ކުޅިވަރު / އޭއެފްސީ ޗެމްޕިއަންސް ލީގު

އޭއެފްސީ ޗެމްޕިއަންސް ލީގުގައި ވެސް ރޮނާލްޑޯގެ ނުފޫޒު

ރޮނާލްޑޯ ގޯލު ޖެހުމަށް ފަހު އުފާފާލު ކުރަނީ، އޭނާ ވަނީ ރޭގެ މެޗުގައި ދެ ގޯލު ޖަހައި، އެއް ގޯލު ޖަހަން އެސިސްޓް ކޮށްފަ.-- ފޮޓޯ: އޭއެފްޕީ

ރިޔާދު (އޮކްޓޫބަރު 25) - ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ގޯލާ އެކު 4-3 އިން ގަތަރުގެ އައް ދުހެއިލް ބަލިކޮށް އޭއެފްސީ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ސައުދީ އަރަބިއްޔާގެ އައް ނަސްރުން އެޓީމު މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.

މިދިޔަ ސީޒަންގައި ފްރާންސްގެ ޕީއެސްޖީ އަށް ކޯޗު ކޮށްދިން ކްރިސްޓޯފް ގަލްޓިއޭގެ އިރުޝާދުގެ ދަށުން ކުޅޭ ދުހެއިލް ކޮޅަށް ފުރަތަމަ ހާފުގެ 25 ވަނަ މިނިޓުގައި ރޮނާލްޑޯ ދިން ބޯލައެއް ހޯދައިގެން ޓަލިސްކާ ޖަހައިދިން ގޯލާ އެކު ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފު ފެށިގެން މެޗުގެ 56 ވަނަ މިނިޓުގައި އެޓީމަށް ލީޑު ފުޅާ ކޮށްދިނީ ސަޑިއޯ މާނޭ އެވެ. މިއީ އޭއެފްސީ ޗެމްޕިއަންސް ލީގުގައި މާނޭ ކާމިޔާބު ކުރި ފުރަތަމަ ގޯލެވެ.

މެޗުގައި ރޮނާލްޑޯ އޭނާގެ ފުރަތަމަ ގޯލު ޖަހައިދިނީ 61 ވަނަ މިނިޓުގައި އޭރިއާ ބޭރުގައި ހުރެ އޭނާގެ ވާތު ފައިން ޖަހައި ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް ވައްދާލައިގެންނެވެ.

ރޮނާލްޑޯ ގޯލު ޖެހިތާ ދެ މިނިޓް ފަހުން އިސްމާއީލް މުހައްމަދު ގޯލެއް ޖަހައި އުންމީދު ހޯދައިދީފައި ވަނިކޮށް އޭގެ ހަތަރު މިނިޓް ފަހުން ފަރަގު ކުޑަ ކޮށްދިނީ އަލްމުއީޒް އަލީ އެވެ.

ރޮނާލްޑޯ މެޗުގައި އޭނާގެ ދެވަނަ ގޯލު ޖަހައިދިނީ 81 ވަނަ މިނިޓުގަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ދުހެއިލްގެ ތިންވަނަ ގޯލު ޖަހައިދިނީ ކެންޔާ ފޯވާޑް މައިކަލް އޮލުންގާ އެވެ.

ރޮނާލްޑޯގެ އެހީގައި ޓަލިސްކާ ޖެހި ގޯލަށް ފަހު، ދެ ކުޅުންތެރިންނާ އެކު މާނޭ އުފާފާޅު ކުރުމުގައި.-- ފޮޓޯ: އޭއެފްޕީ

މި ނަތީޖާއާ އެކު ނަސްރު އޮތީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ގުރޫޕް އީގެ އެއްވަނައިގަ އެވެ. ބްރެޒިލް ފޯވާޑް ފިލިޕޭ ކުޓީނިއޯ ވެސް ކުޅެމުން އަންނަ ދުހެއިލް އަދި އޮތީ އެންމެ ޕޮއިންޓަކާ އެކު ތިންވަނައިގަ އެވެ. ދެވަނައިގައި އޮތީ ރޭ 2-0 އިން ތަޖިކިސްތާނުގެ އިސްތިކޯލް ބަލިކޮށްގެން ހަ ޕޮއިންޓް ހޯދާފައިވާ އިރާނުގެ ޕާސެޕޮލިސް އެވެ.

ޔޫރަޕްގައި، ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރަސްކަން ކުރުމަށް ފަހު ރޮނާލްޑޯ، 38، އޭއެފްސީ ޗެމްޕިއަންސް ލީގުގައި ކުޅޭ މިއީ ފުރަތަމަ އަހަރެވެ. ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޕާސިޕޯލިސްއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯއަށް ގޯލެއް ނުޖެހުނު ނަމަވެސް ދެވަނަ މެޗުގައި އިސްތިކޯލާ ދެކޮޅަށް އޭނާ ވަނީ ގޯލު ޖަހައިފަ އެވެ.

ސައުދީގެ ހިލާލާއި އިއްތިހާދު ވެސް މޮޅަކާ އެކު ގުރޫޕްގެ އެއްވަނައިގަ

އޭއެފްސީ ޗެމްޕިއަންސް ލީގުގައި އަލް ހިލާލް ވެސް ވަނީ މި ހަފްތާ އަލެކްޒެންޑަ މިޓްރޮވިޗްގެ ހެޓްރިކަކާ އެކު ބޮޑު މޮޅެއް ހޯދައިފަ އެވެ. އިންޑިއާގެ މުމްބާއީ ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު ހިލާލުން ކާމިޔާބު ކުރީ 6-0 އިންނެވެ.

މި މަހު ކުރީކޮޅު އިރާނުގެ ސެފަހާން އެފްސީއާ ދެކޮޅަށް ކުޅެން އޮތް މެޗު ބޮއިކޮޓް ކުރި އަލް އިއްތިހާދު ވަނީ، މި ހަފްތާ އިރާގުގެ އެއާ ފޯސް ސްޕޯޓްސް ކްލަބާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެ، މެޗުގެ އިތުރު ވަގުތުގެ ވެސް އެންމެ ފަހު ވަގުތު ގޯލު ޖަހައިގެން 1-0 އިން މޮޅުވެފަ އެވެ.

ހިލާލާއި އިއްތިހާދު ވެސް އޮތީ ދެ ޓީމު ހިމެނޭ ގުރޫޕްގެ އެއްވަނައިގަ އެވެ. ނަމަވެސް ޗެމްޕިއަންސް ލީގު ކުޅޭ ސައުދީގެ އަލް ފައިހާ އަށް މިހާތަނަށް ކުޅުނު ތިން މެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ޔޫއޭއީގައި އަލް އައިންއާ ދެކޮޅަށް ރޭ ކުޅުނު މެޗުން އެޓީމު ބަލިވީ 4-1 އިންނެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454