މި ސީޒަންގެ ލީގު މެޗެއްގައި އަޔެކްސް ކުޅުންތެރިން މާޔޫސް ވެފަ.-- ފޮޓޯ: އީޕީއޭ
24 އޮކްޓޯބަރ 2023 - 14:13
އެމްސްޓަޑަމް (އޮކްޓޫބަރު 24) - އަޔެކްސްގެ ކޯޗުކަން ދޫކޮށް އެރިކް ޓެން ހަގް، 2022/2023 ސީޒަންގައި އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު ފަހުން ނެދަލެންޑްސްގެ ގަދަ ބާރަށް ވަނީ ބޮޑު ވެއްޓުމަކާ ކުރިމަތިލާން ޖެހިފަ އެވެ.
އެންމެ ފަހުން ލީގުގައި، ޔޫޓްރެކާ ދެކޮޅަށް ކުޅުނު މެޗުގެ އެންމެ ފަހު ވަގުތު ވަން ގޯލުން 4-3 އިން ބަލިވެ، އަޔެކްސް އޮތީ ރެލިގޭޝަން ޒޯނުގަ އެވެ.
ޖުމުލަ 18 ޓީމު ވާދަކުރާ ލީގުގައި އަޔެކްސް އޮތީ 17 ވަނައިގަ އެވެ. ފުލުގައި އޮތް ޓީމަށް ވުރެ އިތުރަށް، އަޔެކްސް އަށް ހޯދިފައި ވަނީ އެއް ޕޮއިންޓެވެ. މިހާތަނަށް ލީގުގައި ކުޅުނު ހަތް މެޗުން އެ ޓީމަށް ލިބުނީ އެންމެ މޮޅެކެވެ. ހޯދިފައި ވަނީ ޖުމުލަ ފަސް ޕޮއިންޓެވެ.
މި ހަފުތާގައި ވީ ބައްޔާ އެކު އަޔެކްސް އިން ވަނީ، އިއްޔެ މި ސީޒަނުގައި އެ ޓީމަށް ގެނައި ކޯޗު މައުރީސް ސްޓޭޖިން މަގާމުން ދުރުކޮށްފަ އެވެ. މިދިޔަ ޖޫން މަހު އޭނާ އަށް ޓީމުގެ ކޯޗުކަން ހަވާލު ކުރީ ތިން އަހަރުދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ.
މި ސީޒަންގައި އަޔެކްސްއާ ހަވާލުވި ކޯޗު މައުރީސް ސްޓޭޖިން، އޭނާ ވަނީ ހަތަރު މަސް ތެރޭ މަގާމުން ވަކިކޮށްފަ.-- ފޮޓޯ: ޑެޕޯ ފޮޓޯސް
"މިއީ ވަރަށް ލަދުވެތި ކަމެއް،" މައުރީސް ސްޓޭޖިން ބުންޏެވެ.
"އެންމެނަށް ވެސް އެނގޭނެ، އަހަރެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފިން މި ކުލަބްގެ އަސްލު މަގާމަށް ގެންދަން. އެކަން އަހަންނަށް ކާމިޔާބެއް ނުވި."
ޓެން ހަގް އަޔެކްސް ދޫކޮށްލީ 2021/2022 ސީޒަންގައި އެޓީމަށް ނެދަލެންޑްސް ލީގު ކާމިޔާބު ކޮށްދީފަ އެވެ.
ޖެހިގެން އައި ސީޒަންގައި، ކުރިން ބާސެލޯނާގައި ރޮނާލްޑް ކޫމަންގެ އެސިސްޓެންޓަކަށް ހުރި އަލްފްރެޑް ޝްރޫޑާއާ ޓީމު ހަވާލު ކުރި އިރު، ނަތީޖާ ދަށްވެ، ޗެމްޕިއަންސް ލީގު ނޮކައުޓް ބުރުން ޖާގަ ނުލިބުމުން މަގާމާ ހަވާލުވިތާ ހަ މަސް ފަހުން އޭނާ ވަކި ކުރި އެވެ.
ޓެން ހަގް އަޔެކްސް އާއެކު ފަހު ސީޒަންގައި ލީގު އައްޑަނަ އުފުލާލަނީ. އެއީ އަޔެކްސް ލީގު ކާމިޔާބުކުރި 36 ވަނަ ފަހަރު، ޓެން ހަގް ވަނީ ތިން ފަހަރު އެޓީމަށް ލީގު ހޯދައިދީފަ.--
އަލްފްރެޑް ޝްރޫޑާ މަގާމުން ދުރުކޮށް މިދިޔަ ސީޒަން ނިމެންދެން ޓީމު ހަވާލުކުރީ ޒުވާޏް ޓީމަށް އިރުޝާދު ދެމުން ދިޔަ ކުރީގެ ކުޅުންތެރިޔާ ޖޯން ހައިޓިންގާއާ އެވެ. ހައިޓިންގާ އާއެކު ޔޫރޮޕާ ލީގު ނޮކައުޓް ބުރުގެ ޕްލޭއޮފުން ވެސް ކެޓީ މޮޅެއް ނުހޯދި އެވެ. ލީގު ތިންވަނައިގައި ސީޒަން ނިންމާލީ ޑޮމެސްޓިކް ތައްޓެއް ވެސް ނުހޯދި، ހުސްއަތާ އެވެ.
މި ސިޒަންގައި މައުރީސް ސްޓޭޖިން އާއެކު ވެސް ނަތީޖާތައް ދަށްވެ، ޔޫރޮޕާ ލީގު ގުރޫޕް ސްޓޭޖުގައި ވެސް އެޓީމަށް އަދި މޮޅެއް ނުހޯދެ އެވެ. ފުރަތަމަ މެޗުގައި ފްރާންސްގެ މާސޭއާ ކުޅެ އެއްވަރު ވިއިރު، ގްރީސްގެ އޭއީކޭ އެތެންސް އަތުން ވެސް ހޯދުނީ ޕޮއިންޓެކެވެ.
ކޯޗު މަގާމުން ވަކިކޮށް، ވަގުތީގޮތުން މަގާމާ ހަވާލުވެ ހުރީ އެސިސްޓެންޓް ކޯޗު ހެޑްވިޖް މަޑޫރޯ އެވެ. އޭނާ އާއެކު އަޔެކްސް އަށް އެންމެ އަވަހަށް އޮތީ ބުރާސްފަތި ދުވަހުގެ ރޭ ޔޫރޮޕާ ލީގު ގުރޫޕް ސްޓޭޖުގައި އިންގްލެންޑުގެ ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުން
26 October 2023
ނަގިލި އެއްލާ
ޒިދާންގެ
25 October 2023
ޓެންހާގް އާއި އެއްކޮށް ޔުނައިޓެޑް އޮޔާ ދަނީ