ހުޅުދުއްފާރުގައި ރޭ ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި އާދަމް ޝަރީފް ވާހަކަ ދައްކަވަނީ.---ފޮޓޯ: ޕީޕީއެމް
21 ސެޕްޓެމްބަރ 2023 - 07:28
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓު ލުން ބޯމަތިވެފައި ވަނިކޮށް، ޑިމޮކްރެޓްސް ޕާޓީއާ ގުޅިގެން އެމްޑީޕީން ބަރުލަމާނީ ނިޒާމުގެ ވާހަކަ ކުއްލި ގޮތަކަށް ފެށީ ދެ ވަނަ ބުރުން ވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަށް ނަތީޖާއެއް ލިބި ބަލިވާނެކަން އެނގޭތީ ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.
މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯއްދެވުނީ 86،161 ވޯޓެވެ. އިދިކޮޅު ކެންޑިޑޭޓް ޕީޕީއެމް/ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒު 101،635 ވޯޓު ހޯއްދެވި އެވެ. އެހެންވެ، މި މަހުގެ 30 ގައި ބާއްވާ ދެ ވަނަ ބުރުގެ ވޯޓު ލުމުގެ ކުރިން އެ ދެ ބޭފުޅުން ވެސް ވަނީ ކެމްޕެއިން ފޯރު އިހުނަށް ވުރެ ވަރުގަދަ ކުރައްވައިފަ އެވެ.
ރ. ހުޅުދުއްފާރުގައި ރޭ ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ އިންތިހާ އަށް ވެރިކަން ބޭނުންފުޅު ވެފައި ކަމަށާއި އެހެންވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިސްނުންފުޅާ އެއްގޮތަށް ދީލާލެއްވީ ދެ ވަނަ ބުރު ވެސް ކާމިޔާބު ނުވާނެކަން ޔަގީން ވާތީ ކަމަށެވެ.
ހުޅުދުއްފާރުގައި ރޭ ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ޕީޕީއެމް
"އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ ވަރަށް ވަރުގަދަ އަށް، ފަރަށް ފޯރިލާފައި މި އިންތިހާބުގައި ބޮޑު ތަނުން އަޅުގަނޑުމެންގެ ޕާޓީ އަށް، ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބު ކޮށްދިނުމަށް މަސައްކަތްކޮށް، އެމްޑީޕީ ގާތު ބުނަން ބަރުލަމާނީއަކަށް، ދަ ޑިމޮކްރެޓްސް ގާތު ބުނަން ބަރުލަމާނީއަކަށް އަޅުގަނޑުމެން އަދި ވާހަކަ ދައްކާކަށް ތައްޔާރެއް ނޫނޭ،" ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ވެރިކަން ކުރާ ނިޒާމު ބަދަލުކުރާ ވާހަކަ ދައްކަނީ ދިވެހިންގެ މުސްތަގުބަލް ބަނަކޮށް އަދި ބިރުވެރިކަން އުފައްދާށެވެ.
ހުޅުދުއްފާރުގައި ރޭ ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ޕީޕީއެމް
"އަޅުގަނޑުމެންނަށް މި ވަގުތު ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ މި ވޯޓުގައި ބޮޑު ތަފާތަކުން އަޅުގަނޑުމެން ކާމިޔާބުކޮށް، ހުރިހާ ގޮތަކުން، އެއްވެސް ހާލެއްގައި އެމްޑީޕީ އަށް އަޅުގަނޑުމެންނާ ވާދަނުކުރެވޭ ވަރުގެ ބޮޑު ފަރަގެއް އަޅުގަނޑުމެން ދެއްކުން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެބަޖެހޭ ކޮންމެ ގޮތެއް ހަދައިގެން ވެސް ކުރިއަށް އޮތް ފަސް އަހަރަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ވެރިކަން ކުރާނެ ފަސް އަހަރު ކަމަށް ހަދަން. މި ގައުމުގައި ހަމަޖެހުން ބާއްވަން އެބަ މަސައްކަތް ކުރަންޖެހޭ. އެއްވެސް ހާލެއްގައި އަޅުގަނޑުމެންނެއް ދެނެއް އެމްޑީޕީ އަށް މި ފުރުސަތު ދޭކަށް، އެހެން ބަޔަކަށް ވެރިކަމުގެ ފުރުސަތު ދޭކަށް ވިސްނައިގެން ނުވާނެ."
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި މުއިއްޒަށް ވެރިކަން ހޯދައި ދިނުމަކީ ރާއްޖޭގެ މުސްތަގުބަލާއި އަމާންކަމާއި މިނިވަންކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
އޭނާ ވަނީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު މިހާ ކައިރިވެފައި ވަނިކޮށް، ކުއްލި ގޮތަކަށް ބަރުލަމާނީ ނިޒާމުގެ ވޯޓުގެ ބަހުސް ފެށުމުން ސުވާލު އުފައްދަވައިފަ އެވެ.
އަޅުގަނޑުމެންނަށް މި ވަގުތު ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ މި ވޯޓުގައި ބޮޑު ތަފާތަކުން އަޅުގަނޑުމެން ކާމިޔާބުކޮށް، ހުރިހާ ގޮތަކުން، އެއްވެސް ހާލެއްގައި އެމްޑީޕީ އަށް އަޅުގަނޑުމެންނާ ވާދަނުކުރެވޭ ވަރުގެ ބޮޑު ފަރަގެއް އަޅުގަނޑުމެން ދެއްކުން،"--- އާދަމް ޝަރީފް
ބަރުލަމާނީ ނިޒާމު ގެނައުން ކާމިޔާބު ވިޔަ ނުދިނުމަށް މަސައްކަތް ކުރަން އާދަމް ޝަރީފް އެދިވަޑައިގެންނެވިއިރު، ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓު އަންނަ އޮކްޓޫބަރު މަހުގެ 30 ގައި ނަގަން ރައްޔިތުންގެ ހިޔާލު ހޯދަން ސީދާ ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގާ ގޮތަށް ޑިމޮކްރެސްޓްގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ގަރާރު ރައްޔިތުންގެ މަޖިލިހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.
އެ ގަރާރު ފާސްކުރީ އެމްޑީޕީގެ ފުރިހަމަ ބައިވެރިވުމާ އެކު އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަބަދުވެސް ބަރުލަމާނީ ނިޒާމު ގެނައުމާ ދެކޮޅަށް އެ މަނިކުފާނު ވާހަކަފުޅު ދެއްކެވި ނަމަވެސް ޑިމޮކްރެޓްސްގެ ފިއްތުންތަކާ ހެދި ދޫދެއްވީ ކަމަށް ބުނެ ބައެއް މީހުން ގެންދަނީ ފާޑުކިޔަމުންނެވެ. އިންތިހާބުގެ ދެ ވަނަ ބުރުގައި ޑިމޮކްރެޓްސް އިން ރައީސަށް ތާއީދުކުރުން ބިނާވެފައިވާ އެއްކަމަކީ ވެސް ބަރުލަމާނީ ނިޒާމު ގެނައުމާ މެދު އެމްޑީޕީން ގެންގުޅޭ ސިޔާސަތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދުން999
21 September 2023
ނިޒާމު ބަދަލުކުރަން މިއުޅޭ ބައިގަޑަށް ހަމަ ނޭގެނީބާ ގިނަ ގާނޫނީ މައްސަލަތަކެއް ހުރިކަން ގާނޫނަށް ކަމޭ ނުހުތާ ބަޔަކަށް އެކަން ބޮޑުކަމަކަށް ނުވެދާނެ ޔަގީނުނެވެސް އެނގެކަމަކަމަކީ ރައްޔިތުންގެ ވޯޓަކަށް އަހާނަމަ ރައްޔިތުންނަށް ވޯޓް ދެވެނީ ކޮންކަހަލަ ކަމަކަށްކަން ރައްތިތުންނަށް އެނގެން ޖެހޭނެ ކަން. ނޭގި އަދިކަމެއްގެ ތެރޭގައި ބައިތިއްބައިގެން ކޮން ވޯޓެއްތޯ ދޭނީ. ކުރާ ކަމަކީ ލެޖިޓިމޭޓް އަދި އިންފޯމްޑް ގޮތަކަށް ކުރެވޭ ކަމަކަށްވާން ޖެހޭ. ސާފުވާންޖެހޭ އެބަ
ފަޒްލީނާ
21 September 2023
ރައިސް ދައްކަން ފަށައިގެން އުޅޭވާހަކައެތްތަ އެއީ. ޢަޖައިބެއް. މިވާހަކަ ދައްކަނީ ނަޝީދު އަދި އެކަމަށް ޕިޕީއެމުންވެސް އެބަ ތާއީދު ކުރާކަން ހާމަވެސް ކުރޭ ޕޯޑިއަމް ތަކުގައި. ޢޮޅުވާލިޔަސް ތީބޮޑުވަރު
އޯކިޑު
21 September 2023
ބަލަން މިތިބީ / މީހުން ބޭނުން ވަނީ ތަރައްޤީ އިންަޝާﷲ ރައީސް އިބޫ އަން ދެވަނަ ބުރު ކާމިޔާބު ވާނެ؟ މުއިޒު އިހަކަށް ދުވަހު ވިދާޅުވަނީ 5700 ރުފިޔާ އަށް ހިޔާފުލެޓު ގެ އަގު ތިރި ކޮށްދޭނަމޭ ހައިރާނެއް މީހަކު ނުވާނެ ތަ؟ މިހާރު 5300 ރުފިޔާ އަށް އިބޫ ވަނީ ހިޔާ ފުލެޓު ގެ އަގު ކުޑަކޮށްފައެވެ. މުއިޒު މިހާރު 400 ރުފިޔާ ބޮޑު ނޫންތޯ ކުރެއްވީ! މިވަރުގެ ބޭފުޅުން ވެންޓިލޭޓަރާއި ބުރިޖު ގެ ވާހަކަ ނުދެއްކެވުން ރަނގަުވާނީ
ބޮޑުރިޔާ
21 September 2023
ބަލަގަ މިހާރު އެހާ އަވަހަށް ހަނދާންނެތުނި މީވާ ހަނދާންބަލިބައެއް މިމަހުގެ އާދެ 19 ސެޕްޓެމްބަރ 2023 - 17:37 ގައި މިމީހުންގެ އެންމެ ބާރުގަދަ އެމްޕީ ބުނީ ބަރުލަމާނީ ވޯޓް ނެގުން އެއީ މައްސަލަ އެއްނޫނޭ މިހާރު ހަނދާންނެތުނީ ރާގުބަދަލުވީ
ކޮބާ
21 September 2023
ފަރަގު ބޮޑު ކުރެވިދާނެ އެއީ ވަގުތީ އެއްޗެއް. ތިޔަ ވެރިކަމުގައި ހެދޭ މިސްޓޭކުން ދެން ތާއީދު ދާނީ އަނެއް ޕާޓީއަށް. ހީވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީއަށް ދެން ވާނީ ޑިމޮކްރެޓްސް
ކޮއިފުޅުބެ
21 September 2023
ވެރިކަމުގައި މިހާރުތިބީ ޤައުމާމެދު އެއްވެސް ވަރަކަށް ހެޔޮ ނިޔަތެއްގައި ވިސްނާ ބައެއް ކަމަށް ޤަބޫލެއްނުކުރެވޭ. ތިމާމެންގެ އަމިއްލަ މަސްލަޙަތާ އަމިއްލަ އެދުން އިސްކުރަން އުޅޭތަން މިފެންނަނީ
އައިމިނާ
21 September 2023
ދީލާލީއެއްނޫނޭ. ގައުމު ހަވަރަށް ދީ ހަލާކުގެ ތެރެއަށް ވައްޓާލަނީ. ތިމާ ނޫން މީހަކު ވެރިކަމުގަ ބަހައްޓަން ބޭނުންނުވަނީ. ހަސަދަ ވެރިވަނީ ހިސާބަށްވުރެ ބޮޑަށް.
ދޮޅި ހުސޭނު
21 September 2023
ސިޔާސީގޮތުން ގެއްލުމެއް ނެތް ކަމެއްގައި ،އެހެން ޕާޓީއަކަށް ކަމެއް ކޮށްދިނުމަކުން ވާނެ ގެއްލުމެއް ނޯންނާނެ. ވިއްޔާ ވާނީ ފައިދާ. ވޯޓު ނަގަން އެއްބަސްވުމާ ވޯޓުގައި ތާއިދުކުރާ ގޮތާ މިއީ ތަފާތު ދެކަމެއް. އެކަން ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ބެލެވޭ. ކޮންމެ ގޮތެއް ވިޔަސް ގިނަ ރައްޔިތުން މިތިބީކީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ ގޮތަކަށް ނޫން.
ޖަމީލުބެ
21 September 2023
ޕޕ ކުދިން ބަރުލަމާނީ ވާހަކަ ދައްކަނީ ކޮންކަމެއް ވެގެންކަން ނޭގިގެން މިހުންނަނީ؟
ޔަގީންޓާރ
21 September 2023
ޕީޕީއެމްއިން ތިވާހަކަ ދައްކަން ތާހިރެއްނޫން! ނައިފަރު ސިޔާމުމެން މަޖިލީހުގައި ވާހަކަ ދެއްކީ އެ ގަރާރާ އެއްކޮޅަށް، ތިޔަތާގަވެސް ތިބީ އަމިއްލަ އެދުމާއިގެން ތިބި ބަޔެއް! ޔަގީން އިބޫނ އިންތިހާބުގައި މޮޅުވެއްޖެނަމަ، ޕީޕީއެމްއިން ބަރުލަމާނީއަށް ތާއީދުކުރާނެކަން