ކުޅިވަރު

ރެކޯޑް މެރަތަން ދުވުންތެރިޔާ ނަސްރުގެ 90 ވަނަ މެރަތަންގެ މެޑަލް މިލްޓަރީ އިންޖިނިއަރިންގެ ކޮމާންޑަރަށް

ނަސްރު (ކ) ގެ 90 ވަނަ މެރަތަންގެ ފިނިޝިން މެޑަލް ޝާރިމާ ހަވަލު ކުރަނީ

04 އޮކްޓޯބަރ 2023 - 12:54

ރާއްޖޭން އެންމެ ގިނަ މެރަތަންގައި ވާދަކުރި ނަސްރުﷲ އަހްމަދު (ނަސްރު) ގެ 90 ވަނަ މެރަތަންގެ މެޑަލް އެމްއެންޑީއެފްގެ މިލްޓަރީ އިންޖިނިއަރިންގެ ކޮމާންޑަރު ކާނަލް ޝާރިމް އަހްމަދަށް ހަދިޔާކޮށްފި އެވެ.

އެންމެ ގިނަ މެރަތަންގައި ވާދަކުރި ދެކުނު އޭޝިއާގެ ދުވުންތެރިންގެ ތެރޭގައި ވެސް ހިމެނޭ ނަސްރު ވަނީ މިހާތަނަށް 91 މެރަތަން ފުރިހަމަކޮށްފަ އެވެ. ނަސްރުގެ 90 ވަނަ މެރަތަން ފުރިހަމަ ކުރީ މެއި މަހު ސިންގަޕޫރު މެރަތަންގަ އެވެ.

މިހާރު އޭނާ ތައްޔާރުވަމުން ދަނީ އަންނަ އާދިއްތަ ދުވަހު ބާއްވާ ބެންގަލޫރު މެރަތަންގައި އޭނާގެ 92 ވަނަ މެރަތަން ފުރިހަމަ ކުރުމަށެވެ.

އެމްއެންޑީއެފްގައި ވަޒީފާ އަދާކުރަމުން އަންނަ ނަސްރު ބުނީ 90 ވަނަ މެރަތަންގެ މެޑަލް ޝާރިމަށް ހާއްސަ ކުރީ މެރަތަން ކެރިއާގައި އޭނާ އަށް އެންމެ ބޮޑު ހިތްވަރެއް ދޭ މީހަކަށް ވާތީ ކަމަށެވެ.

"މިހާ ގިނަ އަދަދަކަށް މެރަތަން ފުރިހަމަ ކުރެވުނީ ޝަރިމް ސާ ދެއްވި އެއްބާރުލުމުގެ ސަބަބުން،" ނަސްރު ބުންޏެވެ.

އޭނާ ބުނީ، 100 ވަނަ މެރަތަން ހަމަކުރުމަށް ޝާރިމް ހިތްވަރު ދެއްވައި އޭގެ ފަހުން ވެސް މެދުކަނޑާނުލައި ކުރިއަށް ގެންދިއުމަށް ބާރު އެޅުއްވި ކަމަށެވެ.

ނަސްރު (ކ) މެރަތަންގައި އޭނާ ބޭނުން ކުރި ކިޓް ޝާރިމް އާ ހަވާލު ކުރަނީ

"އަޅުގަނޑު 90 މެރަތަން ހަމަކުރީމަ އެކަން ފާހަގަ ކުރުމަށް ވެސް އިންތިޒާމުތައް ވަރަށް ރަނގަޅަށް ހަމަޖައްސާފައި އޮތް. ކަންކަން އަގުވަޒަން ކުރުމުގައި ޝާރިމް ސާ ދެއްވާ އިސަކަން ފާހަގަ ކުރެވުނު،" އޭނާ ފުރިހަމަ ކުރި މެރަތަންގެ އަދަދު 90 އަށް ގެންދިއުމުން އެކަން ފާހަގަ ކުރުމަށް ބޭއްވި ހަފުލާއާ ބެހޭގޮތުން ނަސްރު ބުންޏެވެ.

ޝާރިމަށް ނަސްރު، މެޑަލް ހަވާލު ކުރީ ވެސް އިންޖިނިއަރިން ޑިޕާޓްމެންޓްގެ އޮފިސަރުން ހާޒިރުވި އެ ރަސްމިއްޔާތުގަ އެވެ.

މިދިޔަ އަހަރު 80 ވަނަ މެރަތަން ފުރިހަމަ ކުރި ނަސްރު އެ މެޑަލް ހަދިޔާ ކުރީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަށެވެ.

ނަސްރު އެންމެ ފުރަތަމަ މެރަތަންއެއްގައި ދުވީ 1999 ގައި މާލޭގައި ބޭއްވި އެމްޓީސީސީ މެރަތަންގަ އެވެ. މެރެތަންގައި އޭނާގެ އެންމެ ހާއްސަ އަހަރަކީ 2018 އެވެ. އެ އަހަރު އޭނާ ވަނީ 13 މެރަތަންގައި ދުވެފަ އެވެ. އެ 13 މެރެތަން ވެސް އޭނާ ވަނީ ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމައިފަ އެވެ. އޭނާގެ އެންމެ ކާމިޔާބު މެރަތަންއަކީ 2020 ގައި އިންޑިއާގައި ބޭއްވި ހިންދުސްތާން މެރަތަން އެވެ. އެމެރަތަންގައި އޭނާ ވަނީ އެއްވަނަ ހޯދާފަ އެވެ.

ނަސްރު ކޯޗުކޮށްދޭ ދުވުންތެރިންގެތެރިން ޝަމްހާ އަހުމަދު އަތުގައި ރާއްޖޭގެ މެރަތަން އަދި ހާފް މެރަތަންގެ އިތުރުން ލޯންގް ޑިސްޓެންސްގެ ގިނަ ރެކޯޑްތަކެއް އެބައޮތެވެ. ރާއްޖޭގެ ފިރިހެނުންގެ ހާފް މެރަތަންގެ ރެކޯޑް އޮތީ ވެސް ނަސްރުގެ އެހެން ދުވުންތެރިޔެއް ކަމަށްވާ ޔޫސުފް އިބްރާހިމް އަތުގަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 100%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454