އިލެކްޝަންސް ކޮމިޝަންގެ މެންބަރުން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަނީ: ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެ ކޮމިޝަނުން މިހާރު ވަނީ އޭޕްރީލް 15 އަށް ފަސްކޮށްފައި.--- ފޮޓޯ: ނިޝާން އަލީ/މިހާރު
01 ފެބުރުއަރީ 2017 - 21:32
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އޭޕްރީލް މަހު ބޭއްވުމުގެ ކުރިން، އެ އިންތިހާބުގެ ގާނޫނު އިސްލާހުކޮށް، ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް ބަދަލުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ފަށައިފި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު އިސްލާހުކުރަން ސަރުކާރުން މި ނިންމީ، ވެރިކަންކުރާ ޕީޕީއެމްގެ ތެރޭގައި ބައިބައިވުން އުފެދި، ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ފެކްޝަނުން ކޯޓަށް ހުށަހެޅި މައްސަލައަކަށް ފަހު ތިން ފަހަރެއްގެ މަތިން އިންތިހާބު ފަސްކޮށްފައި ވަނިކޮށެވެ.
އޭޕްރީލް 8 ގައި ބާއްވަން ކުރިން އިއުލާން ކުރި އިންތިހާބު އޭޕްރީލް 15 އަށް ފަސްކޮށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އެކަން އިއުލާނުކޮށްފަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި މައިގަނޑު ގޮތެއްގައި ވަނީ ކައުންސިލަރުންގެ ޝަރުތުތަކަށް ބަދަލު ގެނައުމެވެ. މި ނޫނަސް އެހެން ބައެއް އިސްލާހުތައް ހިމެނޭ މި ބިލަށް، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަމަލުކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެ އެވެ. ނަމަވެސް މި ބިލާ ބެހޭ ގޮތުން މާބޮޑު ތަފްސީލެއް އަދި ނުލިބެ އެވެ.
އެނގިފައިވާ ގޮތުގައި އަންނަ ހަފުތާގެ ހޯމަދުވަހު ފަށާ މަޖިލީހުގެ އާ ދައުރަށް މި ބިލް ހުށަހަޅަން އަންނަނީ ތައްޔާރުވަމުންނެވެ.
މިހާރު އޮންނަ ގޮތުން ނަމަ ކައުންސިލަށް ކުރިމަތިލާ މީހުންގެ ހަތް ޝަރުތެއް ފުރިހަމަވާން ޖެހެ އެވެ. އެއީ ދިވެހި ރައްޔިތަކަށްވުން، ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން، މުސްލިމަކު ކަމުގައި ވުމާއި ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން، އުމުރުން 18 އަހަރު ފުރިފައިވުން، ބުއްދި ހަމައަށް ހުރި މީހަކު ކަމުގައި ވުން، ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރެވޭ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން އަދި ފުލްޓައިމް ދަރިވަރެއް ކަމުގައި ނުވުމެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އިންތިހާބު ތިން ވަނަ ފަހަރަށް ފަސްކުރީ ވޯޓުފޮށި ބަހައްޓަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތައް ދޫކުރުމުގައި ދަތިތަކެއް ދިމާވެގެން ކަމަށެވެ. އަދި މިގޮތަށް ނިންމީ ގައުމީ ލަފާދޭ ކޮމިޓީގެ އިއްތިފާގުން ކަމަށް ވެސް ބުންޏެވެ.
އިންތިހާބު ފަސްކުރަން އެންމެ ފުރަތަމަ ހުށަހެޅީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މުސްތަޝާރު ރައީސް ޔާމީނާ ދެމެދު މައްސަލަ ޖެހި ޕާޓީ ދެބައިވުމުން، ކައުންސިލް އިންތިހާބަށް ތައްޔާރުވާން ވަގުތު ނެތް ކަމަށް ބުނެ އެވެ. މި މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ޕީޕީއެމަށް ވާދަ ނުކުރެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެއްރަ
02 February 2017
މަހީކުރީ އެއްޗަކަށް ގޮތެއްހަދާލަން އެންމެމޮޅުވާނީ މަކަމަށެވެ! ފަށުވިބޮޅު އަތުޖެހުނީމައި، އެޔަށްހަދާލިގޮތުން މިއަދާހަމައަށްވެސް މިސާލުބަހަކަށް ހަދައިގެން އެކިޔާކިއުމާމެދު މަމިހުރީ ވަރަށް މޮޅުވެ، ސަޅިވެ، ގަޓުވެފަ! އެހެންހުއްޓައި، މިފެންނަނީ މުޅިން އެހެން ނުވައްތަރެއްގެބަޔަކު އެކަމަށްވުރެ ކުރިއަރައިގެން ދާތަނެވެ!!!!!! ޤާނޫނަށް ނުހަދާގޮތެއް ނެތޭބުނެވިދާނެއެވެ! ހަދަންބޭނުން ކޮންމެގޮތެއް އެބަހަދައެވެ!!!!! އޭތި ކޮށާ މަށަންފަށައިފިނަމަ، މަށަށްހީވަނީ ނިމޭއިރު އޭގައޮންނާނީ ބޭނުންވާ ގޮތަށް އެންމެމާއްދާއެއްހެނެވެ!!!! އާނފަހެ! ނުބުނޭވަރެއްނޫނެވެ!
ދކ
02 February 2017
ދެން އިތުރުވާނީ އެބުނާ ޕާޓީއަކަށް ސަޕޯޓްކުރާ މެންބަރަކަށް ވުން
މޫސަ
02 February 2017
މޫނު ބުރުގާއެޅުން މި ޝަރުތު އިތުރުކުރަން ފެނޭ!
މުޙައްމަދު ޝަރީފް ސިތާރާ، ހުޅުދުއްފަރު
02 February 2017
ރައްޔިތުންގެ މަޖްލިސްއަށް ކުރިމަތިލުމުގެ ޝަރުތު އިޞްލާހްކޮށް އެއީ ޤާނޫނު ހެދޭފަދަ ފެންވަރެއްގެ ޝަރުޠު ހުރިބައެއްކަމަށް އިޞްލާޙްކުރަން ފެނެއެވެ. ޙަޤީޤަތިުގައިވެސް ކަންކަމަށް ލާއިޤު ނޫން މީހުން ކަންކަމަށް އިސްވުމުގެ ނަތީޖާ މިއޮތީ ފެންނަން ފަށާފައެވެ.
އިސްލާޙް
02 February 2017
ބަލަ ކައުންސިލަރުންނަކީ ވެސް ރައްޔިތުންނަށް ސަރުކާރުން ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމުގެ މަސްއޫލިއްޔަތާ ޙަވާލުވާބައެއް، އަދި އެއީވެސް ދަވްލަތުގެ މުވައްޒަފުންނަށް ވުމާއެކު އެޒިންމާ އަދާކުރެވޭނީ އެކަށީގެންވާ ތަޢުލީމު ލިބިފައިވާ ބަޔަކަށް، އެހެންވީމާ ދައްވެގެން ޖީ.ސީ އޯލެވެލް ފެންވަރުގެ ތަޢުލީމު ލިބިފަވުން އެއީ ޝަރުޠު ކަމުގައި ކަނޑައެޅުން ރަނގަޅު.
ދވފދވ
02 February 2017
ޝަރުތުތަކުގެތެރޭގައި ކީއްވެގެންތޯ ނެތީ މަދުވެގެން ދެދައުރު ނިންމަވާ ބަޔަކަށް ފުރުސަތު ނުލިބޭ ގޮތަކަށް ނެހެދީ!! ހުސް އެއްބަޔަކަށް ފުރުސަތު ލިބިގެން ދާތީ މިއީ ވަރަށް ބޮޑު މައްސަލައެއް!!
ރިޔާޒު ރަޝީދު
02 February 2017
އުމުރުން 55 އަހަރު ވެފައިވާ މީހުންނަށް ކުރިމަތިނުލެވޭގޮތް ހަދަން ފެނޭ އަދި ކޮރަޕްޝަނުގެ ޢަމަލެއް ހިންގާ ދައުލަތަށް ފައިސާ ދައްކާފައިވާ މީހަކަށް ކުރިމަތިލާން ފުރުސަތު ނުލިބުނ ރަނގަޅު
މުހައްމަދު
02 February 2017
ޕާޓީއަކާ ނުލާ އަމިއްލަ ގޮތުން ވާދަނުކުރެވޭ ގޮތައް ބަދަލުކުރުން.
ގާބެ
02 February 2017
ދިވެއްސަކަށްވުން، ބޭރުމީހަކަށް ނުވުން. މީ އެއްޝަރުޠެއްނޫންތަ؟ ދެން ލިޔެބަލަ މުސްލިމަކަށްވުން. ކާފަރަކަށް ނުވުން.
އަލީ
03 February 2017
ގަޅިވިޔަސް ތީ ފުކެއްބޮޑުވަރު. އެއް ޤައުމަށްވުރެ ގިނަ ޤައުމުގެ ރައްޔިތުކަން އެއް ވަގުތެއްގައި ލިބޭ ކަމެއް ނުދެނަހުރީމުތަ؟ ދިވެހި ރައްޔިތަކަށްވެ ހުރެ އެހެން ޤައުމެއްގެ ރައްޔިތަކަށްވެސް ވެވޭ. މިއީ ދެ ޝަރުޠެއް. މާނައަކީ ދިވެއްސަކަށްވިޔަސް، އެހެން ޤައުމެއްގެ މީހަކަށް ނުވުން. ކަލޯ އެނގިއްޖެ؟
ހާލަތު
02 February 2017
މި ސަރުކާރު އައިފަހުން ކިތައް އިސްލާހު މި ގާނޫނަށް ގެނެސްފިބާ؟؟؟ މީގައި ހަމަ އެންމެ ރަގަޅު ގޮތަކީ ކައުންސިލަރުން އިންތިހާބު ކުރުމުގެ ބަދަކުގައި ރައީސް އަންޔާކުރާ މީހަކަށް ހެދުން. ޕާޓީއަށް ގިނަ މީހުން ވަންނާނެއެވެ.