ކުޅިވަރު / ނޯވެކް ޖޮކޮވިޗް

ޖޮކޮވިޗް ގްރޭންޑް ސްލޭމްގެ ރެކޯޑް 23 ތަށި ކާމިޔާބު ކޮށްފި

ޖޮކޮވިޗް، ގްރޭންޑް ސްލޭމްގެ ރެކޯޑް 23 ވަނަ ތައްޓާ އެކު.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (ޖޫން 12) - މިއަހަރުގެ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލްގައި ނޯވޭގެ ކެސްޕާ ރޫޑް ބަލިކޮށް ސާބިއާގެ ނޯވަކް ޖޮކޮވިޗް، ޓެނިހުގެ ތާރީހުގައި ރެކޯޑް 23 ގްރޭންޑް ސްލޭމް ތަށި ކާމިޔާބު ކޮށްފި އެވެ.

ރޮލެންޑް ގެރޮސްގައި އިއްޔެ ކުޅުނު ފައިނަލް މެޗުގެ ސެޓްތައް ޖޮކޮވިޗް ގެންދިޔައީ 7-6 (7-1)، 6-3، 7-5 އިންނެވެ.

މިއީ ރޮލެންޑް ގެރޮސްގައި ޖޮކޮވިޗް ޗެމްޕިއަންކަން ހޯދި ތިންވަނަ ފަހަރެވެ. އަދި އޭނާ ވެފައި ވަނީ ހަތަރު ގްރޭންޑް ސްލޭމް ތަށި ވެސް މަދުވެގެން ތިން ފަހަރު ކާމިޔާބު ކުރި ހަމައެކަނި ފިރިހެން ކުޅުންތެރިޔާއަށެވެ. ޔޫއެސް އޯޕަން ވެސް ތިން ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން އޭނާ ވަނީ ހަތް ފަހަރު ވިމްބެލްޑަން އަދި 10 ފަހަރު އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކޮށްފަ އެވެ.

"ވަކި ކުޅުންތެރިއެއް ނޫން، ކޮންމެ ކުޅުންތެރިއެއް ވެސް ދެކޭނެ ހުވަފެނެއް އެއީ ކެރިއަރުގައި އެއްފަހަރު ނަމަވެސް ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބު ކުރުމަކީ. އަހަރެން ވަރަށް ނަސީބު ގަދަ 23 މުބާރާތް ކާމިޔާބު ކުރެވުނީތީ،" މެޗަށް ފަހު ޖޮކޮވިޗް، 36، ބުންޏެވެ.

ޖޮކޮވިޗް (ވ) އާއި އޭނާ އާއެކު ފައިނަލްގައި ވާދަކުރި ރޫޑް (ކ).-- ފޮޓޯ: އޭއެފްޕީ

ސްޕެއިންގެ ރަފައެލް ނަޑާލްގެ 22 ގްރޭންޑް ސްލޭމް ތައްޓާ ނަޑާލް ހަމަކުރީ މިއަހަރުގެ އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކޮށްގެންނެވެ. ސާޖަރީއަކަށް ފަހު މުޅިން ރަނގަޅު ނުވާތީ ނަޑާލް އަށް މި ސީޒަން އެއްކޮށް ގެއްލޭނެ ކަމަށް ބެލެވިފައި ވާއިރު، މިދިޔަ ސެޕްޓެމްބަރު މަހު ރިޓަޔާ ކުރި ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ ވަނީ 20 ގްރޭންޑް ސްލޭމް ތަށި ކާމިޔާބު ކޮށްފަ އެވެ.

މި ތައްޓާ އެކު ޖޮކޮވިޗް ވަނީ އަންހެން ޓެނިސް ކުޅުންތެރިޔާ އެމެރިކާގެ ސެރީނާ ވިލިއަމްސްގެ ރެކޯޑާ އެއްވަރު ވެފަ އެވެ. ސެރީނާ ވަނީ ޓެނިހުގެ އޯޕަން އީރާގައި 23 ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްފަ އެވެ. ޖޮކޮވިޗާއި ސެރީނާ އަށް ވުރެ ގިނަ ގްރޭންޑް ސްލޭމް ތަށި ހޯދާފައި ވަނީ ކުރީގެ އަންހެން ޓެނިސް ކުޅުންތެރިޔާ އޮސްޓްރޭލިއާގެ މާގަރެޓް ކޯޓް އެވެ. އޯޕަން އީރާގެ 11 ތައްޓާއި އެމެޗާ އީރާގެ 13 ތައްޓާ އެކު އޭނާ ވަނީ ޖުމްލަ 24 ގްރޭންޑް ސްލޭމް ތަށި ކާމިޔާބު ކޮށްފަ އެވެ.

ފެޑެރާ ރިޓަޔާ ކޮށްފައި، ނަޑާލް އަނިޔާގައި ހުއްޓައި ޖޮކޮވިޗް ގްރޭންޑް ސްލޭމްގެ ފިރިހެން ރެކޯޑް މުގުރާލިއަސް، ޓެނިހުގެ "ގްރޭޓަސްޓް އޮފް އޯލް ޓައިމް" (ގޯޓް) ގެ ބަހުސް އަދިވެސް ނުހުއްޓެ އެވެ. މި ތިން ކުޅުންތެރިންނަކީ ވެސް ޓެނިހުގެ އޯޕަން އީރާގައި އެންމެ ނުފޫޒު ގަދަ ތިން ކުޅުންތެރިންނެވެ.

ޖޮކޮވިޗްގެ މި ކާމިޔާބީއާ އެކު ނަޑާލް ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ޖޮކޮވިޗަށް މަރުހަބާ ކިޔައިފަ އެވެ.

މި މުބާރާތާ ކުރިމަތިލީއިރު ޖޮކޮވިޗް އޮތީ ދުނިޔޭގެ ރޭންކިންގެ ތިންވަނައިގަ އެވެ. ނަމަވެސް ޗެމްޕިއަންކަމާ އެކު އޭނާ ވަނީ އަލުން އެއްވަނަ މަގާމަށް ޖެހިލައިފަ އެވެ. އޭނާ ވަނީ ސެމީ ފައިނަލްގައި، ރޭންކިންގެ އެއްވަނައިގައި އޮތް ސްޕެއިންގެ ކާލޯސް އަލްކަރާޒް ބަލިކޮށްފަ އެވެ.

ދުނިޔޭގެ އަންހެން އެއްވަނަ ކުޅުންތެރިޔާ ޕޮލެންޑްގެ އީގާ ސްވިއާޓެކް ވަނީ މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ދިފާއު ކޮށްފަ އެވެ. ފައިނަލްގައި ޗެކް ރިޕަބްލިކްގެ ކެރޮލީނާ މުޗޯވާއާ ވާދަކޮށް މޮޅުވީ، 6-2، 5-7، 6-4 އިންނެވެ.

މިއީ އުމުރުން 22 އަހަރުގެ އީގާ ސްވިއާޓެކް، ރޮލެންޑް ގަރޮސްގައި ޗެމްޕިއަންކަން ހޯދި ތިންވަނަ ފަހަރެވެ. އަދި އޭނާ ކާމިޔާބު ކުރި ހަތަރުވަނަ ގްރޭންޑް ސްލޭމް ތައްޓެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454