ކުޅިވަރު / ވިމްބްލްޑަން ޓެނިސް މުބާރާތް

ޓެނިހުގައި ތާރީހީ އާ ފެށުމެއް، ޖޮކޮވިޗް ބަލިކޮށް އަލްކަރާޒް ވިމްބެލްޑަންގެ ތަށި އުފުލާލައިފި

އަލްކަރާޒް، 20، އޭނާގެ ފުރަތަމަ ވިމްބެލްޑަން ތައްޓާ އެކު.-- ފޮޓޯ: އޭއެފްޕީ

ފައިނަލްގައި ލެޖެންޑަރީ ކުޅުންތެރިޔާ ސާބިއާގެ ނޯވަކް ޖޮކޮވިޗް ބަލިކޮށް އުމުރުން 20 އަހަރުގެ ސްޕެއިންގެ ކާލޯސް އަލްކަރާޒް، ފުރަތަމަ ފަހަރަށް ވިމްބެލްޑަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބު ކޮށްފި އެވެ.

އެންމެ ފަހުން ބޭއްވި ހަތަރު ވިމްބެލްޑަން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޖޮކޮވިޗާ ދެކޮޅަށް ކުޅުނު ފައިނަލް މެޗު އަލްކަރާޒް ކާމިޔާބު ކުރީ 3-2 ސެޓުންނެވެ.

ފުރަތަމަ ސެޓު 6-1 އިން ޖޮކޮވިޗް ގެންގޮސްފައި ވަނިކޮށް އަލްކަރާޒް ވަނީ 7-6 (8-6)، 6-1 އިން ޖެހިގެން އައި ދެ ސެޓު ކާމިޔާބު ކޮށްފަ އެވެ. ނަމަވެސްހަތަރުވަނަ ސެޓު 6-3 އިން ޖޮކޮވިޗް ކާމިޔާބު ކުރުމާ އެކު ފަސްވަނަ ސެޓެއް ކުޅެން ޖެހުނީ އެވެ. ފަސްވަނަ ސެޓު އަލްކަރާޒް ގެންދިޔައީ 6-4 އިންނެވެ.

މިއީ އަލްކަރާޒް ކާމިޔާބު ކުރި ދެވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ޔޫއެސް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށް، އޭޓީޕީ ރޭންކިންގެ އެއްވަނައިގައި އޮވެގެން އަހަރު ނިންމާލި އެންމެ ޒުވާން ކުލުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. އަދި ވިމްބެލްޑަންގެ ކާމިޔާބާ އެކު އޭނާ ވެފައި ވަނީ 1985 ވަނަ އަހަރު ބޮރިސް ބެކާ އަށް ފަހު މި މުބާރާތް ކާމިޔާބު ކުރި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.

"މިއީ ހުވަފެނެއް ހަގީގަތަކަށް ވުން. އަހަރެން ބަލިވި ނަމަވެސް އެއީ ފަހުރުވެރި ވާ ވަރު ކަމެއް،" ހަތަރުވަނަ ގްރާސް ކޯޓް މުބާރާތެއް ކުޅުނު އަލްކަރާޒް ބުންޏެވެ.

"މުބާރާތްތަކުގައި މިހާ ދުރަށް ދަތުރުކޮށް ކުޅެވުމަކީ އުމުރުން 20 އަހަރުގެ ކުޅުންތެރިއަކަށް ވަރަށް އަވަސް ކުރިއެރުމެއް ހަގީގަތުގައި. އަހަރެން މިކަމާ ވަރަށް ފަހުރުވެރިވޭ."

އަލްކަރާޒް އާއި ރަނަރަޕް ޖޮކޮވިޗް (ކ)، މިއީ އަލްކަރާޒް، ގްރޭންޑް ސްލޭމް މުބާރާތެއްގައި ޖޮކޮވިޗް ބަލިކުރި ފުރަތަމަ ފަހަރު.-- ފޮޓޯ: އޭއެފްޕީ

މި ކާމިޔާބީ އާއެކު އަލްކަރާޒް މިވަނީ 20 އަހަރު ވަންދެން ވިމްބެލްޑަން ޑޮމިނޭޓް ކުރި ޓެނިހުގެ ލެޖެންޑުން ކަމަށްވާ ޖޮކޮވިޗާއި ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ އަދި ސްޕެއިންގެ ރަފައެލް ނަޑާލްގެ އެންޑީ މަރޭގެ ޑޮމިނެންސް ހުއްޓުވައިފަ އެވެ. ފާއިތުވި 20 އަހަރު ތެރޭ ބޭއްވި 19 މުބާރާތުގެ ތެރެއިން، ޖޮކޮވިޗަށް ވުރެ ގިނައިން މުބާރާތް ކާމިޔާބު ކޮށްފައި ވަނީ އަށް ފަހަރު ތަށި އުފުލާލި ފެޑެރާ އެވެ. ނަޑާލް އާއި އިނގިރޭސިވިލާތުގެ މަރޭ ވެސް ދެ ފަހަރު މުބާރާތް ކާމިޔާބު ކުރި އެވެ.

އަލްކަރާޒް ވަނީ މި އަހަރުގެ ފްރެންޒް އޯޕަންގެ ސެމީ ފައިނަލްގައި ޖޮކޮވިޗާ ވާދަކޮށްފަ އެވެ. އެ މެޗު އޭނާ އަށް ގެއްލުނީ މެޗު ކުޅެމުން ދިޔަ ވަގުތު ކުރިމަތިވި އަނިޔާއަކާ ގުޅިގެންނެވެ. އެއީ ގްރޭންޑް ސްލޭމް މުބާރާތެއްގައި އަލްކަރާޒް އާއި ޖޮކޮވިޗްގެ ފުރަތަމަ ކުރިމަތިލުމެވެ.

ރެކޯޑް 23 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައިވާ ޖޮކޮވިޗް ވިމްބެލްޑަން މުބާރާތާ ކުރިމަތިލީ ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތް ކާމިޔާބުކޮށް، ޖުމްލަ އަށްވަނަ ފަހަރަށް މި މުބާރާތުގެ ތަށި އުފުލާލާށެވެ.

"މިހެން މެޗުން ބަލިވާކަށް އެކަކުވެސް ނޭދޭނެ، އެކަމަކު އަހަރެން ގަބޫލު ކުރަނީ މިވަރުން ވެސް އަހަރެން ޝުކުރުވެރި ވާން ޖެހޭ ކަމަށް. މިތާނގައި ބައިވަރު އުނދަގޫ މެޗުތައް އަހަރެން ކާމިޔާބު ކޮށްފިން. ބަލިވާ ވަރުގެ ދެ ފައިނަލެއް ވެސް ކާމިޔާބު ކުރެވުނު. އެހެންވެ މިއީ ހިސާބު އެއްވަރުވީ ކަމަށް ވެދާނެ." ފެންކަޅިވެފައި ހުރެ ވާހަކަ ދައްކަމުން ޖޮކޮވިޗް، 36، ބުންޏެވެ.

"މިއީ ގަބޫލު ކުރަން ވެސް އުނދަގޫ މެޗެއް މޮޅަކާ އެހާ ގާތަށް ގޮސްފައި ވަނިކޮށް ބަލިވުމުން. އަހަރެން ބަލިވީ މޮޅު ކުޅުންތެރިއެއް އަތުން. އެހެންވެ އަހަރެން ޖެހޭނީ އޭނާއަށް މި ކާމިޔާބީގައި މަރުހަބާ ކިޔައި، ކުރިމަގަށް އާ އަޒުމަކާ އެކު ފަށަން."

އަންހެން ޗެމްޕިއަންކަން މާކެޓާ ވޮންޑްރޫސޯވާ އަށް

ވިމްބެލްޑަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ޗެކް ރިޕަބްލިކްގެ މާކެޓާ ވޮންޑްރޫސޯވާ އެވެ. އޭނާ ވަނީ ފައިނަލްގައި ޓިއުނީޝިއާގެ އޮންސް ޖަބެއާ ބަލިކޮށްފަ އެވެ.

އަންހެން ޗެމްޕިއަން ވޮންޑްރޫސޯވާ (ވ) އަދި ރަނަރަޕް ޖަބެއާ (ކ).-- ފޮޓޯ: އޭއެފްޕީ

ވޮންޑްރޫސޯވާ ފައިނަލް މެޗު ކާމިޔާބު ކުރީ 6-4، 6-4 އިންނެވެ.

މިއީ 24 އަހަރުގެ ވޮންޑްރޫސޯވާ ވާދަކުރި ދެވަނަ ގްރޭންޑް ސްލޭމް ފައިނަލެވެ. ފުރަތަމަ ވާދަކުރީ 2019 ވަނަ އަހަރުގެ ފްރެންޗް އޯޕަން ފައިނަލްގަ އެވެ.

ޖަބެއާ ވަނީ މިދިޔަ އަހަރުގެ ވިމްބެލްޑަންގެ ފައިނަލްގައި ވެސް ވާދަ ކޮށްފަ އެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ޔޫއެސް އޯޕަން ފައިނަލްގައި ވެސް އޭނާ ވާދަ ކުރި އެވެ. ނަމަވެސް އަދި ގްރޭންޑް ސްލޭމް މުބާޜާތެއްގެ ޓްރޮފީ އުފުލައި ނުލެވެ އެވެ.

ވޮންޑްރޫސޯވާ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި ޔޫކްރޭނުގެ އެލީނާ ސްވިޓޮލީނާ ބަލިކޮށްފަ އެވެ. އޭގެ ކުރިން ކުއާޓާގައި ވަނީ ހަތަރުވަނަ އަށް ސީޑް ކޮށްފައިވާ އެމެރިކާގެ ޖެސިކާ ޕެގިއުލާ ބަލިކޮށްފަ އެވެ. ވައިލްޑްކާޑް އުސޫލުން ވާދަކުރި ސްވިޓޮލީނާ ސެމީ އަށް ދިޔައީ ކުއާޓާގައި، އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ ޕޮލެންޑްގެ އީގާ ސްވިއާޓެކް ބަލިކުރުމަށް ފަހު އެވެ.

މި މުބާރާތުގައި ހަވަނަ އަށް ސީށް ކޮށްފައިވާ ޖަބެއާ ވަނީ ސެމީ ފައިނަލްގައި، ދެވަނަ އަށް ސީޑް ކުރި ބެލަރޫސްގެ އަރީނާ ސަބަލެންކާ ބަލިކޮށްފަ އެވެ. އޭގެ ކުރިން ކުއާޓާގައި ތިންވަނަ އަށް ސީޑް ކުރި ކަޒަކިސްތާނުގެ އެލީނާ ރައިބަކީނާ ވެސް ބަލިކުރި އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454