ކުޅިވަރު / ނޯވެކް ޖޮކޮވިޗް

ވެކްސިންގެ ލުޔާ އެކު ޖޮކޮވިޗަށް ޔޫއެސް އޯޕަންގައި ކުޅެވޭނެ

ޖޮކޮވިޗް، މިދިޔަ ހަފްތާ އިޓަލީގެ އޭސީ މިލާނާއި އިންޓަ މިލާން ކުޅުނު ޗެމްޕިއަންސް ލީގު ސެމީ ފައިނަލް މެޗު ބަލާލަން ސެން ސީރޯ ސްޓޭޑިއަމްގައި.-- ފޮޓޯ: އޭއެފްޕީ

12 މެއި 2023 - 14:41

ނިއުޔޯކް (މެއި 12) - ގައުމުން ބޭރުން ޒިޔާރަތްކުރާ މީހުން ކޮވިޑް ވެކްސިން އޮތުން މަޖުބޫރުވުން، އެމެރިކާ ސަރުކާރުން ނިމުމަކަށް ގެނައުމާ އެކު މިއަހަރުގެ ޔޫއެސް އޯޕަން މުބާރާތުގައި ދުނިޔޭގެ އެއް ވަނަ ފިރިހެން ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗަށް ކުޅެވޭނެކަން ޔަގީންވެއްޖެ އެވެ.

އެމެރިކާގައި ކޮރޯނާވައިރަހުގެ އިމަޖެންސީ އިއްޔެ ވަނީ އުވާލައިފަ އެވެ. ވައިޓް ހައުސްގެ މި ނިންމުމާ އެކު މިއަދުން ފެށިގެން ބޭރުގެ ގައުމުތަކުން އަންނަ މީހުން އަތުގައި ކޮވިޑް ވެކްސިން ކާޑު ނެތަސް އެމެރިކާ އަށް އެތެރެވެވޭނެ އެވެ.

ޖޮކޮވިޗަކީ ކޮވިޑް ވެކްސިން ނުޖަހާ އެންމެ ފާހަގަކޮށްލެވޭ އެތުލެޓީވެ. ވެކްސިން ނުޖަހާތީ މިދިޔަ އަހަރުގެ ޔޫއެސް އޯޕަންގައި އޭނާ އަށް ވާދައެއް ނުކުރެވުނެވެ.

ޖޮކޮވިޗް، 35، ވަނީ މިއަހަރު އެމެރިކާގެ މިއާމީގައި އޮތް ޓެނިސް މުބާރާތެއްގައި ވާދަކުރުމަށް އެގައުމަށް އެތެރެވުމުގެ ހާއްސަ ހުއްދައަކަށް އެދިފަ އެވެ. އެކަމަކު ވެކްސިން ނުޖަހާތީ ޖޮކޮވިޗް އެދުނު ހާއްސަ ހުއްދަ އެމެރިކާ ސަރުކާރުން ދީފައެއްނުވެ އެވެ.

ވެކްސިން ޖަހާފައި ނުވާތީ މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރުމުގެ ފުރުސަތު ވެސް ޖޮކޮވިޗަށް ގެއްލުނެވެ. އެ ގައުމުން ޖޮކޮވިޗް ޑީޕޯޓް ކޮށްލުމުން އޭނާ ބުނީ ކޮވިޑް ވެކްސިން ޖެހުމަށް ވުރެ ގްރޭން ސްލޭމް މުބާރާތެއްގައި ވާދަނުކުރުން ވެސް ރަނގަޅު ކަމަށެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އޮސްޓްރޭލިއާގެ ސަރުކާރުން ދިން ލުއިތަކާ އެކު މިއަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ވާދަކޮށް ޖޮކޮވިޗް ވަނީ އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ވެކްސިނާ ދެކޮޅަށް ޖޮކޮވިޗް ވަނީ މީގެ ކުރިން ތަކުރާރުކޮށް ވާހަކަދައްކައިފަ އެވެ.

"ދަތުރުކުރާނަމަ ކޮންމެހެން ވެކްސިން ޖަހަން މަޖުބޫރުވުން އަހަރެން ގަބޫލެއް ނުކުރަން. އެކަމަކު އެއީ މަޖުބޫރު ކަމަކަށް ވާނަމަ އަހަރެން ޖެހޭނީ އެކަން ކުރުމާ މެދު ވިސްނަން،" 2020 ވަނަ އަހަރުގެ އޭޕްރީލް މަހު ޖޮކޮވިޗް ބުނެފައިވެ އެވެ.

އޭގެފަހުން ޖޮކޮވިޗް އާއި އޭނާގެ ލޯބިވެރިޔާ ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ޖޮކޮވިޗް ކޮވިޑަށް ޕޮޒިޓިވްވީ އިޖުތިމާއީ ގައިދުރުކަން ނެތި އޭނާ އިންތިޒާމުކުރި އެގްޒިބިޝަން މެޗުތަކެއް ކުޅުނު ފަހުންނެވެ.

އޮސްޓްރޭލިއަން އޯޕަން މިއަހަރު ކާމިޔާބުކޮށް ޖޮކޮވިޗް ވަނީ ރަފައެލް ނަޑާލްގެ ގްރޭންޑް ސްލޭމް ކާމިޔާބީއާ އެއްވަރުކޮށްފަ އެވެ. މި ދެކުޅުންތެރިން ވެސް މިހާރު ވަނީ 22 ގްރޭން ސްލޭމް ކާމިޔާބުކޮށްފަ އެވެ. ޔޫއެސް އޯޕަން ކާމިޔާބު ކޮށްފިނަމަ ޖޮކޮވިޗަށް ނަޑާލްގެ ރެކޯޑް މުގުރާލެވޭނެ އެވެ.

މިއަހަރުގެ ޔޫއެސް އޯޕަން ފަށާނީ އޮގަސްޓް 28 ގަ އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 10 ވަނަ ދުވަހު އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 33%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454