ކުޅިވަރު / ޕްރެޒިޑެންޓްސް ކަޕް

ފަހު ހާފުގައި ޖެހި ގޯލުތަކުން އީގަލްސް އިން ސަސް ބަލިކޮށްފި

އިމްރާން (މ) އީގަލްސް އަށް ލީޑު ނަގައިދިން ލަނޑު ޖެހުމަށް ފަހު ރިޒޭ (ކ) އާއި ނިޝާމް މުހައްމަދު ރަޝީދާއެކު އުފާފާޅު ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުރަތަމަ ހާފުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ދެ ގޯލު ޖަހައިފައި ވަނިކޮށް، ކްލަބް އީގަލްސް އިން ފަހު ހާފުގައި ކާމިޔާބު ކުރި ގޯލުތަކުން 4-2 އިން މޮޅުވެ، ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް މޮޅަކުން ފަށައިފި އެވެ.

ސަސްގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަށް އަނިޔާވެގެން މި މެޗުގެ ވަރަށް ކުރީކޮޅު ވަނީ ބަދަލު ކުރަން ޖެހިފަ އެވެ.

މިއީ އީގަލްސް މި ސީޒަންގައި ކުޅުނު ދެ ވަނަ މެޗެވެ. ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި އެޓީމު ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަލި ވެފަ އެވެ. ސަސް ވަނީ ޕްރެޒިޑެންޓްސް ކަޕުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ކްލަބް ވެލެންސިއާ ބަލިކޮށްފަ އެވެ.

ސަސް އާއި އީގަލްސް ހިމެނޭ ގުރޫޕް އެކެއްގައި ބާކީ ދެން އޮންނާނީ، އީގަލްސް އާއި ވެލެންސިއާ ބައްދަލުކުރާ މެޗެވެ. މިއީ މުބާރާތް ފަށަން އެންމެ ފުރަތަމަ ކުޅެން އޮތް މެޗެވެ. ނަމަވެސް މިހާރު މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހުގެ ރެއެވެ.

ސަސްގެ ފުރަތަމަ ލަނޑު 11 ވަނަ މިނިޓުގައި އަޝްފާގު ޖެހީ އައިހަމް އަހުމަދު (އައިހު) ނަގައިދިން ހުރަހެއް ބޮލުން ޖަހައެވެ. އަޝްފާގަށް އަނިޔާވީ 25 ވަނަ މިނިޓުގައި އޭރިއާ ތެރެއަށް މަތިން އައި ބޯޅައެއް ހޯދަން މަސައްކަތް ކުރަނިކޮށް، އީގަލްސްގެ ކީޕައު މުހައްމަދު ޝަފީއު (ޗެކް) އެ ބޯޅައަށް ހުރަސް އަޅަން އުޅުމުގެ ތެރޭގަ އެވެ. ރެފްރީ ވަނީ އެއީ ޗެކްގެ އެ ކުށަށް ސަސް އަށް ޕެނަލްޓީއެއް ދީފަ އެވެ.

ޗެކަށް ރީނދޫ ކާޑެއް ދައްކައި މެޗުގެ 28 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ސަސް އަށް ލީޑު ފުޅާ ކޮށްދިނީ އައިހު އެވެ. ލީޑު ފުޅާ ކުރުމާ އެކު އަޝްފާގުގެ ބަދަލުގައި ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) ވަނީ އަލީ ނަސޫހު ރަޝީދު (ޕިލާ) ކުޅެން އަރުވައިފަ އެވެ.

ސަސް އިން ދެ ގޯލު ޖެހުމާ އެކު އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ވެސް ބަދަލެއް ގެނައެވެ. ސާންތީ ވަނީ ބިދޭސީ ކުޅުންތެރިޔާ ޖަކޮންގިރު ކުރުބޮބްބޮއޭވް ބަހީދިރުގެ ބަދަލުގައި ޒައިން ޒަފަރު ކުޅެން ނެރެފަ އެވެ. މި ހާފުގެ ފަހު ވަގުތުގައި ޒައިން އަށް ވަނީ ގޯލެއް ޖަހަން ރަނގަޅު ފުރުސަތެއް ވެސް ލިބިފަ އެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ މާ މަތިން ބޭރަށެވެ.

ދެ ވަނަ ހާފުގައި އީގަލްސް އިން ވަނީ އަނިޔާގައި ހުރި އަހުމަދު ރިޒުވާން (ރިޒޭ) ކުޅެން ނެރެފަ އެވެ. ރިޒޭ ކުޅެން ނުކުތުމާ އެކު އެޓީމުން ބޮޑަށް ކުރިއަށް ޖެހިގެން ވަނީ ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ. އެގޮތުން އެ ޓީމުން ވަނީ ހަތް މިނިޓުތެރޭ ތިން ގޯލު ޖަހައިގެން ފަހަތުން އަރައި ލީޑު ހޯދައިފަ އެވެ.

އީގަލްސްގެ ފުރަތަމަ ލަނޑު 67 ވަނަ މިނިޓުގައި ބޮލުން ކާމިޔާބު ކުރީ ބްރެޒިލް ސްޓްރައިކަރު އިވާން ކާލޯސް އެވެ. އަދި އެއްވަރު ކުރީ 72 ވަނަ މިނިޓުގައި ކާލޯސް އާއި އިބްރާހިމް މުބީން (މުއްކި) ތަނަވަސް ކުރި ފުރުސަތަކުން އިބްރާހިމް މަހުދީ ހުސެއިން އެވެ. މިއީ އޭނާ މި ސީޒަންގައި އީގަލްސް އަށް ބަދަލުވެ ޖަހައިދިން ފުރަތަމަ ލަނޑެވެ. އެއްވަރު ކުރުމުގެ ކުރިން ރިޒޭ ފޮނުވާލި ހިލޭޖެހުމެއް ސަސްގެ ކީޕަރު ޔޫސުފް މަތަކުރިއިރު ރިޒޭ ދުރުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލު ދަނޑީގައި ވެސް ޖެހިފަ އެވެ.

ފަހަތުން އަރައި އީގަލްސް ލީޑު ނެގީ 75 ވަނަ މިނިޓުގައި އިމްރާން ނަޝީދު ޖަހައިދިން ގޯލުންނެވެ. އިންމަ މި ލަނޑު ޖެހީ ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އޯވާހެޑް ކިކަކުން ދިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އީގަލްސްގެ ހަތަރު ވަނަ ލަނޑު ފުރުހަމަ ވަގުތުގެ އެންމެ ފަހު މިނިޓުގައި ޖެހީ ރިޒޭ އެވެ. މިއީ ކީޕަރު ޔޫސުފް ރިޒޭއަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ސަސްގެ ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ) ބޮލުގައި ޖެހިފައި ރިޒޭއަށް ލިބުނު ބޯޅަ ހިފައިގެން ކީޕަރު ކައިރިން ނައްޓަން އުޅުމުގެ ތެރޭގައި ޔޫސުފް ކުރި ކުށަށް ރެފްރީ ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. ފަހު ވަގުތު ޔޫސުފް އަށް ރަތް ކާޑު ދެއްކުމުން ސަސްގެ ގޯލަށް އެރީ މިޑްފީލްޑަރު އަހުމަދު ހަމީދެވެ. ހަމީދު ރަނގަޅު ކޮޅަށް ހަރަކާތް ކުރި ނަމަވެސް ރިޒޭ ފޮނުވާލި ބޯޅަ މަތައެއް ނުކުރެވުނެވެ.

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢެޑަމް ބެ

20 April 2023

އަސްފާގް ނެތީމަ މޮޅުވެވުނީ ، އެހެން ނޫންނަމަ ސަސް މޮޅުވާނެ

The name is already taken The name is available. Register?

ޑޭޒީ

20 April 2023

ދެ ޓީމު ކޯޗުން ވެސް ސަސްގެ ތަފާތަކަށް ފާހަގަ ކުރީ ދަގޭ. އެކަން ވީވެސް އެހެން. ދަގޭ އިންޖަރީ ވުމުން ޓީމުގެ މޯޓިވޭޝަން ވެސް ގެއްލުނު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454