ޑރ. މުނައްވަރު: އިންތިހާބުގައި ވާދަނުކުރަން ވަނީ ނިންމަވާފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު
07 އޯގަސްޓް 2023 - 11:29
ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ގެންގުޅުއްވި ވިސްނުން ދޫކޮށްލައްވައި މިފަހަރު ކުރިމަތިނުލައްވަން ނިންމަވައިފި އެވެ.
އަންނަ މަހު ބާއްވާ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެކަން މުނައްވަރު އިއުލާން ކުރެއްވީ މި އަހަރުގެ މާޗް މަހު އެވެ. އެ ފަހުން ކެމްޕެއިންގެ ބައެއް މަސައްކަތްތައް ކުރައްވައި ޖަގަހައެއް ވެސް ހުޅުވި އެވެ.
މުނައްވަރު "މިހާރު" އަށް ވިދާޅުވީ، އިންތިހާބުގައި ވާދަކުރަން އޭނާ ގަސްދުކުރީ ރާއްޖޭގައި މިވަގުތު ހުރި މައްސަލަތައް ހައްލުކުރުމަށް ރަނގަޅު ސިޔާސަތުތަކެއް ގެނައުމަށް ކަމަށެވެ. ނަމަވެސް، މި ހާލަތުގައި އެ ސިޔާސަތުތައް ރައްޔިތުންނާ ހަމައަށް އެންމެ ރަނގަޅަށް ފޯރުކޮށްދެވޭނެ މާހައުލެއް އޮތް ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ.
"ކުޅޭކުޅޭ ކަމަކަށް ނޫން އަޅުގަނޑުމެން މިކަމަށް މި މަސައްކަތްކުރީ، ވަރަށް ސީރިއަސްކޮށް ވަރަށް ގިނަ ސިޔާސަތުތަކަކާ އެކު ރައްޔިތުންނަށް ހައްލުތަކެއް ހޯދައިދޭން، އެކަމަކު އެކަންކަން ރައްޔިތުންނަށް ރަނގަޅަށް ކޮމިއުނިކޭޓްކޮށްދެވޭނެ މާހައުލެއް ނެތް،" އޭނާ ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި، މިހާރު އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ފަރާތުން ވެސް ސީރިއަސްކަމެއް ނުފެނެ އެވެ. ފެންނަނީ އިންތިހާބު ކުޅޭކުޅޭ އެއްޗެކަށް ހަދާފައިވާ މަންޒަރު ކަމަށެވެ.
"ރަނިންމޭޓް ނެގުން ވެސް ހަމަ އެގޮތަށް މި އޮންނަނީ، އެ ނަގާ މީހަކީ ގައުމުގެ ހިންގުމާ ހަވާލުވެވިދާނެ ފަދަ މީހެއްތޯ ވެސް ނުބަލާ،" މުނައްވަރު ވިދާޅުވި އެވެ.
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްގެ ރަށްތަކަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ން ނިންމި ނިންމުމާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ މުނައްވަރެވެ. އެ ދުވަސް ސިޔާސީ ގިނަ ކަންކަމުގައި ބައިވެރިވީ ނަމަވެސް، މިހާރު އޭނާ ސިޔާސީ މައިދާނުން ނުފެނެ އެވެ.
ޑރ. މުނައްވަރު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބަންޑާރަނައިބުގެ މަގާމް 10 އަހަރު ފުރުއްވައިފަ އެވެ. އޭގެ ފަހުން، 2008 ގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވެވަޑައިގަތެވެ. ޕާޓީގެ ރައީސްގެ މަގާމަށް ވާދަކުރެއްވި ނަމަވެސް އެ ފަހަރު ނާކާމިޔާބުވީ އެވެ. އޭގެ ދުވަސްކޮޅެއް ފަހުން އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު ވަކިވެ، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތެވެ. ފަހުން ޖުމްހޫރީ ޕާޓީއާ ވެސް ދުރަށް ވަޑައިގެން މޯލްޑިވްސް ރިފޯމް މޫވަމަންޓުގެ ނަމުގައި އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދެވި އެވެ. އެކަމަކު ގާނޫނުގައި ބުނާ ޝަރުތުތައް ހަމަނުވެގެން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުވާލީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
09 August 2023
މީދެންކާކު! ރައްޔިތުން ބަލައިގަންނަ މީހެއްނޫން! އަނބިކަބަލުން ރަނިންމޭތަކަށް ހަދާދެން!
ހުސެންކުރުސީ
08 August 2023
އަބިމީހާއާ ދަރިފުލައިގެން ކުޅޭ ކުޅިވަރެއްގެ ގޮތުގައި ރިޔާސީރޭސް ސިފަކުރުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟
ފޮނިޓައްޕު ހަސަނު
08 August 2023
ހިޔަޅު ވެސް ބުނީ ތިމަންނަ މޭބިސް ކަދުރު ވެލުން މޭބިން ބިނދެގެން ނުކެއީ އެ ހުތް ކަމުންނޭ. އަސްލު ވީގޮތަކީ އެސޮރު އަތުޖެހޭ ހިސާބުގައި މޭބިސް ކަދުރު ކޯޅިއެއް ނެތީ.
މިރޭމަދާނަން
08 August 2023
މި ބޭބެ އަބަދުވެސ މިހެން އުޅޭނީ.. މޮޅުވާހައްދައަކާފަ މިޙޫންގެ ހިތުގައި ޝައްކާއި ވަހުމުއިފެދުނީމަ ދެން ފިލާނީ..އަނެއްކާވެސ ދެން ފެންނާނީ އަހަރުތަކެއް ފަހުން... މީނަޔަށްވެސް މައުމޫނުގެ ޒަމާނުގަ މިނިސްޓަރުންނަށް ދިންގޯތި ލިބިފައިވާ މީހެއް. ޖެންޒީ ކުދިންންށް ނޭގިދާނެތީ ނޮލެޖް ޝެއަރކޮށްލީ.
ގަދަ
08 August 2023
ގަދަ
ބޮޑުމީހާ
07 August 2023
ވޯޓް ދޭންވެސް ތިބީ އެގޮތަށް ވިސްނާ މީހުން. ސިޔާސަތަށް ވުރެ ބޮޑަށް ގިނަ މީހުންނަށް ވޯޓް ދެވެނީ ބަށިކޯޓާއި ފުޓްސަލް ދަނޑަށް. އަދި ވެރިން ވައުދުވާއިރު އެ ވައުދު ފުއްދައިދޭނީ ކިހިނެއްތޯ ސުވާލުކޮށްލާނެ ހިތްވަރެއް ހުރި ބަޔަކު ނޫޅޭ. ނުފުއްދޭ ކިތަންމެ ވައުދެއް ވިޔަސް އަތްޖެހުމުގަ ދިވެހިންތިބީ. ކިޔަވައިގެން ތިބެ، ނުކިޔަވާ މީހުންގެ އަތްދަށުވީ ރައްޔިތުންނެއް މިނޫނީ ނޫޅޭ
އައްޔަ
07 August 2023
ސުމެއްވެސް ނުލިބިދާނެތީ ލަދުގަތީ ކަމައްވެދާނެ,
އެލެކްސް އަހުމަދު
07 August 2023
މިކޮމެންޓުތައް ކިޔާފާ މަށަށް ޔަގީން މުނައްވަރަށްވެސް ނުހެވިއެއް ނުހުންނާނެކަން.
ހިޔަޅު
07 August 2023
ހަަހަހަ ސޮއި ހަމަ ނުވީ.
ބިގަރޭ
07 August 2023
ޗާގޯސްގެ ރައީސް.
ވާނުވާ،،،
07 August 2023
1500 ސޮއި ހަމަނުވީމަ މޮޔަވެސް ގޮވާނެ. ވަގުތު ޖެހުންއިރު އެކަމެއް ނުވި. ދެން އެވީ ކުޅޭކުޅޭ އެއްޗަކަށް. ފެންވަރުން ކަންކަން ކުރަން އުޅެބަލަ. ރަނގަޅު ކޮއްލާ.