި ލޯކަލީ އާދައިގެ ކުޅުންތެރިން ގޮވައިގެން ނުކުތް ޓީމާއެކު އެ ސީޒަނުގައި ބަލިވެފައި. އެހެންވީމަ ޓީމެއް ބަލިވެދާނެ، ޓީމެއް ބަލިވެސް ކުރެވިދާނެ. އޭގައި ބޭނުންވާނީ ހިތްވަރާއި ވިސްނުންތެރިކަން."

ގުރޫޕް ދޭއްގެ ފަހު މެޗުގައި މާޒިޔާ އާއި ބުރު ބައްދަލުކުރާ މެޗު އޮންނާނީ މިރޭ 10 ޖަހާއިރެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454