03 ސެޕްޓެމްބަރ 2023 - 21:35
އުރީދޫގެ މަސްރޭހުގެ ތާރީހުގައި މި އަހަރު ބޭއްވި މަސްރޭހަކީ ފާހަގަކޮށްލެވޭ ރޭހެކެވެ.
ފުރަތަމަ ފަހަރަށް މާލޭގެ އިތުރުން ތިން ސަރަހައްދެއްގައި މި މުބާރާތް ބޭއްވި އިރު މި ފަހަރު މި މުބާރާތުގައި 74 ޓީމުން ވަނީ ބައިވެރިވެފަ އެވެ. މި މުބާރާތަކީ ވަރަށް ފޯރީގައި، ވަރަށް ވާދަވެރިކޮށް ކުރިއަށް ދިޔަ މުބާރާތެއްގެ ގޮތުގައި އުރީދޫން ފާހަގަ ކުރެ އެވެ. އަދި މި މުބާރާތަކީ ކުޅަދާނަ އަންހެން އަދި ފިރިހެން މަސްވެރިންނާއި ގިނަ އަދަދެއްގެ ޒުވާން މަސްވެރިންތަކެއް ވެސް ފެނުނު މަސް ރޭހެކެވެ.
މި މަސްރޭހުގެ އެންމެ ތާރީހީ ކަމެއްގެ ގޮތުގައި އުރީދޫން ފާހަގަކުރަނީ މުޅިން އަލަށް ހިބަރު ބާނާފައިވުމެވެ. މި މުބާރަތުގައި ކުޅުދުއްފުށިން ޗެމްޕިއަންކަން ހޯދި ޓީމް ބުޅި ކެނޑި އާއި ރަނަރަޕް ޓީމް ލައްޓި ވަނީ ޖުމްލަ 3 ހިބަރު ބާނާ ރިކޯޑެއް ހަދައިފަ އެވެ.
މި މުބާރާތުގައި ދެ ޓީމަކުން ވަނީ ބާނަން އުނދަގޫ، ކަނޑުގެ އެންމެ އަޑީގައި އުޅޭ ކައްޓެޅީގެ ނަމުން ނަން ދީފައިވާ ޕްރޮމެތިއަން އެސްކޯލާ ބާނައިފަ އެވެ. މި މަސް ބޭނީ އައްޑޫގެ ޗެމްޕިއަންކަން ހޯދި "ފެހުރިހި" ޓީމް އާއި ފުވައްމުލަކު ޗެމްޕިއަންކަން ހޯދި "ރީފް ރައިޑާސް"އިންނެވެ.
މި މުބާރާތުގައި މާލެ އިން އެންމެ ބަރުމަހެއްގެ ގޮތުގައި 17.54 ކިލޯގްރާމްގެ ބޮޑު މުޑަހަންޖެއް ޓީމް ސޮނީ ފިޝިންއިން ވަނީ ބާނައިފަ އެވެ. ކުޅުދުއްފުށިން އެންމެ ބަރު މަހެއްގެ ގޮތުގައި ބާނާފައިވަނީ ޓީމް ބުޅި ކެނޑިން 25.85 ކިލޯގްރާމްގެ ހިބަރެކެވެ. މި މަސްރޭހުގައި އައްޑޫން އެންމެ ބަރުމަހެއްގެ ގޮތުގައި 5.5 ކިލޯގެ ކުރުމަހެއް ބާނާފައިވާއިރު ފުވައްމުލަކުން އަށް ކިލޯގެ ރޫބީއެއް ވަނީ ބާނައިފަ އެވެ.
މި އަހަރުގެ އުރީދޫ މަސްރޭހުގެ މާލޭގެ ޗެމްޕިއަންކަން ހޯދީ ސޮނީ ފިޝިން އެވެ. ކުޅުދުއްފުށީގެ ޗެމްޕިއަންކަން ހޯދީ ޓީމް ބުޅިކެނޑި އެވެ. އަދި ފުވައްމުލަކުގެ ޗެމްޕިއަންކަން ޓީމް ރީފް ރައިޑާސްއިން ހޯދި އިރު އައްޑޫގެ ޗެމްޕިއަންކަން ހޯދީ ޓީމް ފެހުރިހިންނެވެ.
އުރީދޫ މަސްރޭހުގެ މި ފަހަރުގެ ބައިވެރިން ވަނީ މި މުބާރަތް މާލޭގެ ބޭރުން ބޭއްވުމަކީ މުބާރާތަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
އުރީދޫން ބުނީ މި އަހަރުގެ މަސްރޭހަކީ މިހާތަނަށް ބޭއްވުނު އެންމެ ފޯރިގަދަ އެންމެ ކާމިޔާބު މަސްރޭސް ކަމަށެވެ. އަދި މި މުބާރާތް މެދުވެރިކޮށް އެކި އުމުރުގެ ދެ ޖިންސުގެ މީހުންނަށް މަސްވެރިކަމަށް ހިތްވަރު ދެވުމަކީ އުފާކުރާކަމެއްގެ ގޮތުގައި ސިފަކުރެ އެވެ.
އުރީދޫ މަސްރޭހުގެ މުބާރާތްތައް ކުރިއަށް ދިޔައީ މި ދިޔަ މަހުގެ 4، 11، 18 އަދި 25 ވަނަ ދުވަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy