ކުޅިވަރު / ކްލަބް އީގަލްސް

ވެލެންސިއާއާ ދެކޮޅަށް ނުކުންނާނީ ފުރަތަމަ މެޗުން ފިލާވަޅު ލިބިގެން: ސާންތި

އީގަލްސް އިން ސަސް އާ ދެކޮޅަށް ކުޅުނު މެޗުގެ ޕްރީމެޗް ޕްރެސްގައި ސާންތި ވާހަކަ ދައްކަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

24 އެޕްރީލް 2023 - 17:35

2 comments

މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކްލަބް ވެލެންސިއާއާ ދެކޮޅަށް ކްލަބް އީގަލްސް ނުކުންނާނީ، ކުޅުނު ފުރަތަމަ މެޗުން ފިލާވަޅު ލިބިގެން ކަމަށް އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތި) ބުނެފި އެވެ.

އީގަލްސް ކުޅުނު ފުރަތަމަ މެޗުގައި ވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ވާދަކޮށް މޮޅުވެފަ އެވެ. އެ މެޗުން އީގަލްސް މޮޅުވީ ފުރަތަމަ ހާފުގައި ސަސް އިން ދެ ގޯލު ޖަހައިފައި ވަނިކޮށް ފަހަތުން އަރައި ދެ ގޯލު ޖަހައިގެންނެވެ.

ވެލެންސިއާގެ ފުރަތަމަ މެޗުގައި ވެސް ނުކުތީ ސަސް އާ ދެކޮޅަށެވެ. އެ މެޗުގައި ސަސް ވަނީ ޒުވާން ސްކޮޑަކާ އެކު ނުކުތް ވެލެންސިއާ ކޮޅަށް ފަސް ގޯލު ޖަހައިފަ އެވެ. ސާންތި ބުނީ ވެލެންސިއާ ކޮންމެ ހާލެއްގައި އޮތަސް އެއީ ބްރޭންޑެއް ކަމަށާއި ވެލެންސިއާ އަންޑައެސްޓިމޭޓް ނުކުރެވޭނެ ކަމަށެވެ.

"ފުރަތަމަ މެޗުގައިވެސް ތަންކޮޅަށް ބޮޑަށް ފަސޭހަކޮށްލެވުނު. އެހެންވެ އެކަމަށް ވިސްނައިގެން ވެލެންސިއާއާ ދެކޮޅަށް ނުކުންނާނީ،" ގަލޮޅު ދަނޑުގައި އިއްޔެ ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ސާންތި ބުންޏެވެ.

"ވެލެންސިއާއަށް މިހާރު ބޮޑެތި ބަދަލުތަކެއް އައިސްފައި އޮތް ނަމަވެސް، އެ ނަމަކީ ދިވެހި ފުޓުބޯޅައިގެ ބްރޭންޑެއް. އެއީ އަބަދުވެސް ދެކޭ ގޮތް. ވެލެންސިއާ އަންޑައެސްޓިމޭޓެއް ނުކުރާނެ އީގަލްސްއެއް. ވީހާވެސް އަވަހަށް ގޯލެއް ޖަހައި މެޗު ޑޮމިނޭޓް ކުރުމަށް އަބަދުވެސް ބަލާނީ."

ސާންތި ބުނީ، ސަސް އާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅުންތެރިންނަށް ފުރަތަމަ ހާފު ފަރުވާކުޑަ ކޮށްލެވުނީ އެއީ ޗެރިޓީ ޝީލްޑް މެޗް ކުޅުމަށް ފަހު ދެ މެޗު ދޭތެރޭ ބްރޭކެއް ދިޔުމުން ކަމަށެވެ. އަދި ސަސް މެޗަށް ފަހު މި ދޭތެރޭގައި އީދު ވެސް ފާއިތުވެފައި ވުމުން މި މެޗުގައި ވެސް ކުޅުންތެރިންގެ ވިސްނުން އެގޮތަށް ހިނގައިދާނެ ކަމަށް ގަބޫލު ކުރާކަމަށް ސާންތި ބުންނެވެ.

ނަމަވެސް އެ މެޗުގައި ވީހެން ފަހު ހާފުގައި ގޯލުތަކެއް ޖަހައިގެން މޮޅުވުމަކީ ކޮންމެ މެޗެއްގައި ތަކުރާރު ކުރެވޭނެ ކަމެއް ގޮތުގައި ނުބަލައި އެކަމަށް ސަމާލުވާން ކުޅުންތެރިންނަށް ނަސޭހަތްތެރި ވެފައި ވާނެ ކަމަށް ވެސް ސާންތި ބުންޏެވެ.

ސަސް އާ ދެކޮޅަށް ކުޅުނު މެޗުގައި އީގަލްސްގެ އެންމެ މުހިއްމު ފޯވާޑް އަހުމަދު ރިޒުވާޏް (ރިޒޭ) ހުރީ އަނިޔާއިން މުޅިން ރަނގަޅު ނުވެ އެވެ. ނަމަވެސް ދެ ވަނަ ހާފުގައި ކުޅެން ނުކުމެ ނަތީޖާ އަނބުރާލުމުގައި ރިޒޭގެ ދައުރު ބޮޑެވެ. ސާންތި ބުނީ ވެލެންސިއާ އާ ދެކޮޅަށް ނުކުންނަ މެޗުގައި ވެސް ރިޒޭ ކުޅެން ހުރިއްޔާ އެ ފުރުސަތު އޭނާއަށް ފަހި ކޮށްދޭނެ ކަމަށެވެ.

ރިޒޭ އަކީ އީގަލްސްގެ ޔޫތު އެކަޑަމީން ތަމްރީނު ވެގެން ސީނިއާ ފުޓްބޯޅަ ކުޅެން ފެށި ހުނަރުވެރި ފޯވާޑެކެވެ. އަދި އީގަލްސްގައި ތަމްރީނު ވެގެން ކުޅުންތެރިންނަށް ވެފައި ތިބި ކުޅުންތެރިން އެ ޓީމުގައި ގިނައެވެ. އޭގެ ތެރޭގައި ވެސް ކޯޗު ސާންތި އެ ކްލަބުގައި މީގެ ކުރިން ޒުވާން ކުލުންތެރިން އުފައްދައި އެ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދޭން ކުރި މަސައްކަތްތައް ފާހަގަ ކޮށްލެވެ އެވެ.

ޒުވާން ކުޅުންތެރިން އުފެއްދުމުގެ މަރުހަލާ ނިމި މިހާރު އީގަލްސް އޮތީ ތަށްޓަށް މަސައްކަތް ކުރުމުގެ މަރުހަލާގައި ކަން ސާންތި ވަނީ މި ސީޒަންގެ އެންމެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ފާހަގަ ކޮށްފަ އެވެ. ނަމަވެސް ޒުވާން ކުޅުންތެރިން އުފެއްދުމުގެ މަސައްކަތް ހުއްޓާ ނުލައި، ކުޅުންތެރިން އުފެއްދުމުގެ މަގްސަގުގައި ކްލަބުގެ 19 އަހަރުން ދަށުގެ ސްކޮޑްގެ ފަރިތަކުރުންތައް މެއި މަހު ފެށުމަށް ހަމަޖެހިފައި ވާކަން ސާންތި ވަނީ އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުންޏެވެ.

"އެ ފޭސް ނިމިފައި އޮތް ނަމަވެސް، މަސައްކަތްތަކެއް ކުރާނަން އަނެއްކާވެސް ޔޫތު ބެކަޕެއް އީގަލްސްގައި ހެދޭތޯ. އެގޮތުން މިހާރު ވެސް އެބަ އޮތް ވަރަށް ރަނގަޅު 19 އަހަރުން ދަށުގެ ސްކޮޑެއް. [ހަ] ރޯދަ ނިމިގެން މެެއި 1 ގައި އެ ބެޗްގެ ޕްރެކްޓިސް ފަށާނަން،" ސާންތި ބުންޏެވެ.

"އޭގެ މަގްސަދަކީ އީގަލްސްއަށް އަނެއްކާވެސް ޓީމެއް ބިނާކުރުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޓީމެއް ބިނާކުރީމައި އޭގެ ފައިދާ މާ ބޮޑު. ކުޅުންތެރިން ކްލަބަށް ހުންނަ ލޯތްބާއި، ޒުވާން ކުޅުންތެރިން، ކުޅުންތެރިންނަށް ނުވާ އިރުގައި ކުޅުންތެރިން ބައްޓަން ކޮށްލަން މާ ބޮޑަށްވެސް ފަސޭހަވޭ. ތަންކޮޅެއް ދޮށީ ވެފައި، ސްޓާ ޕްލޭޔަރުން ވީމައި ބައްޓަން ކުރަން ތަންކޮޅެއް ބޮޑެތި ޗެލެންޖަސް ހުރޭ. އެއީ ރާއްޖޭގައި އެކަންޏެއް ނޫން، މުޅި ދުނިޔޭގައި ވެސް އެކަން އޮންނަ ގޮތް."

ސާންތި ބުނީ ވެލެންސިއާ މެޗުގައި އީގަލްސްގެ މުޅިން އާ ކުޅުންތެރިން ފެނުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ވެލެންސިއާ އާ ދެކޮޅަށް އީގަލްސް ނުކުންނަ މެޗު ފަށާނީ މިރޭ 10 ޖަހާއިރެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނީޝް

26 April 2023

ފިލާވަޅަކަށް ފަހު ފިލާވަޅެއް ލިބެމުންދާނެ.

The name is already taken The name is available. Register?

ދަލާސްޓް އައްލޯ

25 April 2023

މިއީ ތަ ތިބުނާ ކުޅި ބަދަލުކޮށްލާ އިދި ކޮޅު ޓީމު ކޮޅަށް ލަނޑު ގޯނި ޖަހާލެވޭ ފެންވަރުގެ މަދު ކޯަޗުންނަކީ.....ސާބަހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454