ކުޅިވަރު

ފައިދާ ހުރި ކުޅުމެއް ނުކުޅެވޭ ކަމުގެ އިހުސާސް ކުރެވިއްޖެ ނަމަ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނަން: ޗެތުރީ

ސެމީ ފައިނަލްގެ ކުރިން އިއްޔެ އޮތް ޕްރެސް ކޮންފަރެންސްގައި ބައިވެރިވި ޗެތުރީ މީޑިއާއާ ވާހަކަ ދައްކަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ގައުމީ ޓީމަށް އެކަށީގެންވާ ވަރަށް ނުކުޅެވޭ ކަމުގެ އިހުސާސް އަމިއްލައަށް ކުރެވޭ ދުވަހަކީ އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލާ ދުވަސް ކަމަށް އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ބުނެފި އެވެ.

ޗެތުރީ މިހެން ބުނީ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ސެމީ ފައިނަލް މެޗުގެ ކުރިން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. ޗެތުރީ ބުނީ ކުޅުމުގައި އޭނާ ދުރު ރާސްތާ ޕްލޭނެއް ނުގެންގުޅޭ ކަމަށާއި އަބަދުވެސް ވިސްނަނީ ކުރިއަށް އޮތް 10 ދުވަހަށް ނޫނީ ދެން އޮތް މެޗަކާ ދޭތެރޭ ކަމަށެވެ.

"އަހަރެންނަކަށް ނޭނގޭ ގައުމީ ޓީމަށް އަހަރެން ކުޅޭނެ އެންމެ ފަހު މެޗަކީ ކޮބައި ކަމެއް. ހަގީގަތަށް ބުނާނަމަ އަހަރެން ނުގެންގުޅެން ދުރު ރާސްތާ ޕްލޭނެއް. އަބަދުވެސް އަހަރެން ވިސްނަނީ ކުރިއަށް އޮތް 10 ދުވަހަށް، ކުރިއަށް އޮތް މެޗަށް، ޕްރެކްޓިސް އަށް،" އުމުރުން 38 އަހަރުގެ ޗެތުރީ ބުންޏެވެ.

"އެއްވެސް ވަރަކަށް އަހަރެން އެކަމާ ނުވިސްނަން. އެކަމަކު ވިސްނާ އެހެން ކަންކަން ހުންނާނެ، މިސާލަކަށް އަހަރެންނަށް ޓީމަށް އެންމެ އެކަށީގެންވާ ކުޅުން ކުޅެދެވޭތޯ ނޫނީ ނޫންތޯ. އެންމެ އެކަށީގެންވާ ކުޅުމެއް ނުކުޅެވޭ ކަމުގެ އިހުސާސް ކުރެވޭ ދުވަހަކީ ހުއްޓާލާ ދުވަސް. އެއީ އަހަރެން އިތުރަށް ކުޅުމުގެ މާނައެއް ނޯންނާނެ ހަގީގަތުގައި. އެއް ކަމަކަށް އަހަރެން އަބަދުވެސް ފުޓުބޯޅައަށް ލޯބި ކުރަން، އަނެއް ކަމަކީ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ގެއްލުން. އަހަރެންގެ ޕެޓްރޯލް [ހަކަތަ] ހުސްވާ ދުވަހަކީ ހުއްޓާލާ ދުވަސް."

ސެމީ ފައިނަލުގައި އިދިކޮޅުން ނުކުންނަ ލެބަނަން އާ ދެކޮޅަށް ޗެތުރީ ވަނީ، މުބާރާޓުގެ ކުރިން އޮތް އިންޓަ ކޮންޓިނެންޓަލް ކަޕްގެ ފައިނަލްގައި ގޯލު ޖަހައިފަ އެވެ. އަދި ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން އޭނާ ވަނީ ފަސް ގޯލު ކާމިޔާބު ކޮށްފަ އެވެ. ގައުމީ ޓީމަށް މިހާތަނަށް 140 މެޗު ކުޅެދީ 92 ގޯލު ޖަހައިދީފައިވާ ޗެތުރީ ވަނީ ސާފް ޗެމްޕިއަންޝިޕްގައި 23 ގޯލު ހަމަކޮށް، ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) ހަދާފައިވާ ރެކޯޑާ ވެސް އެއްވަރު ކޮށްފަ އެވެ.

ޗެތުރީ ބުނީ، އޭނާ އަކީ ރެކޯޑަށް ބަލައިގެން މަސައްކަތް ކުރާ މީހެއް ނޫން ކަމަށާއި، އަޝްފާގަކީ އޭނާ އަބަދުވެސް ވަަށް ބަލައިގަންނަ އަދި ސަޕޯޓް ކުރާ ކުޅުންތެރިއެއް ކަމަށެވެ.

"އަޝްފާގަށް އަހަރެން އަބަދުވެސް ވަރަށް ސަޕޯޓް ކުރަން، އަބަދުވެސް ވަރަށް ބަލައިގަންނަ ކުޅުންތެރިއެއް އެއީ. އަހަރެން މޮޑެސްޓް ވާން ބުނާ އެއްޗެއް ނޫން މިއީ، އެކަމު ވަރަށް މޮޑެސްޓް ކޮށް މި ބުނަނީ އަހަރެންނަކީ ރެކޯޑަށް ބަލައިގެން މަސައްކަތް ކުރާ މީހެއް ނޫން. ސާފް ޗެމްޕިއަންޝިޕްގައި އަޝްފާގު މިފަހަރު ނުކުޅޭތީ ވެސް ވާހަކަ ދެކެވުނު. އަހަރެން ވަރަށް ބަލައިގަންނަ ކުޅުންތެރިއެއް އޭނާއަކީ،" ރާއްޖޭގައި ބޭއްވި 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިޔާ ޗެތުރީ ބުންޏެވެ.

މިއަހަރު އަލަށް ސާފް ޗެމްޕިއަންޝިޕްގައި ސަރަހައްދުން ބޭރު ދެ ޓީމު ވާދަކުރާއިރު، ދެ ޓީމު ވެސް އޮތީ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ހޮވިފަ އެވެ. ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ހޮވުނީ އިންޑިއާ އާއި ބަންގްލަދޭޝް އެވެ. ޗެތުރީ ބުނީ ބަންގްލަދޭޝް އާ ދެކޮޅަށް ކުޅުމަކީ އިންޑިއާ އަށް ހަނގުރާމައެއް ކުރުން ފަދަ ކަމެއް ކަމަށާއި، ނަމަވެސް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އޭނާ ދެކެން ބޭނުން ވަނީ ސެމީގައި ކުޅޭ ސާފްގެ ދެ ގައުމު ކަމަށްވާ އިންޑިއާ އާއި ބަންގްލަދޭޝް ކަމަށެވެ.

"ކުވެއިތާއި ލެބަނަން އަކީ ވަރަށް މޮޅު ޓީމުތަކެއް، އަހަރެން އެ ޓީމުތަކަށް އިހުތިރާމް ކުރަން. އެކަމަކު ސާފް ކަޕްގައި އަހަރެން އެންމެ ދެކެން ބޭނުމީ ސާފްގެ ގައުމުތައް ފައިނަލް ކުޅޭތަން. އަހަރެމެންނާއި ބަންގްލަދޭޝް އަށް ކުރިއަށް އޮތީ މުހިއްމު މެޗެއް ފައިނަލްގެ ޖާގައެއް ހޯދަން،" ޗެތުރީ ބުންޏެވެ.

ބަންގްލަދޭޝް ފައިނަލް ކުޅެން އެދޭ ކަމަށް ޗެތުރީ ބުނުމުން ބަންގްލަދޭޝްގެ ނޫސްވެރިން ވަނީ، ބަންގްލަދޭޝްގެ ކުޅުންތެރިންނަށް މޯޓިވޭޝަނަލް މެސެޖެއް ދޭން އެދިފަ އެވެ. މިއާ ގުޅިގެން ޗެތުރީ މަޖާވެލާފައި ބުނީ، "އެނގޭތަ ބަންގްލަދޭޝް ކުޅުންތެރިން އަހަރެމެންނާ ދެކޮޅަށް ކުޅޭ މެޗުތަކުގައި ކަން ކުރާ ގޮތް؟ އަހަރެން މެސެޖެއް ދިނަސް އެއިން މާ ބޮޑު ބަދަލެއް ނާންނާނެ، އެއީ އަހަރެމެން ދެ ގައުމު ބައްދަލު ކުރަން ޖެހިއްޖެ ނަމަ ވާނީ ހަނގުރާމައެއް ކުރުން ފަދަ ކަމަކަށް، އެ ކުޅުންތެރިން އަހަރެންނަށް ވަރަށް ނަފްރަތު ކުރާނެ ދަނޑުމަތީގައި. ތިހެން އެހީމަ އަހަރެން ބުނާނީ ތިޔަ ޓީމު ހުރިހާ މެޗެއްގައި ވެސް ރަނގަޅަށް ކުޅޭނެ ކަމަށް އުންމީދު ކުރަމޭ، އެކަމަކު އެއީ އަހަރެމެންނާ ދެކޮޅަކަށް ނޫން."

މުބާރާތުގައި ލެބަނަން އާއި ކުވެއިތު އޮތުމަކީ ދެކުނު އޭޝިއާގެ ގައުމުތަކަށް ފައިދާ ކުރާނެ ކަމެއް ކަމަށް ފާހަގަ ކުރަމުން ޗެތުރީ ބުނީ، މީގެ ސަބަބުން އޭޝިއަން ކަޕް ފަދަ މުބާރާތް ތަކާއި ކޮލިފައިންތަކުގައި މަތީ ޓީމުތަކާ ދެކޮޅަށް ކުޅެން ތައްޔާރު ވާން އެހީއަކަށް ވާކަމަށެވެ.

"ކުވެއިތާއި ލެބަނަން ފަދަ ޓީމުތަކާ ދެކޮޅަށް ކުޅުމުން އެނގޭނެ، ސީރިއާ އާއި އުޒްބަކިސްތާން ފަދަ ގައުމުތަކާ ދެކޮޅަށް ކުޅެން ތައްޔާރުވާން ވީ ގޮތް. އެ މެޗުތަކުގައި ކުރިމަތިވާނެ ކަންކަން، އެމީހުންގެ ލެވެލް ހުންނާނެ ވަރު ކޮންމެވެސް ވަރަކަށް ދެނެގަނެވޭނެ. މިފަދަ ޓީމުތަކާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗުތައް ކުޅެން ލިބުމަކީ ޓީމަށް ލިބޭ ބޮޑު ފައިދާއެއް،" ޗެތުރީ ބުންޏެވެ.

އިންޑިއާ އިން މިހާރު ހޯދަމުން އަންނަ ކުރިއެރުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޗެތުރީ ބުނީ، އޭޝިއަން ކަޕްގައި ވާދަ ކުރާތީ އިންޑިއާ އަށް ބޮޑެތި ކުރިއެރުން އަތުވެއްޖެ ކަމަށާއި، އެކަމަކު ކޮންމެ ގައުމަކަށް ވެސް ފުޓުބޯޅައިގައި އުނދަގޫ ހާލަތްތައް މެދުވެރި ވާނެ ކަމަށެވެ.

"ބަންގްލަދޭޝަކީ އެއް މިސާލު. އެ މީހުން ވަރަށް ރަނގަޅަށް އެބަ މަސައްކަތް ކުރޭ. ނޭޕާލް ވެސް އަދި އެހެން ޓީމުތަކުން ވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރާނެ ކަން އަހަރެންނަށް ޔަގީން. ރާއްޖެ އަކީ މީގެ ތިނެއް ނޫނީ ހަތަރު އަހަރު ކުރިން ބަލިކުރަން އުނދަގޫ ޓީމެއް. އެެހެންވީމަ އަހަންނަށް ހީވަނީ ކޮންމެ ޓީމަކަށް ވެސް ފޭސް އެއް އެބަ އާދޭ. މަސައްކަތް ކޮށްގެން ހާލަތު ބަދަލުކުރެވޭނެ،" ޗެތުރީ ބުންޏެވެ.

2 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާއިބްރީ

01 July 2023

ކުޅިވަރުގެ އަޚްލާގުހުރި، ދަނޑުމަތީގަޔާ ބޭރުގަވެސް ޕްރޮފެޝަނަލްކޮށް ފެންނަ ކުޅުންތެރިއެއް. އުއްމީދަކީ ދިވެހި ކުޅުންތެރިންވެސް ޗެތުރީ ނަމޫނާއަކަށް ބަލައިގެން "ކަންމަތީ" ފުޓްބޯޅަ ދޫކޮށް ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅޭނެ ދުވަހެއް ފެނުން.

The name is already taken The name is available. Register?

ވޭދާ

01 July 2023

ޝުކުރިއްޔާ ސުނިލް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454