ފޮނަދޫގައި ރޭ ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ޝަހީމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ޕީޕީއެމް
02 ސެޕްޓެމްބަރ 2023 - 01:03
ރާއްޖެ މިއަދު ވަނީ އިސްލާހީ ބަދަލަކަށް ބޭނުންވެފައި ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ މި ފަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލް ބޭފުޅާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
ލ. ފޮނަދޫގައި ބޭއްވި ފޯރިގަދަ ކެމްޕެއިން ޖަލްސާގައި ޝަހީމް ވިދާޅުވީ، މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒަކީ ހުރިހާ ކެންޑިޑޭޓުންގެ ތެރެއިން ވެސް އެންމެ ގާބިލް، އެންމެ ޒުވާން އަދި އެންމެ އިލްމުވެރި ބޭފުޅާ ކަމަށެވެ.
މުއިއްޒުގެ ހިލްމުވެރިކަން ހުރި ވަރު ބަޔާން ކޮށްދެއްވަމުން ޝަހީމް ވިދާޅުވީ، އިދިކޮޅު ހުރިހާ ކެންޑިޑޭޓުން މުއިއްޒާ ދިމާކުރާއިރު ވެސް ހުންނަވަނީ ހިމޭނުން ކަމަށެވެ. އެމްޑީޕީން ރޭ މާލޭގައި ބޭއްވި ޖަލްސާގައި ވެސް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީގެ އިތުރުން އެ ޖަލްސާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުން ވެސް މުއިއްޒާ ދިމާލަށް އެއްޗެހި ވިދާޅުވި ކަމަށް ޝަހީމް ވިދާޅުވި އެވެ.
"ކީއްވެގެންތޯ؟ މޭވާ އަޅާ ގަހަށް ގާ އުކާނެ ނޫންތޯ؟ އެކަމަކު ބައްލަވާ ޑރ. މުހައްމަދު މުއިއްޒު އެ އިން އެއްވެސް ބޭފުޅަކަށް އެއްޗެއް ވިދާޅެއް ނުވޭ. މިއެއް ނޫންތޯ ހިލްމުވެރިކަމަކީ. ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ސިފައަކީ މިއެއް ނޫންތޯ،" ޝަހީމް ވިދާޅުވި އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި މުއިއްޒަށް ވޯޓު ދެއްވަން އެދިވަޑައިގަންނަވަމުން ޝަހީމް ވިދާޅުވީ "ހައްދުންމަތިން ވަނީ މިކަން ނިންމާފައި" ކަމަށެވެ.
ފޮނަދޫގައި ރޭ ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"މި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނެގެހެއްޓުމަށްޓަކައި ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ، ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބި ކަމަށް ބުނެ އެންމެ ގިނައިން ވާހަކަ ދައްކަނީ މި ސަރުކާރާ އެކު ތިބި ޕާޓީތަކުން ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ވާހަކަފުޅު މާ ކުރިން ވިދާޅުވެފައިވާކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވި ގޮތުގައި އެ މީހުން "ބާލަންޖެހޭ" ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ މިހާރު ވެސް ދިވެހި ސަރުކާރުން ޖެހިލުންވެއޭ ރާއްޖޭގައި ތިބީ އިންޑިއާގެ ކިތައް ސިފައިންކަން ހާމަކުރަން. މާނައަކީ މިތާ އެބަތިއްބޭ އެތައް ސަތޭކަ ސިފައިން. ދިވެހި ރައްޔިތުންނަށް ނޭނގޭ ކަމެއް ދިވެހި ފަސްގަނޑުގައި ކީއްވެތޯ ހިނގަންވީ؟ އަޅުގަނޑު މިރޭ ވެސް ގޮވާލަނީ ދިވެހި ސަރުކާރަށް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު ހާމަކުރާށޭ،" ޝަހީމް ވިދާޅުވި އެވެ.
އެކަމަކު ބައްލަވާ ޑރ. މުހައްމަދު މުއިއްޒު އެ އިން އެއްވެސް ބޭފުޅަކަށް އެއްޗެއް ވިދާޅެއް ނުވޭ. މިއެއް ނޫންތޯ ހިލްމުވެރިކަމަކީ. ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ސިފައަކީ މިއެއް ނޫންތޯ،"---ޝަހީމް
އޭނާ ވިދާޅުވީ، ޕީޕީއެމް/ޕީއެންސީން ދިވެހި ދައުލަތުގެ މިނިވަންކަން ދަމަހައްޓާނެ ކަމަށާއި އެފަދަ ވަތަނީ ވެރިކަމެއް ކުރައްވާނެ ވެރިއަކީ މުއިއްޒު ކަމަށެވެ.
ޝަހީމް ވިދާޅުވި ގޮތުގައި އޭނާ ވަރަށް ކުރިއްސުރެ މުއިއްޒު ދެނެވަޑައިގަންނަވަ އެވެ. އެއީ ވަރަށް އަހުލާގު ރަނގަޅު، އިލްމީ އަދި ހީވާގި، މުރާލި ބޭފުޅެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.
"މިފަދަ ސިފަތައް މިއީ އަޅުގަނޑުމެންގެ މި ޒަމާނުގައި 21 ވަނަ ގަރުނުގައި އަޅުގަނޑުމެންގެ ދައުލަތުގެ ވެރިއަކަށް އަންނަން ޖެހޭނީ މި ޒަމާނުގެ ތައުލީމު ލިބިފައިވާ މީހެއް. އެހެންވީމާ ޒުވާނުން، ކަނބަލުން، އިސްރަށްވެހިން މި ރާއްޖޭގެ ގައުމިއްޔަތާއި ދީނާއި އަގީދާ އަށް ލޯބި ކުރައްވާ ހުރިހާ ބޭފުޅުން މި ކަމާ މެދު ވިސްނާވަަޑައިގަންނަވާށޭ،" ޝަހީމް ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެންގެ ގައުމުގެ ރައީސަކު އިންތިހާބު ކުރަން ބާއްވާ އިންތިހާބެއް. ތިޔަބޭފުޅުން ފުންކޮށް މި ކަމާ ވިސްނާވަޑައިގަންނަވާށޭ."
އޭނާ ވިދާޅުވީ، ވޯޓު ގަންނަން ފައިސާ ދޭނެ ކަމަށާއި އެކަމަކު ވަގުތީ އުފަލަކަށްޓަކައި ރާއްޖޭގެ ދާއިމީ ހަމަޖެހުމާއި މިނިވަންކަން ގެއްލުވައިނުލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޑުވާ
03 September 2023
ކާކުގެ?
ގުއިރޯނު
03 September 2023
މީހަކު ނޫޅޭ މިނިވަންކަމާއި ސިޔާދަތު ގެއްލިގެން. މިއުޅޭނީ އެކައުންޓަށް ކަހާލި ފައިސާތައް ނުލިބެގެން. ޔާމީނު އަތުން އެ ފައިސާތައް ހޯދަން ބޭނުމިއްޔާ މުއިއްޒަށް ވޯޓު ދޭށޭ ބުނެބަލަ އުފަލުން ގޮސް ދޭނެ.
ރުންކުރު
03 September 2023
މުއިއްޒުއަކީ ދައުލަތެއް ހިންގުމާ ބެހޭ ގޮތުން ކަންކަން އެނގޭ މީހެއް ނަމަ ފަނޑިޔާރުގެއިން ނިންމަންޖެހޭ ކަންކަން އަމިއްލައަށް ނިންމާނެ ކަމަކަށް ނުބުނާނެ. ކުށެއްކޮށްފައިވާ މީހަކަށް ދޭންޖެހޭ އަދަބު ނުދީ އޭނާ ސިޔާސީ މަންފާއަށް މިނިވަންކުރަން ގޮވާލާ މީހަކަށް މަށެއް ވޯޓެއް ނުލާނަން
ފަހީމާ
02 September 2023
ޕީޕީއެމް / ޕީއެންސީގެ ޓިކެޓުގައި ނިކުމެ އެހެރީ ވެރިކަން ކުރަން އިނގޭ ގާބިލް ކެންޑިޑޭޓެއް. ގައުމަށް ޖެހިފައި މިއޮތް ވަބާއިން ސަލާމަތް ކޮއްދޭނެ ކެންޑިޑޭޓަކީ މުޢިއްޒު. އެމްޑީޕީއަށް ސަޕޯޓުކުރިޔަސް މިއަދު އޮތީ ހަޤީޤީ އެމްޑީޕީއެއް ނޫން. މިފަހަރު އަންނިއަކަށް ވެސް ވޯޓެއް ނުދޭނަން. މިފަހަރު ދޭތިން އެކައްޗަށް މުޢިއްޒު ހޮވަންޖެހޭ
ޖަލީލް ހަލީސް
02 September 2023
ޑރ މުޢިއްޒު އެއްވެސް ބޭފުޅަކާއި ދިމާލަށް އެއްޗިސް ގޮވާ ރައްދުގައި ބަސްބުނާ ތަނެއް ނުފެނޭ. މުޅިންވެސް ފެންނަނީ މެނިފެސްޓޯގައި ހުރި ވަޢުދުއަށް ރައްޔިތުންނަށް ފޯރުކޮއްދޭން މަސައްކަތް ކުރާތަން. މިއީ ނޫންތޯ ލީޑަރުންނަކީ؟
އަފްރާސިޔާބު
02 September 2023
އިގްތިސާދީ ކަންކަމަށް ވިސްނާނީ. އެހެން މީހުން ކިޔާ އެއްޗަކަށް ބަލާނެ ކަމެއް ނެތް.
ބަރަބޯ ފާތުމަ
02 September 2023
ޢެއްކަލަ ފެއިލްޑް ރަނިން މޭޓް ކޮސް ގޮވަން ފަށައިފި.
މަޖިލިސް
02 September 2023
ށަހީމޫ މައިނެ ޕޯޗެ ޗާންދްސޭ މި ލަވަ ވިދާޅުވޭ. ވަރަށް މޮޅުވާނެ.
ނާޑުވާ
03 September 2023
ނޫން. އެކީއްވެހޭ ނިވާވަމުން އެ ހަނދު ފިލީ
ލައް ޒަތު
02 September 2023
ވެެރިކަން ހޯދާދޭން ޝަހީމު ޤުރުބާންވަނީ
ހާލުގެ ދޫ
02 September 2023
މުއިއްޒަކީ، ކަންކުރަން ކެރޭ، އެނގޭ ބޭފުޅެއްނަމަ، ގުޅީފަޅު ހުއްޓުވާލައި އެއީ ދިރިއުޅެން ހެޔޮވާވަރު ތަނެއް ނޫންކަމަށް، ނުބުނާނެ، މިސަރުކާރުން، އެތަނަށް ބަނދަރު ގެންގޮސް، ހިއްކައިގެން ގޯތިދޭން އުޅޭއިރު، މުއިޒު ވިދާޅުވަނީ، އެތަނުން މާލެ މީހުންނަށް ގޯތި ދޭން، ވީމާ މުއިއްޒުގެ ސިޔާސަތު ދެކޮޅު ނުޖެހޭ.
ކަބީރު
02 September 2023
ހާލަތުގެ ގޮތުން އެކަންކަން ބަދަލުވާނެ! އިބޫ ވެސް ބުިނި ކޮތަރުކޮށިތަކެކޭ! އެކަމަކު ފަހުން ދިނީ ދޯ ! ކަލޭ ކޮންވައްތަރު ވާހަކަ ދައްކަނީ!
އެކްސްް
02 September 2023
ޝަހީމް، ޕީއެންސީ ކެމްޕޭނާއި ގުޅުނީ ޝެއިޚް ލަތީފް ވަރަށް ބޮޑަށް ޕްރެޝަރކޮށްގެން. ޝެއިޚް ލަތީފަކީ ޝަހީމުގެ އިލްމު އިންސްޓިޓިއުޓަށް މާލީގޮތުން ބޮޑެތި އެހީތަކެއްވާ ފަރާތެއް. އެހެންކަމުން ޝަހީމް އެހުންނެވީ މަޖުބޫރީ ހާލަތެެއްގައި. ޝަހީމް ކުރިންހުރީ އަދާލަތަށް އަނބުރާ އަންނަގޮތަށް.