ދުނިޔެ / ސޫދާން

ސޫދާން: ހަނގުރާމަ ހަފުތާއަކަށް މެދުކަނޑައިލަނީ

މެއި 1، 2023؛ ދާޚިލީ ހަނގުރާމައިގެ ސަބަބުން ސޫދާން ދޫކޮށް ރެފިއުޖީންގެ ގޮތުގައި އަވައްޓެރި ޗާޑަށް އެތެރެވި ސޫދާންގެ ރައްޔިތުންތަކެއް، ޗާޑްގެ ސަހަރާއެއްގެ ތެރޭގައި ހިމާރުތަކެއްގެ މަތީގައި ދަތުރުކުރަނީ. --އޭއެފްޕީ

03 މެއި 2023 - 12:26

2 comments

ސޫދާންގައި މިހާރު ފެށިފައިވާ ދާޚިލީ ހަނގުރާމަ، ވަކި ޝަރުތެއް ނެތި ހަތް ދުވަހުގެ މުއްދަތަށް މެދުކަނޑައިލުމަށް، ހަނގުރާމައިގައި ބައިވެރިވާ ދެ ލަޝްކަރުން އެއްބަސްވެފައިވާ ކަމަށް، އަވައްޓެރި ދެކުނު ސޫދާނުން އިއްޔެ އިއުލާންކޮށްފި އެވެ.

ދެކުނު ސޫދާންގެ ޚާރިޖިއްޔާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ސޫދާންގެ ހަނގުރާމަ ކުރާ ދެ ލަޝްކަރުން އެއްބަސްވެފައިވަނީ، މެއި 4، 2023 (މާދަމާ) އިން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް، ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށެވެ. ސޫދާންގައި ހަނގުރާމަ ކުރާ އެ ގައުމުގެ ސިފައިންނާއި، ސިފައިންގެ ތެރޭގައި އޮންނަ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ ސިފައިން، މީގެ ކުރިން ވެސް އެކި ފަހަރުމަތިން ވަނީ ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެއްބަސްވެފަ އެވެ.

އެޕްރީލް 30، 2023؛ ދާޚިލީ ހަނގުރާމައިގެ ސަބަބުން ސޫދާން ދޫކޮށް ރެފިއުޖީންގެ ގޮތުގައި އަވައްޓެރި ޗާޑަށް އެތެރެވި ސޫދާންގެ ރައްޔިތުންތަކެއް، ޗާޑްގެ ސަހަރާއެއްގެ ތެރޭގައި ހުރި ގަހެއްގެ ހިޔަލުގައި މަޑުކޮށްލައިގެން. --އޭއެފްޕީ

ހަމަލާ ބަދަލުކުރުން އެއް ދުވަހަށް ނުވަތަ ދެ ދުވަހަށް މެދުކަނޑައިލުމަށް މީގެ ކުރިން ވެފައިވާ އެއްވެސް އެއްބަސްވުމެއް ފުރިހަމަ ގޮތުގައި ތަންފީޒެއް ނުކުރެވެ އެވެ. އެހެންކަމުން، ދެކުނު ސޫދާންގެ ރައީސް ސަލްވާ ކީރް، ސޫދާންގެ ދެ ލަޝްކަރަށް ހުށަހެޅުއްވީ، އެއަށް ވުރެ ދިގު މުއްދަތަކަށް ހަނގުރާމަ މެދުކަނޑައިލުމަށެވެ.

ދެކުނު ސޫދާނުން ބުނި ގޮތުގައި ސޫދާންގެ ހަނގުރާމަ މެދުކަނޑައިލުމަށް އެއްބަސްވީ، ސޫދާންގައި މިހާރު އުފެދިފައިވާ ވެރިކަމުގެ ކޯޅުން ހައްލުކުރުމަށް ދެކުނު ސޫދާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްދިނުމަށް ހުށަހެޅުމުންނެވެ. ދެ ލަޝްކަރުން ވެސް އެ ހުށަހެޅުން ގަބޫލުކޮށް، ހަތް ދުވަހަށް ހަނގުރާމަ މެދުކަނޑައިލަން އެއްބަސްވުމާ އެކު، ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާނެ މަންދޫބުން ކަނޑައެޅުމަށް ވެސް ދެ ލަޝްކަރުން މިހާރު ވަނީ އެއްބަސްވެފަ އެވެ.

މެއި 1، 2023؛ ސޫދާންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި އެ ގައުމުގެ ވެރިރަށް ޚަރްތޫމުގައި ހުރި އިމާރާތެއްގައި ރޯވެ ދުން އަރަނީ. --އޭއެފްޕީ

ސޫދާންގައި މިހާރު ފެށިފައިވާ ހަނގުރާމަ ހިނގަމުން ދަނީ، އެ ގައުމުގެ ސިފައިންނާއި، ސިފައިންގެ ތެރޭގައި އޮންނަ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ ސިފައިންނާ ދެމެދުގަ އެވެ. ސިފައިންގެ ލަޝްކަރުގެ ވެރިޔަކީ، އެ ގައުމުގައި މިހާރު އޮތް އަސްކަރީ ސަރުކާރުގެ ވެސް ވެރިޔާ، ޖެނެރަލް އަބްދުލްފައްތާހް އަލްބުރުހާން އެވެ.

ސިފައިންނާ ދެކޮޅަށް ހަނގުރާމަ ފަށާފައިވާ އާރްއެސްއެފް ލަޝްކަރުގެ ވެރިޔަކީ، އެ ގައުމުގައި މިހާރު އޮތް އަސްކަރީ ސަރުކާރުގެ ވެރިޔާގެ ނައިބުގެ މަގާމުގައި ހުރި، ޖެނެރަލް މުހައްމަދު ހަމްދާން ދަގްލޫ (ހަމިއްތީ) އެވެ. ހަނގުރާމަ ފެށުނީ، އާރްއެސްއެފް ލަޝްކަރުގެ ސިފައިން، އެޕްރީލް 15، 2023 ގައި ވެރިރަށް ޚުރުޠޫމަށް އަރައި، އަސްކަރިއްޔާގެ މައި މަރުކަޒަށާއި ރިޔާސީ ގަނޑުވަރު އަދި ސަރުކާރުގެ ޓީވީ ސްޓޭޝަނަށާއި، ވެރިރަށުގައި އޮންނަ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ހަމަލާ ދީ އެ ތަންތަން ހިފަން އުޅުމުންނެވެ.

މެއި 1، 2023؛ ސޫދާންގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން ވެރިރަށް ޚަރްތޫމްގެ ވިޔަފާރިތައް ބަންދުކޮށްފައިވާ އިރު، އާންމުންގެ ބަޔަކު ބޭންކު ހުޅުވާނެ ކަމުގެ އިންތިޒާރުގައި ބޭންކުގެ ބޭރުގައި ކިޔޫ ހަދައިގެން. --އޭއެފްޕީ

މި ހަނގުރާމަ އަށް ތިން ހަފުތާ ވާން ކައިރިވާ އިރު، ހަނގުރާމައިގެ ސަބަބުން ރެފިއުޖީންގެ ގޮތުގައި ގައުމު ދޫކޮށް އަވައްޓެރި ގައުމުތަކަށް މިހާތަނަށް ހިޖްރަކުރި މީހުންގެ އަދަދު 100000 އަށް އަރާކަމަށް، ރެފިއުޖީންގެ ކަންކަން ބަލަހައްޓާ، އދ.ގެ އިދާރާ އިން އިއްޔެ ބުންޏެވެ. އެ އިދާރާ އިން އަންދާޒާކުރާ ގޮތުގައި ސޫދާނުގައި މިހާރު ކުރަމުންދާ ހަނގުރާމަ ނުހުއްޓި ކުރިއަށް ދާނަމަ، އެ ގައުމުގެ 800000 އެއްހާ މީހުން ގައުމު ދޫކޮށް ރެފިއުޖީންގެ ގޮތުގައި، ސޫދާނާ އިންވެގެން އޮތް ހަތް ގައުމަށް، ހިޖްރަ ކުރާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

ސޫދާންގައި ހަނގުރާމަ ފެށުމާ ގުޅިގެން، އަވައްޓެރި ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ދެ ލަޝްކަރު ސުލްހަ ކުރުވުމުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްދިނުމަށް ވެސް ހުށަހަޅައިފަ އެވެ. މިސްރުގެ ރައީސް އަބްދުލްފައްތާހް އައްސީސީ އިއްޔެ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސޫދާންގައި ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް މިސްރު ނުވަންނާނެ ކަމަށެވެ.

މެއި 1، 2023؛ ދާޚިލީ ހަނގުރާމައިގެ ސަބަބުން ސޫދާން ދޫކޮށް ރެފިއުޖީންގެ ގޮތުގައި އަވައްޓެރި ޗާޑަށް އެތެރެވި ސޫދާންގެ ރައްޔިތުންތަކަކަށް، ޔުނިސެފުން އެހީތެރިކަމުގެ ތަކެތި ބަހަން ތައްޔާރުވެފައި. --އޭއެފްޕީ

ނަމަވެސް ދެ ލަޝްކަރުގެ މެދުގައި ސުލްހަ ގާއިމުކޮށް ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެހީތެރިވެދޭން މިސްރު ތައްޔާރަށް އޮތް ކަމަށް ވެސް ސީސީ ވިދާޅުވި އެވެ. އަދި އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް، ސޫދާންގެ ސިފައިންގެ ވެރިޔާގެ މަންދޫބަކު މި ހަފުތާގެ ތެރޭގައި މިސްރުގެ ވެރިރަށް ގާހިރާއަށް ވަޑައިގެންނެވި ކަމަށް ވެސް ރައީސް ސީސީ ވިދާޅުވި އެވެ.

އދ.ގެ ކާނާއާ ބެހޭ އިދާރާ އިން ބުނި ގޮތުގައި، ސޫދާންގެ ހަނގުރާމަ ނުހުއްޓި އިތުރަށް ކުރިއަށް ދާ ނަމަ، ރެފިއުޖީންގެ މައްސަލައިގެ އިތުރުން، ދެން އެންމެ އަވަހަށް ކުރިމަތިވާނީ އެތައް މިލިއަން ބަޔަކު ބަނޑަށް ޖެހުމުގެ މައްސަލަ އެވެ. މި ދިޔަ މަހުގެ 15 ވަނަ ދުވަހު ސޫދާންގައި ހަނގުރާމަ ފެށުނު އިރު ވެސް، އެ ގައުމުގެ ތިން ބައިކުޅަ އެއް ބައި މީހުން ތިބީ، ކާބޯތަކެއްޗަށް ޖެހިފައި ކަމަށް އެ އިދާރާ އިން ބުނެ އެވެ.

އަދި ހަނގުރާމަ ފެށުމާ އެކު އެ އަދަދު މިހާރު ވަރަށް ބޮޑަށް މަތިވެފައިވާ ކަމަށާއި، ހަނގުރާމަ ފެށުނު ފަހުން ކާބޯތަކެތީގެ އަގު ވެސް ރޮކެޓް ސްޕީޑްގައި މައްޗަށް އުފުލެމުން ދާ ކަމަށް އެ އިދާރާ އިން ބުނެ އެވެ. ސޫދާންގައި ކާބޯތަކެތީގެ އަގުތައް އުފުލެމުން ދާއިރު، ޖެހިގެން އޮތް ޗާޑް އާއި ދެކުނު ސޫދާންގައި ވެސް މިހާރު ދަނީ ކާބޯތަކެތީގެ އަގުތައް އުފުލެމުންނެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދެރަކަންކަން

04 May 2023

ދެ އިރު ހަމައަށް ކާން ނުލިބުނަސް އެބަޖެހޭ ހަނގުރާމަ ކުރެވޭތޯ ބަލަން

The name is already taken The name is available. Register?

ގިނި

04 May 2023

ކޮޔާ، ލިބޭ މީހުން ހިތް ނުފުރިގެން ހަނގުރާމަ ކުރަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454