ހަތަރުވަނަ ފަހަރަށް އިންޑިއާ އާއެކު ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ތަށި އުފުލާލުމަށްފަހު އެޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ، އެ ހަތަރު ފަހަރު ވެސް މުބާރާތުގެ މޮޅު ކުޅުންތެރިޔަކީ އޭނާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
05 ޖުލައި 2023 - 10:28
އިންޑިއާގައި ރޭ ނިމިގެން ދިޔަ ސާފް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި އެންމެ ގިނަ ގޯލު ޖަހައިގެން ދޭ ރަން ބޫޓޫ ވެސް އުމުރުން 38 އަހަރުގެ ސުނިލް ޗެތުރީ ހޯދައިފި އެވެ.
އިންޑިއާ އިން ރޭ ހޯދި ކާމިޔާބާ އެކު ނުވަވަނަ ފަހަރަށް އެޓީމުން މިވަނީ ސާފް ޗެމްޕިއަންޝިޕް މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރެއިން ޗެތުރީ ވަނީ ހަތަރު ފަހަރު މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. އިންޑިއާ އާއެކު ޗެތުރީ 2011، 2015، 2021 އަދި 2023ގެ މުބާރާތް ކާމިޔާބު ކުރި އިރު، މިއިން ކޮންމެ މުބާރާތެއްގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އޭނާ އެވެ.
މިއަހަރުގެ މުބާރާތުގެ ޓޮޕް ސްކޯރާގެ މަގާމް ޗެތުރީ ހޯދީ ގުރޫޕް ސްޓޭޖުގައި ފަސް ގޯލު ޖަހައިގެންނެވެ. މިއީ އޭނާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ޓޮޕް ސްކޯރާގެ މަގާމް ހޯދި ތިންވަނަ ފަހަރެވެ. މީގެ ކުރިން 2011 އަދި 2021 ގައި ވެސް އޭނާ ވަނީ ޓޮޕް ސްކޯރާގެ މަގާމް ހޯދައިފަ އެވެ.
މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ، ބަންގްލަދޭޝްގެ އަނީސުއް ރަހްމާން ޒީކޯ އެވެ. އަދި ފެއާ ޕްލޭ ޓީމަކީ ނޭޕާލެވެ.
ޗެތުރީ. ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަން މެޑަލްގައި ދަތް އަޅާލައިގެން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހަތަރު ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ރަން މެޑަލް ހޯދައި، ހަތަރު ފަހަރު އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ އިތުރަށް ތިންވަނަ ފަހަރަށް ރަން ބޫޓު ހާސިލް ކޮށްގެން ޗެތުރީ މިވަނީ މުބާރާތުގެ ތިން ރެކޯޑް ގާއިމް ކޮށްފަ އެވެ.
މި ތިން ރެކޯޑްގެ އިތުރުން، މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް މުގުރާލުމުގެ ފުރުސަތު ވެސް ޗެތުރީ އަށް އޮތެވެ. ރާއްޖޭގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) މުޅި އެކު 23 ގޯލު ޖަހައިގެން ހަދާފައިވާ މި ރެކޯޑް މުގުރާ ނުލެވުނަސް، ޗެތުރީ ވަނީ މި މުބާރާތުގައި ކާމިޔާބު ކުރި ގޯލުތަކާ އެކު އަޝްފާގްގެ ރެކޯޑާ އެއްވަރު ކޮށްފަ އެވެ. މުބާރާތުގެ ކުރިން ޗެތުރީ އޮތީ 18 ގޯލާ އެކު އަޝްފާގަށް ވުރެ ފަސް ގޯލު ފަހަތުގަ އެވެ.
ޗެތުރީ އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕްގައި ގޯލު ޖެހީ 2008 ވަނަ އަހަރު ރާއްޖޭގައި ކުޅުނު ގުރޫޕް ސްޓޭޖުގަ އެވެ. އެއަހަރު އޭނާ ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެއަށް ފަހު 2011 ވަނަ އަހަރު ހަތް ގޯލު ކާމިޔާބު ކުރި އެވެ. ނޭޕާލްގައި 2013 ވަނަ އަހަރު ވެސް އޭނާ ގޯލެއް ޖެހި އެވެ. މީގެ އިތުރުން 2015 ވަނަ އަހަރުގެ މުބާރާތުގައި ތިން ގޯލު އަދި 2021 ވަނަ އަހަރު އޭނާ ފަސް ގޯލު ކާމިޔާބު ކުރި އެވެ.
އަޝްފާގް ވަނީ 2005 ވަނަ އަހަރުގެ މުބާރާތުގައި ތިން ގޯލު، 2009 ގައި ތިން ގޯލު، 2011 ގައި ދެ ގޯލު، 2013 ގައި 10 ގޯލު ޖެހުމުގެ އިތުރުން 2015 ގައި ދެ ގޯލު އަދި 2021 ވަނަ އަހަރު ރާއްޖޭގައި ކުޅުނު މުބާރާތުގައި ތިން ގޯލު ޖަހައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޯމޭން
05 July 2023
ސާފް ޗެމްޕިއަންޝިޕްގައި އެންމެ ގިނަގޯލު ޖަހާފައިވާ ކުޅުންތެރިޔާގެ މަގާމު ރާއްޖޭގެ ކުޅުންތެރިއަކަށް ދިފާއުކުރެވުނީސް މިވޭތިވެދިޔަ 5 އަހަރުތެރޭ ބައްސާމު ދަގަނޑޭއާ ޒާތީގޮތުން ޖައްސާނުލާ ހުރިނަމަހީ. އެކަމެއްތެރޭވެސް އަހަރު ދޮޅުއަހަރު އެފަކީރު ގަނަތެޅެން ޖެހުނު. ބައްސާމު ކަލޭތީ ނަމޫނާ ވެރިއެއް. ނަމަނަމަ ތިމަގާމުން ނުފައިބާތި.