ރިޕޯޓް / ރިޔާސީ އިންތިޚާބު 2023

ޝަކުވާ މަދު އިންތިހާބެއް ބާއްވަން އީސީ އަށް އޮތީ ގާނޫނީ ހުރަސް!

ތާޖުއްދީނު ސްކޫލްގެ ހޯލުގެ ދެކުނުގައި ބަހައްޓާފައި ހުރި ގދ. އަތޮޅު ފޮށީގެ ވަށައިގެން މަސްރަހު ވަރަށް ހޫނެވެ. އެ ފޮއްޓާ ހަވާލުވެހުރި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އިސް އޮފިޝަލު ކުރިމަތީގައި ރުޅިގަދަވެފައި ތިބި ބަޔަކު އަޑުގަދަކުރަނީ އެވެ. ދެންމެ ދެންމެ މާރާމާރީ ހިންގަފާނެ އޭ ވެސް ހީވެ އެވެ. މޮނީޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުރެ ގިނައީ އާންމުންނެވެ. ޖެހިގެން އުޅުނީ ފަވާފައި އިން ރަނގަޅު ފާހަގައެއް ބާތިލު ކުރި މައްސަލަ އެކެވެ. އެއްވެސް ގޮތަކަށް ދޫދޭން ބޭނުން ނުވެ، އެތަނުގައި ފެންފުޅިތަކާއި ދަޅުތަކާއި ގޮނޑިތައް އުކަން ފަށައި ބޮޑު ހަމަނުޖެހުމަކަށް ބަދަލުނުވީ، އެތަނަށް ފުލުހުން އައުމުންނެވެ.

މިއީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ބައެއް ފޮށިތައް ކައިރިން ފެނުނު ކަންކަމުގެ ކުޑަ މިންވަރެކެވެ.

އެކި ފޮށިތަކުގައި ތިބި އޮފިޝަލުން އެކި ގޮތް ގޮތަށް އަމަލު ކުރި ކަމުގެ ޝަކުވާ، އޭގެ 15 ވަރަކަށް ދުވަސް ކުރިން ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ގިނަ ބަޔަކު ކުރި އެވެ. ވޯޓު ގުނުމުގައި ވެސް އެ ހަމަ އެވެ. ފުރަތަމަ ބުރުގައި ރެކޯޑު އަށް ކެންޑިޑޭޓުން ވާދަކުރި އިރު، އެއް އުސޫލެއް ނުގެންގުޅުމުގެ ސަބަބުން ބައެއް ފޮށިތައް ގުނައި ނަތީޖާ އެނގެން ފަސް، ހަ ގަޑިއިރު ހޭދަވި އެވެ. މިދިޔަ ހޮނިހިރު ދުވަހު އެންމެ ދެ ކެންޑިޑޭޓުންގެ ވޯޓު ގުނުން ދިގުލައި، ބައެއް ފޮށިތަކުގެ ނަތީޖާ އެނގެން ވަރަށް ގިނަ އިރު މަޑުކުރަންޖެހުނެވެ.

ހަވީރު 5:30 ގުނަން ފެށި ތާޖުއްދީނު ސްކޫލުގައި ހުރި އެ ގދ. ފޮއްޓަކީ އޭގެ އެއް މިސާލެވެ. އެ ފޮށި ކައިރީގައި ހުރިހާ ހައިޖާނަކަށް ފަހު 700 އެއްހާ ވޯޓު ގުނާ ނިމި، ވަގުތީ ނަތީޖާ އިއުލާނު ކުރެވުނު އިރު، ގަޑިން ރޭގަނޑު 10:00 ޖަހަނީ އެވެ.

ސިޔާސީ ޕާޓީތަކުގެ އަމިއްލަ އެދުމާއި ގާނޫނުގެ ހުރި ބާގަނޑުތައް

އެ ފޮށި ކައިރީގައި ހިނގި ހަމަނުޖެހުމުގެ އަސްލަކަށްވީ ވޯޓު ގުނި އިރު، މޮނިޓަރުންގެ ފާސް ނެތް ގިނަ އަދަދެއްގެ އާންމުންނަށް އެއްވެސް ކޮންޓްރޯލެއް ނެތި އެތަނުގައި ތިބުމުގެ ފުރުސަތު ދިނުމެވެ.

"އަޅުގަނޑުމެން [އީސީން] ބުނިން މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ފާސް އޮތް ބަޔަކަށް އެކަންޏޭ ވޯޓު ގުނާ އިރު ތިބެވެން ވާނީ. އެކަމަކު ގައުމީ ލަފާދޭ ކޮމިޓީން ބޭނުންވީ ޖާގަ އޮތް މިންވަރަކުން އާންމުންނަށް ފުރުސަތު ދޭން،" އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، އަތޮޅު ތެރެއަށް ވުރެން، މާލޭގެ ފޮށިތަކުގައި މައްސަލަ ބޮޑެވެ. އެއީ ހަބީބް ވިދާޅުވި ގޮތުން ނަމަ، ރަނގަޅު އޮފިޝަލުން މާލޭން ލިބުން ދަތިވުމެވެ. ކޮންމެ އިންތިހާބެއްގައި ކުރީ ފަހަރަށް ވުރެން ބޮޑު އެލަވަންސަކަށް އުއްމީދު ކުރާ އިރު، އެ ވަރަށް ބަޖެޓު ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެން ދިމާވާ އަނެއް މައްސަލައަކީ، ހަބީބް ކިޔައި ދެއްވި ގޮތުގައި، މާލޭގައި ހަރަކާތްތެރިވާ ގިނަ އޮފިޝަލުންނަކީ ސަރުކާރާއި އަމިއްލަ އެހެން ތަންތަނުގައި މަސައްކަތް ކުރާ މީހުންނެވެ. އެ މީހުންނަށް އެކަށީގެންވާ ތަމްރީނު ނުދެވުމަކީ، އެކި ފޮށިތަކުގައި އެކި ގޮތަށް ކަން ކުރާ މައިގަނޑު ސަބަބުގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

"ފަހަރަކު 200 އެއްހާ މީހުން ޓްރޭނިން ސެޝަންތަކަށް މި ގެންނަން ޖެހެނީ އޮފީސްތައް ނިމިގެން މެންދުރު 2:00 ޖަހާކަށް ހާއިރު. ވަރުބަލި ވެފައި ދެއްތޯ ތިބޭނީ. ދެން އައިސް އެއް ބަޔަކު ތިބެނީ ފޯނާ ކުޅެން. ސަމާލު ކަމެއް ނުދެވޭ އަސްލު އެންމެ ރަނގަޅަކަށް،" ހަބީބް ވިދާޅުވި އެވެ.

މި ރިޔާސީ އިންތިހާބުގައި ރެކޯޑު އަދަދަކަށް ބާތިލު ވޯޓު ގިނަ އިރު، އެންމެ އެކަށީގެންވާ މިންވަރަށް ރައްޔިތުން ހޭލުންތެރި ނުކުރެވޭ ކަމަށް މި އިންތިހާބު އޮބްޒާވް ކުރި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އޮބްޒާވާޒް ޓީމުން ވެސް ވަނީ ބުނެފަ އެވެ.

އެކަން ހަބީބް ގަބޫލުކުރެއްވި ނަމަވެސް، އެކަން ވެސް އެންމެ ރަނގަޅަށް ނުގެންދެވުނީ ބަޖެޓުގެ ތާށި ކަމުގެ ސަބަބުން ކަން ފާހަގަކުރެއްވި އެވެ.

"ދެވަނަ ބުރުގައި އަޅުގަނޑުމެން ރޭވިން އަތޮޅު ތެރެއަށް އަޅުގަނޑުމެންގެ ޓީމުތައް ގޮސްގެން އެވެއާނަސް ޕްރޮގްރާމްތައް ހިންގަން. އެކަމަކު އެކަމަށް އަޅުގަނޑުމެން އެދުނު ނުވަ މިލިއަން ރުފިޔާ ވެސް ނުލިބުނު،" ހަބީބް ވިދާޅުވި އެވެ.

ފާހަގަ ޖެހުމުގައި ވެސް ބާތިލު ވާ މިންގަނޑަށް ވީ އެންމެ ބޮޑަކަށް ލުއި ދޭން އީސީން ބޭނުންވި ނަމަވެސް، ހަބީބް ވިދާޅުވީ އެކަމަށް ވެސް ޕާޓީތަކުން ދޫދޭން ބޭނުންނުވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންތިހާބުގެ ކަންކަން އެންމެ ފުރިހަމައަށް ގެންދިޔުމުގައި ގާނޫނުގައި ހުރި ބޮޑެތި މައްސަލަތައް ކޮންމެ ފަހަރަކު ފާހަގަކުރި ނަމަވެސް، އަނެއް އިންތިހާބު ބާއްވަންޖެހޭ އިރު، އެކަމަށް ހައްލެއް ނާދެ އެވެ.

އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާ ދެމެދު ލިބޭ ގާތްގަނޑަކަށް 15 ދުވަސް މިސާލެއްގެ ގޮތުގައި ނަންގަވައި، އޭނާ ވިދާޅުވީ ދެވަނަ ބުރަށް ރީރަޖިސްޓްރޭޝަނަށް ވެސް އަލުން ހުޅުވާލަންޖެހޭއިރު، އެ ހުރިހާ ކަމެއް ނިންމައި، އިންތިޒާމު ކުރުމުގެ ވަގުތު ވަރަށް ކުޑަ އެވެ.

"އަޅުގަނޑުމެން [އީސީން] ވަރަށް ބޮޑަށް ހިތްވަރު ކޮށްގެން ދެވަނަ ބުރު މި ބޭއްވުނީ. އެއް ބައި ރަށްރަށަށް އެ ރޭ ކިރިޔާ ވޯޓު ކަރުދާސް ވެސް ފޮނުވުނީ،" ވަގުތުގެ ތާށިކަން ހުރި މިންވަރު ފާހަގަކުރައްވައި ހަބީބް ވިދާޅުވި އެވެ.

ފުރަތަމަ ބުރެކޭ އެއް ފަދައިން، ދެވަނަ ބުރުގެ ވޯޓަށް ފަހު ވެސް، އިންތިހާބާ ގުޅޭ މަސައްކަތްތައް ނުނިމިގެން އިތުރު ދެ ދުވަހަށް ސަރުކާރު ބަންދު ކުރަންޖެހުނު އިރު، ކޮންމެ ފޮއްޓެއްގެ ވަގުތީ ނަތީޖާ، އީސީގެ އޮފިޝަލުން ޓީވީ އަށް އަރައި، އިއުލާނު ކުރުމަކީ، ޓެކްނޮލޮޖީގެ ޒަމާނެއްގައި ބޭކާރު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެކަމަކު އެކަމުގައި ވެސް، ކޮމިޝަނަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ހަބީބް ވިދާޅުވި އެވެ. ހަމައެކަނި އީސީގެ ވެބްސައިޓުގައި ނޫނީ ގެޒެޓުގައި ވަގުތީ ނަތީޖާ ޝާއިއު ކޮށްގެން ފަރުޖައްސާލެވެން ނެތީ، ގާނޫނުގައި އެ ފުރުސަތު ނެތީމަ އެވެ.

"މިހެން ހުރި އެތައް ކަމެއް އެބަހުރި ގާނޫނުގަ. އެކަމަކު އެއް އިންތިހާބުން އަނެއް އިންތިހާބަށް އެކަން އިސްލާހު ނުކުރެވޭ،" ހަބީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި ކަންކަން އިސްލާހު ނުވަނީ އެއިރަކު ސިޔާސީ މައިދާން ކޮންމެ ގޮތަކަށް އޮތް ނަމަވެސް، މި ކަންކަމުން ނެގޭނެ ސިޔާސީ މަންފާތައް ހުރީމަ އެވެ. އެކަމަކު ގޯހުން ދާ ކޮންމެ ކަމެއްގައި ތުހުމަތުގެ އިނގިލި ހާއްސަކޮށް ސިޔާސީ ޕާޓީތަކުން އަމާޒު ކުރަނީ ކޮމިޝަނަށް ކަމަށް ވިދާޅުވި އެވެ.

ހަބީބް ވެސް ވިދާޅުވި ގޮތަށް، ގާނޫނުގައި ހުރި ބޯދާ މާއްދާތައް ބަދަލުކޮށް، ކެމްޕޭނު ކުރުމާއި ހަރަދު ކުރުމުގެ ކަންކަން ހަރުކަށި ކުރުމުގެ ސިޔާސީ ހިތްވަރެއް އަދި ނިޔަތެއް ނެތި، އަންނަ އަހަރު ކުރީކޮޅު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ހަމަ މި ޝަކުވާތަކާއި މައްސަލަތައް ތަކުރާރުވުން ނޫން ކަމެއް ނުވާނެ އެވެ.

4 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 40%
icon angry icon angry 0%
icon wow icon wow 20%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢިހްސަަސް..

02 October 2023

ހައްލަކީ ގަލަމުން ފާހަގަ ޖެހުން އުވާލުން. ހެޔޮފާހަގައިގެ ތައްގަނޑެއް ހަދަންވީ. އޭރުން މާގިނައިން ތިޔަ ބާތިލެއް ނުހުންނާނެ. އަސްލު ހެޔޮފާހަގަ ފަވައިގެން އެއީބާތިލު ވޯޓެއްކަމަށް ބުނީ އީސީން. އެހެންވެ ފޮށީގެ ވެރިޔާ އެގޮތަށް އަމަލުކުރީ. އެކަމަކު ގޯސް މިކުރަނީ އީސީންވެސް އެވެރިޔާ.

The name is already taken The name is available. Register?

ޒަމާނީ އެދުރު

02 October 2023

އަޅުގަނޑަށް ހީވަނީ މިކަހަލަ ޒަމާނެއްގައި އީސީވެސް ބޮޑަށް ޑިޖިޓަލް ވާންވީހެން. ޓްރެއިނިން ޕްރޮގްރާމްތަކާއި ހޭލުންތެރިކަންވެސް ކުރެވިދާނެ އޭރަށް އެފިށެންޓުކޮށް، މިސާލަކަށް ރިވާޑްބޭސްޑް ސިސްޓަމެއްވެސް ހެދިދާނެ މިކަހަލަ ކަންކަމަށް. އަބަދު އެއްގޮތަކަށް ކަންކަން ނުކުރެވޭނެ. ޒަމާން ބަދަލުވެ އާބާދި ބޮޑުވެ ވޯޓުލާމީހުންގެ އަދަދުވެސް އިތުރުވޭ. ނަމަވެސް ރިސޯސް (ބަޖެޓް، ހިއުމަން) ލިބުން އުނދަގޫވާނެ. ވިސްނުން ބަދަލުވާންޖެހޭ މިކަހަލަ ކަންކަމުގައި އެބަ.

The name is already taken The name is available. Register?

ދެންވެސް23

02 October 2023

އެވެއާނަސް ޕްރޮގްރާމްތައް ހިންގަން. އެކަމަކު އެކަމަށް އަޅުގަނޑުމެން އެދުނު ނުވަ މިލިއަން ރުފިޔާ ވެސް ނުލިބުނު،" ހަބީބް ވިދާޅުވި " ތިޔަށްވުރެ 10000ރ ދީފަ އެފްބީ ޕޯސްޓެއް ޕުރޮމޯޓުކުރިޔަސް މާ އިފެކްޓިވްވާނެ

The name is already taken The name is available. Register?

އަހުމަދު1

02 October 2023

ސުވާލަކީ އުސޫލެއްނެތި ފޮށީގެ ވެރިން ނަގަނީ ކިހިނެތްހޭ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454