މެދުސަފުހާ

ބޮޑެތި ގައުމުތަކަށްވުރެ ފަލަސްތީނަށްޓަކައި ރާއްޖޭގެ އަޑު މާ ގަދަ

ފަލަސްތީނުގައި ހިނގާ ކޮންމެ ހަނގުރާމައަކީ ދިވެހިންގެ ޖަޒުބާތުތައް އުތުރި އަރައިގެންދާ ހަނގުރާމައެކެވެ. މީގެ ކުރިން ވެސް ފަލަސްތީނުގައި އެއްވެސް ކަމެއް ހިނގައިފި ނަމަ، ދިވެހިންގެ ލޭ ހޫނުވެ އެވެ. އެ ގައުމުގެ މިނިވަންކަމަށް ކެނޑިނޭޅި، އަދި ދެގޮތެއް ނުވެ ގޮވަމުން އަންނަ އެއް ގައުމަކީ ދިވެހިންނެވެ. އިޒްރޭލުގެ އުދުވާންތަކާ ދިވެހިން ދެކޮޅު ހަދަނީ ހިތާއި ހިތުގެ ގުޅުމަކުންނެވެ.

"ރާއްޖޭގެ ދިދަ އދ. ގައި ނެގީއްސުރެ، ދިވެހިރާއްޖެ އަންނަނީ ފަލަސްތީނު މައްސަލާގައި ވަކާލާތު ކުރަމުން." މިއީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭން ކެނޑެނޭޅި ކުރަމުންދާ ވަކާލާތުގެ ދިގު ތާރީހު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސިފަކޮށް ދެއްވި ގޮތެވެ.

މިހާރު ހާރިޖީ ވަޒީރުގެ މަގާމުގައި ހުންނެވި ޝާހިދަކީ ވަރަށް ޒުވާން އުމުރުގައި އެ ދާއިރާއަށް ހިދުމަތް ކުރައްވަން ފެއްޓެވި ބޭފުޅެކެވެ.

އެ ދިގު ހިދުމަތުގެ ތަޖުރިބާގެ އަލީގައި ޝާހިދު ވިދާޅުވީ، 1968 ވަނަ އަހަރުން ފެށިގެން އދ. ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން އިއްވައި ކޮންމެ ބަޔާނެއްގައި ފަލަސްތީނުގެ ވާހަކަ އެބަ އޮތް ކަމަށެވެ.

ކޮންމެ ސަރުކާރެއް ވެރިކަމުގައި އޮތަސް، އެކަމުގައި މުޅި ދުނިޔެއަށް ރާއްޖޭން ގޮވާލައި ގޮވާލުމަށް ކުޑަ ވެސް ބަދަލެއް ނާދެ އެވެ. އެއީ އިޒްރޭލުގެ އަތް ދަށުން ފަލަސްތީނު ސަލާމަތް ކުރަންޖެހޭ ކަމަށާއި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދެން ޖެހޭ ކަމަށް ރާއްޖޭން ދަނީ ހުއްޓުމެއް ނެތި ގޮވާލަމުންނެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ގޮތަށް ދިވެހި ސަރުކާރުތަކުން އަޑު އުފުލަމުން އައިސްފައި އޮތީ، އެއީ ދިވެހި ރައްޔިތުންގެ ވިންދު ކަމަށް ވާތީ. ދިވެހި ރައްޔިތުން އެދޭ ގޮތް ކަމަށް ވާތީ،" ޝާހިދު ވިދާޅުވި އެވެ.

ސިޔާސީ ގޮތުން ތަފާތު ފިކުރުގެ ސަރުކާރުތައް ރާއްޖޭގައި ވެރިކަން ކޮށްފައި ވިޔަސް، އެ ސިޔާސަތަށް ކުޑަ ވެސް ބަދަލެއް ނާންނަ ކަން، ފަހުރުވެރިކަމާ އެކު ޝާހިދު ފާހަގަކުރެއްވި އެވެ.

"ފަލަސްތީނުގެ ރައީސް [މަހުމޫދު އައްބާސް] ވަރަށް ގިނަ ފަހަރު އަޅުގަނޑު ކައިރީގައި ތަކުރާރުކޮށް ވިދާޅުވި، ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުން ފަލަސްތީނަށް މި ދޭ ހިތްވަރުގެ ސަބަބުން އެ ބޭފުޅުންނަށް ހިތްވަރު ލިބިވަޑައިގަންނަވާ ކަމަށް."

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގައި ތަފާތު ތިން ފަހަރެއްގެ މަތިން ރާއްޖެ ހިމެނިފައިވާ އިރު، ޝާހިދު ވިދާޅުވި ގޮތުގައި އެ ތަނުގައި ވެސް ފަލަސްތީނުގެ ހައްގުގައި އެންމެ ބާރަށް އަޑު އުފުލާ ގައުމަކީ ރާއްޖެ އެވެ. އިސްލާމީ އެހެން ގައުމުތަކާ އަޅާ ބަލާ އިރު ރާއްޖެ އަކީ ވަސީލަތްތަކާއި މުއްސަނދި ކަމަށް ބެލިޔަސް ކުޑަ ގައުމެކެވެ. އެކަމަކު ފަލަސްތީނުގެ ހައްގުގައި ރާއްޖޭން އެންމެ ތަންކޮޅެއް ވެސް ދޫ ނުދޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މުއްސަނދި ކަމަކީ ވެސް، އަޅުގަނޑުމެންގެ ބޮޑު ކަމަކީ ވެސް، އަޅުގަނޑުމެންގެ އަޑު އުފުލުމުގަ ދެ ގޮތެއް ނުވެ ސާބިތުވެ ތިބޭ ކަން."

ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތު ރާއްޖޭގައި: ގާތް ގުޅުމެއް ބޭއްވެވި

އަޑު އުފުލުމުގެ އިތުރުން، އޭނާ ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރުން ފެށިގެން ރާއްޖޭން އަންނަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ވާން އދ. އިން އުފައްދާފައިވާ ޖަމިއްޔާ ޔޫއެންއާރުޑަބްލިޔުއޭ އަށް މާލީ އެހީތެރިކަން ވެސް ފޯރުކޮށްދެމުންނެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، ބައިނަލްއަގުވާމީ ގޮތުން ރާއްޖޭން އުފުލައި އަޑާއި ކުރާ ވަކާލާތު، ފަލަސްތީނުގެ ރައްޔިތުން ވެސް ވަނީ ބަލައިގެންފަ އެވެ. ފަލަސްތީނުގެ ރައީސާއި ހާރިޖީ ވަޒީރާ ވެސް އެތައް ފަހަރެއްގެ މަތިން ބައްދަލުވެފައިވާ އިރު، ކޮންމެ ބައްދަލުވުމެއްގައި ވެސް ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ފަލަސްތީނުގެ ރައީސް [މަހުމޫދު އައްބާސް] ވަރަށް ގިނަ ފަހަރު އަޅުގަނޑު ކައިރީގައި ތަކުރާރުކޮށް ވިދާޅުވި، ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުން ފަލަސްތީނަށް މި ދޭ ހިތްވަރުގެ ސަބަބުން އެ ބޭފުޅުންނަށް ހިތް ވަރު ލިބިވަޑައިގަންނަވާ ކަމަށް."

ފާއިތުވި އަހަރުތަކުގައި ރާއްޖޭން ހަރު އަޑުން ކުރާ ވަކާލާތުގެ ކުޑަ މިންވަރަކަށް ނަމަވެސް ހެޔޮ ނަތީޖާތައް ގާތުން ފެނިވަޑައިގަތުމަކީ ޝާހިދަށް ލިބިވަޑައިގަންނަވާ އުފަލެކެވެ.

އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑު އުފުލައި ފަލަސްތީނުގެ ރައްޔިތުންނާ އެކު ދިވެހިން ތިބި ކަން އަންގައިދޭން އާޓީފިޝަލް ބީޗުގައި ބޭއްވި ބޮޑު އެއްވުން: ގިނަބަޔަކު ވަނީ މި އެއްވުމުގައި ބައިވެރިވެފަ -- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު

އޭނާ އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވަން ފެއްޓެވި އިރު، އާންމު މަޖިލީހުގެ ވާތް ފަރާތުގެ ގޮނޑި ބަރިން ފަަލަސްތީނަށް ދީފައި އިންނަނީ ޕަލަސްތީނިއަން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ގެ ނަން ބޯޑު އިންނަ ގޮނޑިއެއް ކަން ފާހަގަކުރެއްވި އެވެ.

މީގެ 50 ވަރަކަށް އަހަރު ކުރިން ފަލަސްތީނަށް އދ. އިން ދީފައި އޮތް ޖާގަ ބަދަލުކުރަން، ރާއްޖޭން ކެނޑެނޭޅި ވަކާލާތު ކުރަމުން ދިޔައީ އދ. ގެ ފުރިހަމަ މެމްބަރެއްގެ ދަރަޖަ ހޯދައި ދިނުމަށެވެ.

އަރަބި ގައުމުތަކާ ގުޅިގެން ރާއްޖޭން ކުރި މަސައްކަތުން، ޕީއެލްއޯގެ ބަދަލުގައި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ގަބޫލު ކޮށް، އޮބްޒާވަރު ދައުލަތެއްގެ ގޮތުގައި މިއަދު އދ. ގައި ބައިވެރިވުމަކީ، ޝާހިދު ވިދާޅުވި ގޮތުން ނަމަ، ކުރެވޭ މަސައްކަތުގެ ހެޔޮ ނަތީޖާ އެވެ.

"މި ހުރިހާ މަރުހަލާއެއްގައި ވެސް ރާއްޖޭން މުހިންމު ދައުރެއް އަދާކުރަމުން ގެންދިޔަ."

އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމާ އެކު ވެސް، ފަލަސްތީނުގެ މައްސަލާގައި ކުރިއެރުންތަކެއް ހޯދައި ދެއްވުމަށް ވަރަށް މަސައްކަތް ކުރެއްވި ކަމަށް ޝާހިދު ވިދާޅުވި އެވެ.

އާންމު މަޖިލީހުގެ ރައީސްގެ ދަށުން ފަލަސްތީނު-އިޒްރޭލު މައްސަލާގައި އދ. ގެ ދާއިމީ ކޮމިޓީއެއް އޮންނަ އިރު، މި މައްސަލަ ހައްލުކުރަން އާ ވިސްނުންތަކެއް ގެނެސްދޭން ކޮމިޓީގެ މެމްބަރުންގެ އަރިހުން އެދިވަޑައިގެންނެވި ކަން އޭނާ ހާމަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ލޯ ކުރިމަތީގަ އޭ މައުސޫމް އެތައް ޖީލުތަކެއް ނެތެމުން މި ދަނީ، ނަފުރަތާއި ރުޅިވެރިކަމާއި އަނިޔާވެރިކަމުގަ. އެހެންވީމަ މި ކަމުން އަރައިގަނެވޭނެ އާ ވިސްނުންތަކެއް ގެނެސް ދެއްވާށޭ."

އެކަމަކު އާންމު މަޖިލީހުގެ ރައީސްގެ ދައުރު ހަމަވި އިރު ވެސް، ސަރަހައްދީ ގައުމުތަކުގެ ފަރާތުން ކުރިމަތިވާ ދަތި ތަކުގެ ތެރޭގައި، ކޮމިޓީއަށް އެ ކަން ނުކުރެވޭ ކަމަށް ޝާހިދު ހިތާމަ އާ އެކު ފާހަގަކުރެއްވި އެވެ.

އެ މަގާމުގައި ހުންނެވި އިރު ވެސް، ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން، ހާއްސަކޮށް އަރަބި ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވައި، އޮބްޒާވާ ސްޓޭޓަކުން އދ. ގެ ފުރިހަމަ މެމްބަރު ގައުމަކަށް ފަލަސްތީނު ހެދުމަށް ގިނަ މަޝްވަރާތަކާއި މަސައްކަތްތައް ކުރެއްވި ކަމަށް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑު އުއްމީދު ކުރަނީ އެ ދުވަސް ލަސްތަކެއް ނުވެ އަންނާނެ ކަމަށް. އދ. ގެ ފުރިހަމަ މެމްބަރެއްގެ ގޮތުގައި، އެ ލިބެންޖެހޭ ހައްގު މަގާމު ލިބިގެންދާނެ ކަމަށް."

މާލެ: 28 މާޗް 2017، އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހިރާއްޖެ އާއި ފަލަސްތީން ބައްދަލުކުރި މެޗުގެ ތެރެއިން، މި މެޗުގައި ވެސް ދިވެހިން ފަލަސްތީނަށް ސަޕޯޓްކުރި --. ފޮޓޯ:ނިޝާން އަލީ/މިހާރު

އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން ހިންގަމުންދާ ޖަރީމާތަކަކީ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކެއް ކަމަށް ކަނޑައަޅައި ދިނުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އިޝްތިޝާރީ ލަފައެއް ހޯދަން އިސްލާމީ ގައުމުތައް އެކުވެގެން ހުށަހެޅި ހުށަހެޅުމުގައި ވެސް އިސްކޮށް އޮތީ ރާއްޖެ އެވެ.

އެކަމަކު އެކަމުގައި ވެސް ބައިވެރިވީ އެންމެ 21 އިސްލާމީ ގައުމު ކަން ހިތާމަ އާ އެކު ޝާހިދު ފާހަގަކުރެއްވި އެވެ. ފަލަސްތީނުގެ ހައްގުތައް ހޯދައި ދެވޭނީ، ޝާހިދު ގަބޫލުކުރައްވާ ގޮތުގައި މުޅި އިސްލާމީ އުއްމަތް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކޮށްގެންނެވެ.

ނަމަވެސް، އެކަމުގައި ގޮންޖެހުންތައް ބޮޑު ކަން ޝާހިދު ވެސް ގަބޫލުކުރައްވަ އެވެ. ފަލަސްތީނުގެ ހައްގުގައި ހަރުދަނާ ނިންމުމެއް އދ. ގެ ގައުމުތަކަށް ނުނިންމޭ މައިގަނޑު އެއް ސަބަބަކީ ބޮޑެތި ފަސް ގައުމަކަށް ލިބިފައިވާ ވީޓޯ ކުރުމުގެ ބާރު ކަމަށް އޭނާ ސިފަކުރެއްވި އެވެ.

"...ގަރާރެއް ފާސްކުރިޔަސް އިނގިރޭސި ބަހުން ދަންނަވާ ކަމަށް ވަންޏާ ނުހުރޭ ދަތެއް. ދެން ހުއްޓުމަކަށް އަންނަ ވަރުގެ ދަތެއް ހުރެއްޖިއްޔާ ގަބޫލު ނުކުރަނީ،" ޝާހިދު ވިދާޅުވި އެވެ.

އދ. ގައި ރާއްޖެ ހިމެނެނީ ކުދި ގައުމުތަކުގެ ތެރޭގައި ކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެއަކީ އެ ޖަމިއްޔާގެ މެމްބަޝިޕަށް ބަލާއިރު އެންމެ ފަސްކުޅަ އެއްބައި ކަމަށެވެ.

އެކަމަކު ކުދި ގައުމުތައް އެއްވުމުން އދ. ގައި ރާއްޖޭގެ ވެސް އަޑުގަދަވާ އިރު، ސެކިއުރިޓީ ކައުންސިލް އަލުން އެކުލަވާލުމަށް މިހާރު ކުރަމުން އަންނަ މަޝްވަރާތަކުގައި ކުދި ގައުމުތަކަށް ގޮނޑިއެއް ހާއްސަ ކުރުމަށް މަސައްކަތް ކުރާ ކަން ޝާހިދު ވިދާޅުވި އެވެ.

"ސެކިއުރިޓީ ކައުންސިލް އަލުން އެކުލަވާލުމަށް ދެއްކެވޭ ވާހަކަތަކުގައި އަޅުގަނޑުމެން ވަކާލާތު ކުރަމުން މި ގެންދަނީ ކުދި ގައުމުތަކަށް ވަކިން ސީޓެއް އިންނަން ޖެހޭނެ އޭ. އޭރުން އަޅުގަނޑުމެން ފަދަ ކުދި ގައުމުތަކަށް އަޑު އުފުލުމުގައި އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

"އޭރުން ފަލަސްތީނުގެ އަޑު ވެސް މިހާރަށް ވުރެ ގަދަ އަށް އަޅުގަނޑުމެން އުފުލާނަން. ކުދި ގައުމުތަކުން އެކަން ކުރާނެ."

މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހަމާސް އާއި އިޒްރޭލްގެ ސިފައިންނާ ދެމެދު ވަރުގަދަ ހަމަލާތައް ބަދަލުކުރަމުންދާ އިރު، ޝާހިދު ވިދާޅުވި ގޮތުގައި މިހާރު ފަލަސްތީނުގައި އިޒްރޭލުން ހިނގަމުން އެ ދަނީ ފަހުގެ ތާރީހުގައި ދުނިޔެ ނުދެކޭ ފަދަ އަނިޔާވެރި އަމަލުތައް ކަމަށެވެ.

އެއާ އެކު ފުރަތަމަ ދުވަހުން ފެށިގެން ވެސް ރާއްޖޭން ގޮވާލަމުން އައި ގޮވާލުމުގެ އަޑު އިތުރަށް ވަރުގަދަކޮށް، ބައިނަލްއަގުވާމީ ކޮންމެ މައިދާނެއްގައި ފަލަސްތީނުގެ ހައްގުތައް ހޯދައި ދިނުމަށް ރާއްޖޭން ފަސްޖެހުމެއްނެތި ވަކާލާތު ކުރަމުންދާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ހުރިހާ ކޮމިޓީއެއްގަ [އދ. ގެ] އަޅުގަނޑުމެން ދައްކާ ކޮންމެ ވާހަކައެއްގެ އެންމެ ފުރަތަމަ ބުނާ ވާހަކައަކީ ފަލަސްތީނުގެ ހައްގުގެ ވާހަކަ،" އޭނާ ވިދާޅުވި އެވެ.

"އަދި ކޮންމެ މައުލޫއެއްގަ ވާހަކަ ދެއްކިޔަސް އަޅުގަނޑުމެން ފުރަތަމަ މި ބުނަނީ، މި މައުލޫގަ ވާހަކަ ދައްކާ އިރު ވެސް އަޅުގަނޑުމެން ފުރަތަމަ ހަނދާން ކުރަން ޖެހެނީ ފަލަސްތީނުގަ މިހާރު ހިންގާ ޖަރީމާ އޭ. އެކަން ހުއްޓާލާށޭ. އޭގެ ފަހުގަ އޭ މި މައުލޫގަ ވެސް، މި ކޮމިޓީގަ ވެސް ދެން ވާހަކަ ދައްކާނީ."

1 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިއައު

23 October 2023

މެދުއިރުމައްޗަށް ހުޅަނގުން ޑިމޮކްރަސީ ގެންނަން ބޭނުން ނުވާ ސަބަބަކީ މިއީ. އެމީހުންގެ ޕަޕެޓުތައް ގެއްލި ފަލަސްތީންގެ ހައްގުގެ އަޑު ގަދަވެ ހުޅަނގުގެ އިސްތިއުމާރީ ބާރު ގެއްލޭނެތީ. ފައިސަލް ރަސްގެފާނު މިހެން އައި ރަނގަޅު މީހެއް. މަރާލީ.. ހުޅަނގުން ހަމަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454