ރެއާލް މެޑްރިޑްގެ ކެޕްޓަން ބެންޒެމާ، މުބާރާތުގެ ތަށި އުފުލާލަނީ.-- ފޮޓޯ: އޭއެފްޕީ
07 މެއި 2023 - 09:30
ސެވިއްޔާ (މެއި 7) - ފައިނަލްގައި 2-1 އިން އޮސަސޫނާ ބަލިކޮށް ނުވަ އަހަރުގެ ދިގު މުއްދަތަކަށް ފަހު ރެއާލް މެޑްރިޑުން ސްޕެނިޝް ކަޕް ތަށި އުފުލާލައިފި އެވެ.
މިއީ ރެއާލް މެޑްރިޑް މުބާރާތް ކާމިޔާބު ކުރި 20 ވަނަ ފަހަރެވެ. އެންމެ ފަހުން މުބާރާތް ކާމިޔާބު ކުރީ 2014 ވަނަ އަހަރެވެ. ރޭގެ ފައިނަލާ އެކު ރެއާލް ވަނީ 40 ފަހަރު މުބާރާތުގެ ފައިނަލްގައި ކުޅެފަ އެވެ.
ރެއާލް މުބާރާތުގެ ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލްގައި ބާސެލޯނާގެ މައްޗަށް ކުރި ހޯދައިގެންނެވެ. އޮސަސޫނާ ވަނީ ސެމީގައި، މުބާރާތުގެ ދެވަނައަށް އެންމެ ކާމިޔާބު އެތުލެޓިކް ބިލްބާއޯ ބަލިކޮށްފަ އެވެ.
ރެއާލުން މެޗުގައި ޖެހި ދެ ގޯލު ވެސް ކާމިޔާބު ކޮށްދިނީ ރޮޑްރިގޯ އެވެ. އޭނާ ވަނީ މެޗުގެ ދެވަނަ މިނިޓުގައި ލީޑު ނަގައިދީފަ އެވެ. ވިނީޝިއަސް ޖޫނިއާ އޭރިއާ ތެރެއަށް ވަދެ ތަނަވަސްކުރި ފުރުސަތެއްގައި މެޗުގެ 106 ވަނަ ސިކުންތުގައި ކާމިޔާބު ކުރި މި ގޯލަކީ ފާއިތުވި 17 އަހަރު ތެރޭ ސްޕެނިޝް ކަޕް ފައިނަލެއްގައި ޖެހި އެންމެ އަވަސް ގޯލެވެ.
ފުރަތަމަ ހާފުގައި ކެޕްޓަން ކަރީމް ބެންޒެމާ ފޮނުވާލި ހަމަލާއެއް އޮސަސޫނާގެ ކީޕަރު ސާޖިއޯ ހެރޭރާ ދިފާއު ކުރިއިރު ޑޭވިޑް އަލަބާ ފޮނުވާލި ހިލޭޖެހުމެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒު ވެފަ އެވެ. މި ހާފުގައި ލޯނު އުސޫލުން އޮސަސޫނާއަށް ކުޅޭ ބާސެލޯނާގެ މޮރޮކޯ ފޯވާޑް އަބްދޭ އެޒަލްޒޫލީ ކީޕަރު ތިބައު ކޯޓުއާ ގައި މަތިން ފޮނުވާލި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް ދިފާއު ކުރީ ޑެނީ ކާވަހާލް އެވެ.
އޮސަސޫނާ އެޓީމުގެ ތާރީހުގައި ކުޅުނު ދެވަނަ ސްޕެނިޝް ކަޕް ފައިނަލްގައި ވަރުގަދަ ރެއާލާ ދެކޮޅަށް ރަނގަޅު ވާދައެއް ކޮށްފައި ވެއެވެ. އެގޮތުން ދެވަނަ ހާފު ފެށިގެން 13 ވަނަ މިނިޓުގައި ނަތީޖާ އެއްވަރު ކުރި އެވެ. އެއްވަރު ކޮށްދިން ގޯލު ޖަހައިދިނީ ކުރިން ރެއާލް މެޑްރިޑްގެ ބީ ޓީމަށް ކުޅެފައިވާ މިޑްފީލްޑަރު ލޫކަސް ޓޯރޯ އެވެ. އޭނާ މި ގޯލު ޖެހީ އަބްދޭ އެޒަލްޒޫލީ ނަގައިދިން ހުރަސް ކުރިމަތީ ހުރި ކާވަހާލް ގައިގައި ޖެހިފައި ލިބުނު ބޯޅަ އޭރިއާ ބޭރުގައި ހުރެ ގޯލަށް ފޮނުވާލައިގެންނެވެ.
ރެއާލުން ދެވަނަ ފަހަރަށް ލީޑު ނެގި ގޯލު ރޮޑްރިގޯ ޖަހައިދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 20 މިނިޓަށް ވެފައި ވަނިކޮށެވެ. އޭނާއަށް ގޯލު ޖަހަން ފުރުސަތު ތަނަވަސް ވީ ޓޯނީ ކްރޫސް ތިރިތިރިން ފޮނުވާލި ބޯޅައެއް އޮސަސޫނާގެ ޑިފެންޑަރެއް ގައިގައި ޖެހިފައި ހުސްވި ބޯޅައަކުންނެވެ.
ލީޑު ފުޅާ ކުރަން ވެސް ރެއާލަށް ފުރުސަތު ލިބުނެވެ. ރޮޑްރިގޯ ހުސްކޮށްލާފައި ކުރިއަށް ދިން ބޯލައެއް ވިނީޝިއަސް ހޯދި ނަމަވެސް އޭނާ ގަސްދުކުރީ ފަހަތުން އެރި ބެންޒެމާ އަށް ދޭށެވެ. ނަމަވެސް ޖައްސާލި ބޯޅަ މާ މަޑުވުމުން ކީޕަރު ވަނީ ބޯޅަ އަތަށް ނަގައިފަ އެވެ.
ރެއާލްގެ ވިސްނުން ދެން ހުންނާނީ އަންގާރަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގައި އިންގްލެންޑުގެ މެންޗެސްޓާ ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ ފުރަތަމަ ލެގު މެޗަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެންޒޯ
07 May 2023
ރަނގަޅުތާ 9 އަހަރަށްފަހުން ލިބުނީމާ. ލައްކަ ބޮޑުވަރެކޭ އެވެސް
ރަދީފްއޮފިޝަލް
07 May 2023
ރެއާލްގެ ހުރިހާ ފޭނުންނަށް މަރުހަބާ.ގުޑް ލަކް ބްރަދާސް.ވ.ވެދުން