މެޕްސް ކޮލެޖުން ބޭއްވި ވެށި ސާފުކުރުމުގައި ބައިވެރިވި ޓީމަކުން މަގުމަތި ސާފުކުރަނީ. -- ފޮޓޯ: މެޕްސް
23 ސެޕްޓެމްބަރ 2023 - 19:45
މެޕްސް ކޮލެޖުން ވެށި ސާފު ކުރުމުގެ ހަރަކާތެއް ހުޅުމާލޭގައި ބާއްވައިފި އެވެ.
މޫދު ހޮލިޑޭސްއާ ގުޅިގެން މެޕްސްއިން އިއްޔެ ބޭއްވި މި ހަރަކާތަކީ އެ ކޮލެޖަށް 25 އަހަރުފުރުން ފާހަގަކުރުމަށް ބާއްވަން ރޭވި ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ. އަދި މި ހަރަކާތަކީ މި މަހުގެ 27 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގުވާމީ ޓޫރިޒަމް ދުވަހާ ގުޅުވައިގެން ސާފުތާހިރު ވެށްޓެއް ގާއިމުކުރުމަށް އާއްމުން ހޭލުންތެރިކުރުވާ، ދަރިވަރުން އިޖުތިމާއީ ކަންކަމުގައި މަސްއޫލުވެ އުޅޭ މިންވަރު އިތުރުކުރުމަށް ބޭއްވި ހަރަކާތެއް ކަމަށް މެޕްސްއިން ބުނެ އެވެ.
މި ހަރަކާތް ކުރިއަށް ދިޔައީ އިއްޔެ ހަވީރު 4އިން ހަވީރު 6އަށެވެ.
މެޕްސް ކޮލެޖުން ބުނި ގޮތުގައި އެ ހަރަކާތުގައި ހުޅުމާލެ ފެރީ ޓާމިނަލް ޕާކް ހުންނަ ހިސާބުން ފެށިގެން އެ ސަރަހައްދުގައި ހިމެނޭ ޕާކިންގް ޒޯންތަކާ އެކު ވަރަށް ބޮޑު ސަރަހައްދެއް ސާފުކުރި އެވެ. އެ ކޮލެޖުގެ ދަރިވަރުންނާއި މުވައްޒަފުން ޓީމުތަކަކަށް ބަހާލައިގެން ވާދަވެރިކޮށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 300 ކިލޯގެ އެކި ވައްތަރުގެ ކުނި ވަނީ އެއްކޮށްފަ އެވެ.
އިވެންޓުގެ އެންމެ ގިނަ ކުނި ހޮވި ޓީމް. -- ފޮޓޯ: މެޕްސް
މި ހަރަކާތުގައި އެންމެ ގިނަ ކުނި އެއްކުރި ޓީމުގެ ގޮތުގައި ހޮވުނު ޓީމް 'ނީޓް ނައިޓްސް'ގެ މެމްބަރުންނަށް މޫދު ހޮލިޑޭސްގެ ފަރާތުން 75 ޑޮލަރުގެ ވައުޗާއެއް ވަނީ ދީފަ އެވެ.
މެޕްސް ކޮލެޖަށް 25 އަހަރު ފުރޭ ރިހިޔޫބީލްއާ ދިމާކޮށް އެ ކޮލެޖުން ހާއްސަ ހަރަކާތްތަކެއް މުޅި އަހަރަށް ބަހާލައި ދަނީ ހިންގަމުންނެވެ. މެޕްސްއިން ބުނި ގޮތުގައި އަންނަ އަހަރުގެ ޖުލައި މަހުގެ 25އާ ހަމައަށް ކޮންމެ މަހަކު ވެސް ރިހިޔޫބީލްއަށް ހާއްސަކޮށް ހަރަކާތެއް އޮންނާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy