ކުޅިވަރު / އެތުލެޓިކްސް

ކުރީގެ ދެ ވާދަވެރިން މިހާރު އެކުވެ ރޭހުގައި ކުރިއަށް

މުހައްމަދު ރަޝީދު (މޯޑް) އާއި އަހުމަދު ޝަރަފްގެ މެދުގައި ކުރިން ވާދަވެރިކަން ޓްރެކުން ބޭރަށް ވެސް ދިޔަ އެވެ. މި ދެ އެތުލީޓުންނާ ގުޅޭ ފާޑު ކިޔުންތަކާއި ބަހުގެ ހަމަލާތަކުގެ އަޑުތަކަކީ އެތުލެޓިކްސް ކޮމިޔުނިޓީގެ އެންމެންނަށް ފަރިތަ ވާހަކަތަކެކެވެ.

ދެން އޮތީ ޓްރެކްގައި އޮތް ވާދަވެރި ކަމެވެ. މިދިޔަ އަހަރު "މިހާރު" އަށް ދިން އިންޓަވިއުގައި ލޯންޑް ޑިސްޓެންސް ދުވުންތަކަށް ހާއްސަ މޯޑް ބުނީ އެ ކެޓަގަރީގައި އޭނާގެ ވާދަވެރިންނަކީ ޝަރަފް އާއި ޝިފާޒު މުހައްމަދު ކަމަށެވެ.

ކުރިން ޓްރެކުން ބޭރުގައި އޮތް ވާދަވެރިކަން ނިމި، މިހާރު ދެ ދުވުންތެރިން ވެސް ތަމްރީން ހަދަމުން ދަނީ އެކުގަ އެވެ. ބަދަލުތައް ވެސް ފެނުނެވެ.

މޯޑް ކުރިން ޓްރޭނިން ހަދަމުން ދިޔައީ ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވުންތެރިޔާ ނަސްރުﷲ އަހުމަދާ އެކު އެވެ. އެކަމަކު މިދިޔަ އަހަރު ލިބުނު އަނިޔާގައި ޓްރޭނިންތައް ހުއްޓުނު ފަހުން ނަސްރު އާ ދުރަށް މޯޑް ޖެހިލި އެވެ.

"އަނިޔާގައި ގާތްގަނޑަކަށް ފަސް ވަރަކަށް މަސް ރަސްމީ ޓްރޭނިންތަކެއް ނެތި ހޭދަ ކުރިން. އެހެން ހުއްޓާ ޝަރަފު އާ ދިމާވީ ދެން ހިތައް އެރީ ބަދަލެއް ގެންނާނީއޭ. އެއް އިވެންޓެއްގައި ދުވާ ދެ މީހުން އެކުގައި ޓްރޭނިން ހެދީމަ ދެ މީހުންނަށް ވެސް ފަސޭހަ ވާނޭ ދެ މީހުންނަށް ވެސް ފެނުނީ،" މޯޑް ބުންޏެވެ.

އޭނާ ބުނީ ދެ މީހުންގެ ދެ މެދުގައި މައްސަލައެއް އުޅޭ ކަމަށް ބައެއް މީހުން ވާހަކަ ދެއްކިޔަސް އެކަހަލަ އެއް ވެސް ކަމެއް ނެތް ކަމަށެވެ. ދުރުގައި ބަލަން ތިބޭ މީހުންނަށް އެހެން ހީވިޔަސް އޭރު ވެސް ދެ ދުވުންތެރިންގެ މެދުގައި އޮތީ ޕްރޮފެޝަނަލް ވާދަވެރި ކަމެއް ކަމަށް މޯޑް ބުންޏެވެ.

"މިހާރު ވެސް އެ [ޕްރޮފެޝަނަލް] ވާދަވެރިކަން އޮންނާނެ. ދެ މީހުން އެކުގައި ޓްރޭނިން ހެދިޔަސް ރޭސްތަކަށް ނުކުންނަންޏާ ދެ މީހުން ވެސް އަންޑަސްޓޭންޑިން އޮންނާނެ ވާދަވެރިކަން އޮންނާނެކަން،" މޯޑް ބުންޏެވެ.

"މޯލްޑިވްސް ހާފް މެރަތަންގައި، ޝަރަފް އޮތީ މޯޑް އަށް ވުރެ ކުރީގައި. ތުރުކީގެ އިޒްމީރު މެރަތަންގައި މޯޑް އޮތީ ޝަރަފް އަށް ވުރެ ކުރީގައި. އެންމެ ފަހުން ބޭއްވި އެމްވީ މެރަތަންގައި އަނެއްކާ ވެސް މޯޑް ޝަރަފް ބީޓް ކުރިން. އެއީ ޕްރޮފެޝަނަލް ވާދަވެރިކަން."

ފިޓްނަސް މައްސަލަ އާއި ކޮވިޑް ޖެހިގެން ނޭވާލުމުގެ ނިޒާމަށް ކުރިމަތިވި އުނދަގުލުގައި ޝަރަފް ހުރީ މާ އުނދަގޫ ހާލަތެއްގަ އެވެ. ނޭވާލުމަށް ކުރިމަތިވި އުނދަގޫތަކާ އެކު ދުއްވައިގަންނަން ވެސް އުނދަގޫވި ކަމަށް ޝަރަފް ކުރިން ބުނެފައި ވެއެވެ.

މޯޑް އާއި އެކުގައި ޓްރޭނިން ހަދަން ފެށީ އެ ހުރިހާ އުނދަގުލެއްގެ ތެރެއިންނެވެ. އެކަމަކު މަޑުމަޑުން ހާލަތުން އަރައިގަނެ މިހާރު އޭނާ ހުރީ އަލުން ސްޕީޑް ހަލުވި ކުރެވޭނެ ފެންވަރުގައި ކަމަށް ޝަރަފް ބުންޏެވެ.

އޭނާ ވެސް ބުނީ އެއްވެސް އިރެއްގައި މޯޑްއާ ދެމެދު ވާދަވެރި ކަމެއް ނެތް ކަމަށެވެ.

"މޯޑް އަކާ އެއް ވެސް މައްސަލައެއް އެއްވެސް އިރެއްގައި ނުޖެހޭ،" ޝަރަފް ބުންޏެވެ.

އެތުލެޓިކްސް ތަޖުރިބާކަރަކު ބުނީ މޯޑް އާއި ޝަރަފް އާ ދެމެދު މައްސަލައެއް ނެތް ކަމަށް ބުނި ނަމަވެސް ބަހުގެ ހަމަލާތައް ކުރިން ފެންމަތިވި ކަމަށެވެ.

"އެތުލެޓިކްސްގެ އެންމެންނަށް ވެސް އެނގޭ ވާހަކައެއް އެއީ،" އޭނާ ބުންޏެވެ.

އޭރު އެކަން އެހެން އޮތަސް، މިހާރު އެ ދެ އެތުލީޓުން ތިބީ ވަކި ނުވެވޭރަށް އެކު ވެފަ އެވެ. ޝަރަފް އާއި މޯޑް ވެސް ބުނީ ލޯންގް ޑިސްޓެންސް ޓްރޭނިންތައް އެކުގައި ހެދުމަކީ ދެ އެތުލީޓުންނަށް ވެސް އޭގެ ފައިދާ ކުރާ ކަމަށެވެ.

"ނެޝަނަލް ލެވަލްގައި މެރަތަންގައި ދުވާ އެތުލީތުންގެ ތެރެއިން އެކްޓިވްކޮށް އެންމެ ގިނަ ދުވަސް ވަންދެން ދުވަމުން އަންނަ އެތުލީޓަކީ ޝަރަފް. ލޯންގް ޑިސްޓެންސްގައި މިހާރު އެހާ ގިނަ ދުވަސްވީ މީހެއް އެކްޓިވްކޮށް ނެތް. އަނެއްކާ މޯޑް ވެސް ބޮޑަށް ފޯކަސް އަކީ ލޯންޑް ޑިސްޓެންސް. އެއް ރޭސްތަކެއްގައި ވާދަވެރިކޮށް ދުވާ ދެ އެތުލީޓުން އެކުގައި ޓްރޭން ކުރީމަ އޭގެ ބެނެފިޓްސް ވަރަށް ރަނގަޅު ކަމަށް ފެންނަނީ،" މޯޑް ބުންޏެވެ.

ޝަރަފް ބުނީ ލޯންގް ޑިސްޓެންސް ރޭސްތަކަށް ހާއްސަކޮށް ސެޓްފިކެޓް އޮތް ކޯޗެއް ރާއްޖޭގައި ނެތް ކަމަށެވެ. އެ ދެ ދުވުންތެރިންގެ ޓްރޭނިންތަކަށް ރާއްޖެއިން ބޭރުގެ ކޯޗެއްގެ ޓެކްނިކަލް އެހީތެރިކަން ހޯދާ ކަމަށް ޝަރަފް ބުންޏެވެ.

"ލޯންގް ޑިސްޓެންސަށް ހާއްސަ ސެޓިފައިޑް ކޯޗެއްގެ ޓެކްނިކަލް އެސިސްޓެންސްގެ ދަށުން އަހަރެމެން ދެ މީހުން ޓްރޭނިން މި ހަދަނީ،" ޝަރަފް ބުންޏެވެ.

"އެއްކޮށް އެއް ރޭސްތަކެއްގައި ވާދަކުރާ ކޯ ޕާޓްނާއެއް ހުރީމަ އަހަންނަށް ވެސް އަދި މޯޑް އަށް ވެސް ވަރަށް ފަސޭހަ. އެ އިމްޕްރޫވްމެންޓް އިހްސާސް ކުރެވޭ."

މީގެ އަހަރެއް ވަރު ކުރިން ދެ ދުވުންތެރިން ހުރި ފެންވަރާއި، މިހާރު ހުރި ފެންވަރުން ކުރީގެ ރަނގަޅު ފޯމަށް އެކުގައި ދެ ދުވުންތެރިންނަށް ވެސް ދެވިދާނެކަނަށް ޝަރަފް އާއި މޯޑް ވެސް ގަބޫލު ކުރެ އެވެ. މިދިޔަ ހުކުރު ދުވަހު ޓީއެފްޖީން ބޭއްވި އެމްވީ ރަން 10 ކިލޯ މީޓަރު މޯޑް ވަނީ ދެވަނަ ހޯދައިފަ އެވެ. އެ ރޭހުގެ މިދިޔަ އަހަރުގެ އެޑިޝަންގައި ފަހަތުގައި އޮތް ޝަރަފު ވެސް ވަނީ ގަދަ 5 ގެ ތެރޭގައި މިފަހަރު ހިމެނިފަ އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަމްސިމް

06 June 2023

އެކުވެރިކަމަކީ ގަދަފަދަ ބާރެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454