ހިންމަފުށީ ކައުންސިލްގެ ގުރުއާން މުބާރާތުގެ އެންމެ މޮޅު ތިން ބައިވެރިންނާ އެކު ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމާއި ކައުންސިލްގެ ރައީސް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
25 މެއި 2023 - 14:45
ރޯދަމަހު ކ. ހިންމަފުށީ ކައުންސިލުން ބޭއްވި ގުރުއާން މުބާރާތުގެ ވަނަތައް ހޮވައި ނަތީޖާ ފާޅުކޮށްފި އެވެ.
ހިންމަފުއްޓަށް ހުޅުވާލައިގެން ބޭއްވި، 118 ކުއްޖަކު ބައިވެރިވި މުބާރާތުން އެއް ވަނަ ހޯދީ އެ ރަށު ފިނިއައްސޭރި، އިބްރާހިމް މާއިޝް އަހުމަދެވެ.
މާއިޝްއަށް ލިބިފައި ވަނީ ކައުންސިލުންދޭ އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުމުގެ އިތުރުން އުމްރާ ދަތުރެކެވެ. އަދި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ދެއްވި އިނާމާއި އެ ރަށު އަންހެނުން ކޮމެޓީގެ 2،000ރ. ގެ ފައިސާގެ އިނާމާއި އަމިއްލަ މީހަކު ދީފައިވާ 5،000ރ.ގެ ފައިސާގެ އިނާމު ވެސް މާއިޝް އަށް ލިބުނެވެ.
މުޅި މުބާރާތުން ދެވަނައަށް ދިޔައީ އެ ރަށު ޒީނާމަންޒިލް، ޒުކަން އިބްރާހިމް ނަސީރެވެ. ޒުކަންގެ އިނާމަކަށް ކައުންސިލުން 12،000ރ. އާއި އަންހެނުން ކޮމެޓީން 1،500ރ. ދިނެވެ.
ހިންމަފުށީ ކައުންސިލުން ބޭއްވި ގުރުއާން މުބާރާތުން އެއްވަނައަށް ދިޔަ މާއިޝް އަށް އިނާމު ހަވާލުކުރަނީ: މުޅި މުބާރާތުން އެއްވަނައަށް ދިޔުމުން ކައުންސިލުން ދީފައި ވަނީ އުމްރާ ދަތުރަކާއި ފައިސާގެ އިނާމް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މުބާރާތުން ތިން ވަނައަށް ހޮވުނީ ރާޅުދޮށުގެ، އަހުމަދު މިއުވާން އިބްރާހިމެވެ. މިއުވާނަށް ދީފައި ވަނީ ކައުންސިލުންދޭ އިނާމުގެ އިތުރުން 7،000ރ. އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ދީފައިވާ 1،000ރ. އެވެ.
އެ މުބާރާތުގައި 18 އަހަރުން ދަށުންނާއި 18 އަހަރުން މަތީގެ ބައިވެރިންގެ ވަނަތައް ވެސް ވަނީ ހޮވައިފަ އެވެ.
ބަލައިގެން:
1. ޒުކަން އިބްރާހިމް ނަސީރު
2. ފާތިމަތު އީޝަލް އިސްމާއިލް
3. މުހައްމަދު ނަޒާން ނިހާދު
ހިތުން:
1. އިބްރާހިމް މާއިޝް އަހުމަދު
2. އަހުމަދު މިއުވާން އިބްރާހިމް
3. ނޫހު ހުސެއިން ހަމީދު
1. މުހައްމަދު ވިއާމް ލަތީފް
2. އައިޝަތު ފިރާޝާ
3. ހުސެއިން ޝިހާބު
ކައުންސިލުން ބުނީ މި މުބާރާތް ކޮންމެ އަހަރަކު ބޭއްވުމުގެ ބޭނުމަކީ އެ ރަށުގައި ގުރުއާނަށް ލޯބި ޖެހިފައިވާ މީހުން އިތުރުކުރުމަށާއި ރަށުގައި ގުރުއާން އާލާކުރުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy