ކުވެއިތު ކޮޅަށް ގޯލު ޖެހުމަށް ފަހު ޗެތުރީ އުފާފާލު ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
27 ޖޫން 2023 - 21:23
ސާފް ބަންގަބަންދު ޗެމްޕިއަންޝިޕް 2023 ގައި އިންޑިއާ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި 1-1 އިން ކުވެއިތާ އެއްވަރުވި މެޗުގައި ގޯލު ޖަހައި ކެޕްޓަން ސުނިލް ޗެތުރީ ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ހަދާފައިވާ ރެކޯޑާ ހަމަކޮށްފި އެވެ.
އަނިޔާގެ ސަބަބުން މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގައި ނުހިމެނޭ އަޝްފާގަކީ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި މުޅި އެކު 23 ގޯލު ޖަހައިގެން މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާ އެވެ. މިރޭ ޗެތުރީ ކާމިޔާބު ކުރި ގޯލާ އެކު އޭނާ ވެސް ވަނީ މުޅި އެކު 23 ގޯލު ހަމަ ކޮށްފަ އެވެ.
ފުރަތަމަ ހާފު ނިމެނިކޮށް ކޯނަރަކުން ހުރަސްވި ބޯޅައެއް ގޯލަށް ފޮނުވާލައިގެން ޗެތުރީ ކާމިޔާބު ކުރި ގޯލަކީ އޭނާ ގައުމީ ޓީމަށް ޖަހައިދިން 92 ވަނަ ގޯލެވެ. އަދި މި މުބާރާތުގައި އޭނާ ކާމިޔާބު ކުރި ފަސްވަނަ ގޯލެވެ. ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ތިން ގޯލު ޖަހައި ހެޓްރިކް ފުރިހަމަ ކުރި ޗެތުރީ ވަނީ ދެވަނަ މެޗުގައި ނޭޕާލް ކޮޅަށް ވެސް ގޯލެއް ޖަހައިފަ އެވެ.
ކުވެއިތުން ގޯލު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ އަށް މިނިޓުގެ ތެރެއިން ދެވަނަ މިނިޓުގެ ތެރޭގަ އެވެ. މިއީ ކުވެއިތުގެ އަބްދުﷲ އަލްބްލޯޝީ ފޮނުވާލި ބޯޅައެއް އިންޑިއާގެ ޑިފެންޑަރު އަންވަރު އަލީ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.
އިންޑިއާ އާއި ކުވެއިތު ވެސް ވަނީ ގުރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗު ކާމިޔާބު ކޮށްގެން ސެމީ ފައިނަލްގެ ޖާގަ ޔަގީން ކޮށްފަ އެވެ. މިރޭގެ މެޗު އެއްވަރު ވުމުން ގުރޫޕްގެ އެއްވަނަ ލިބުނީ ކުވެއިތަށެވެ. އެއީ ގޯލުގެ ތަފާތުން ދެ ޓީމު ވެސް އެއްވަރުވެ، ޖެހި ގޯލުން ކުވެއިތަށް ކުރި ލިބޭތީ އެވެ.
ކުވެއިތުން ޖެހި ގޯލަކީ އިންޑިއާ ކޮޅަށް މިއަހަރު މިހާތަނަށް އެޓީމު ކުޅުނު ނުވަ މެޗުން ވަން ފުރަތަމަ ގޯލެވެ. ނުވަ މެޗުގެ ތެރެއިން ދެ މެޗު އެއްވަރު ވެފައި ވާއިރު ހަތް މެޗުން ވަނީ މޮޅުވެފަ އެވެ.
ސެމީ ފައިނަލްގައި އިންޑިއާ ކުޅެން ޖެހޭނީ ރާއްޖެ ހިމެނޭ ގުރޫޕް ބީގެ އެއްވަނަ ހޯދާ ޓީމަކާ ދެކޮޅަށެވެ. ކުވެއިތު ނުކުންނާނީ ގުރޫޕް ބީގެ ދެވަނަ ޓީމާ ދެކޮޅަށެވެ.
ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ރަތް ކާޑު ދެއްކި އިންޑިއާގެ ހެޑް ކޯޗު އީގޯ ސްޓިމަކް ވަނީ އޭނާގެ ސަސްޕެންޝަން ފުރިހަމަކޮށް، މިރޭގެ މެޗުގައި ބެންޗުން ޓީމަށް އިރުޝާދު ދިނުމުގެ ފުރުސަތު ހޯދައިފަ އެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ކޯޗަށް ރީނދޫ ކާޑެއް ދައްކާފައި ވާއިރު، މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް އޭނާ އަށް ވަނީ އަނެއްކާ ވެސް ރަތް ކާޑެއް ދައްކައި ބެންޗުން ފޮނުވާލައިފަ އެވެ.
މެޗުގެ އެންމެ ފަހު މިނިޓުގައި ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އިންޑިއާގެ ރަހީމް އަލީ އާއި ކުވެއިތުގެ ހަމަދު އަލްގައްލާފް އަށް ވެސް ވަނީ ރެފްރީ ރަތް ކާޑު ދައްކައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މއގ މުބާރިކް
28 June 2023
އިންޑިޔާ އަކީ ކުރިއައް އޮތްތާގަ ކުރިއަރާނެ ގައުމެއް. ހުރިހާގޮތަކުންވެސް. މަރުހަބާ! ދިވެހިރާއްޖެ ދުވަހުން ދުވަހައް ދަނީ ފަހަތައް! ކަންނެތް ކަމުން މެޑަލް ލިބުން ގާތް ދިވެހިންގެ އާ ޖީލު ތަކައް!
އިބޫއ
28 June 2023
މަރުހަބާ އަޝްފާޤު. އެންޖަރީގެ ބަހަނާ ދައްކައިގެން މުގުރެން ހުރި ހުރިހާ ރެކޯޑުތަކެއް ދޫކޮށްލާފައި އަޝްފާގު އިސްކަންދިނީ ﷲގެ ޙަޟުރަތުގައި ރެކޯޑު މުގުރަން. އެ ރެކޯޑު ތިޔަ މުގުރާލީ. ﷲ ގެ ރަޙުމަތާއެކު ފުޓްބޯޅައިގައިވެސް ދެން އޮތީ ކުރިއެރުމާ ފާގަތިކަން. ޙަސަދަވެރިން ޖެހޭނީ މަޤާމުތަކުން ފެއަށްޖެހި އަމިއްލައަށް ބަރުބާދުވާން.
މޫނު
28 June 2023
ދަގަނޑޭގެ ރެކޯޑާ އަރާ ހަމަކޮށް މި ރާއްޖެއަށް ފުޓްބޯޅައިން ލިބެންހުރިހާ ރެކޯޑްތައް ރާއްޖޭން ބޭރުކުރި ޣައްދާރަކީ ބަންސާނު. އެކަލޭގެ ބޭރުކޮށްގެން ނޫނީ ދިވެހި ފުޓްބޯޅަ އަށް ދުވަހަކުވެސް ކުރިއެރުމެއް ނުލިބޭނެ. އެއީ މި ރާއްޖޭގެ ފުޓްބޯޅައިގެ ހަލާކު
ކުޅުޖަހާ ހައްވަ
28 June 2023
ދަގަނޑޭ އަށް ފާޑުކިޔަން ރާއްޖޭގެ ނޫސްތަކާއި ޓީވީ އަށް އަރާ ޕްރެޒެންޓަރުންނާއި އަދި އެނަލިސްޓުންވެސް ޖެހިލުންވޭ. ހަގީގަތަކީ ޗެކްތީރީ އަށް ވުރެ 1 އަހަރު ޒުވާން ވާނެ ދަނގަޑޭ. އެކަމަކު ޑިސިޕްލިން ދައްކަމާއި ސިޔާސީ ކަންކަމުގެތެރެއަށް ވަނުމުގެ ސަބަބުން މީހާގެ ފިޓްނެސް ގެއްލި އިންޖަރީވަނީ. ޗެތުރީގެ ލީޑަރ ޝިޕް މި މުބާރާތް ބަލާ ކޮންމެ މީހަކަށްވެސް ފެންނާނެ.
ގަމާރު ދިވެހިން
28 June 2023
ސުނިލް ޗެތުރީ:- ސައުތު އޭޟިއާގެ ގޯޓު. އެއްމެ މޮޅު، އެއްމެފިޓް، އެއްމެ ޕުރޮފެޟަނަލް ކުޅުން ތެރިޔާ. ސާބަސް.
މަރުހަބާ ޗެތުރީ
27 June 2023
މަރުހަބާ ޗެތުރީ.. ހުނަރުގެ މައްޗަށް ބުރަ މަސައްކަތާ ހިތްވަރުން ކާމިޔާބު ހޯދޭނެ ކަމުގެ ވަރުގަދަ ހެއްކެއް ޗެތުރީއަކީ. ދަނގަޑޭއަށްވުރެ ހުނަރުގެ ގޮތުން ދަށަސް އަޒުމް ވަރުގަދަ. ޑިސިޕްލިން އެހާ ރަނގަޅު.
ޖކގފދ×ޗވ
27 June 2023
ދަގޭ ހައްޖުން އައިސް ސުނިލަށް ކުޅިދައްކާލާނެ.
ޢަރީފު
27 June 2023
ދިވެހި ފުޓްބޯޅައިގައި ދަގަނޑޭ، އިމްރާން، އަކުރަމް ފަދަ ކުޅުންތެރިން ޤައުމީޓީމް އިން ނުފެނުމަކީ ދިވެހިންނަށް ލިބޭ ވ ބޮޑު ނިކަމެތި ކަމެއް. އިންޑިއާގެ ޗެތްރީ ޓީމުން އަދިވެސް ފެންނައިރު ދަގަނޑޭ މެންނަށް ފުރުޞަތު ނުދިނުމަކީ ހިންގުންތެރިން އެކުޅުންތެރިންނަށް ޙަސަދަ ވެރިވުން.
ޒިއަކީ23
27 June 2023
ޗުތުރީމެން ޑިސިޕްލިންވީމަ 40 އަހަރުވާން ދާއިރުވެސް ފިޓްނަސް ހިފެހެއްޓެނީ.. ހެސްކިޔާފަ ސިނގެރޭޓު ބޮއެ، ރަނގަޅަށް ނުނިދައެއް އެމީހުން ނޫޅޭ.. އެއީ ޕްރޮފެޝަނަލް ކުޅުނންތެރިން.. ފޯމު ގެއްލި ރަނގަޅަށް ރަންއެއް ނެގޭވަރު ނިވަންޏާ ޓީމަކަށް ނުނަގާނެ..