ފިނޭންސް މިނިސްޓްރީގެ އިމާރާތް. އެސްޑީއެފްގައި ހުރި ޖުމްލަ އަދަދު ހުރީ 7.4 ބިލިއަން ރުފިޔާގައި -- ފޮޓޯ: މިހާރު
03 ނޮވެމްބަރ 2023 - 14:03
ސަރުކާރުން ނަގާ ލޯނުތައް އަނބުރާ ދައްކަން ފައިސާ ރައްކާ ކުރަން ކުރީގެ ސަރުކާރުން އުފެއްދި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ގެ ޖުމްލަ އަދަދު 7.4 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަަލަށް އެސްޑީއެފަށް އެއާޕޯޓް ޑިވަޕޮލްމެންޓް ފީގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ވަދެފައިވެ އެވެ. އަދި ކްރޮސް ސަބްސިޑީ ޕްރޮޖެކްޓްތަކުން 1.4 ބިލިއަން ރުފިޔާ އާއި އެހެނިހެން ގޮތް ގޮތުން ދެ ބިލިއަން ރުފިޔާ ޖަމާކުރި އެވެ.
އެސްޑީއެފްގައި ހުރި ފައިސާގެ ތެރެއިން 5.7 ބިލިއަން ރުފިޔާ ހުރީ ޓީބިލުގައި އިންވެސްޓްކޮށްފަ އެވެ. އަދި އެހެނިހެން އިންވެސްޓްމެންޓްތަކުގައި 1.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މިދިޔަ އަހަރު ނިމުނު އިރު އެސްޑީއެފްގައި ހުރީ 6.4 ބިލިއަން ރުފިޔާ އެވެ. ބަޖެޓު ފޮތުގައިވާ ގޮތުން މިއަހަރު ނިމޭ އިރު އެސްޑީއެފްއަށް 2.3 ބިލިއަން ރުފިޔާ ޖަމާކުރާނެ އެވެ. އަދި އަންނަ އަހަރު އެސްޑީއެފްއަށް 1.2 ބިލިއަން ރުފިޔާ ޖަމާކުރާނެ އެވެ.
ބަޖެޓު ފޮތުގައިވާ ގޮތުން ސޮވެރިން ޑިވަލޮޕްމެންޓަށް ޖަމާކުރާ ފައިސާގެ ތެރެއިން 3.8 ބިލިއަން ރުފިޔާ ދަރަނި އަދާކުރަން ބޭނުން ކުރާނެ އެވެ.
ދަރަނި އަދާކުރަން ސީދާގޮތުން 2025 ވަނަ އަހަރު 8.2 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ. އެސްޑީއެފްގެ އިތުރުން ދެން ދަރަނި އަދާކުރަން ބޭރުން ބޮންޑެއް ނުވަތަ ސުކޫކެއް ވިއްކުމަށް އެ އަހަރު ހުޅުވާލާނެ އެވެ. އޭގެ އިތުރުން 2026 ވަނަ އަހަރުގެ ބޮޑު ދަރަނީގެ ގޮތުގައި ސީދާ ގޮތުން 9.8 ބިލިއަން ރުފިޔާ ދައްކަން ޖެހޭ އިރު އެސްޑީއެފް އިން ބޭނުން ދަރަނި ދެއްކުމަށް ނަގާ 3.8 ބިލިއަން ރުފިޔާގެ އިތުރުން އެ އަހަރު ވެސް އިތުރު ބޮންޑެއް ނުވަތަ ސުކޫކެއް ވިއްކައިގެން، ދަރަނި ރީފައިނޭންސް ކުރަން ވަނީ ނިންމައިފަ އެވެ.
ދައުލަތުގެ ދަރަނި އަދާކުރަން 2017 ވަނަ އަހަރު އުފެއްްދި އެސްޑީއެފްގައި ހުރި ފައިސާގެ ތެރެއިން ޑޮލަރުގެ ގޮތުގައި ހުރީ 125 މިލިއަނެވެ. އެއީ މުޅި ފަންޑުގެ ގާތްގަނޑަކަށް 25 ޕަސެންޓެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ނިމޭ އިރު އެ ފަންޑުގައި 9.7 ބިލިއަން ރުފިޔާ ހުރުމެވެ.
ދަރަނި އަދާކުރަން އެސްޑީއެފްގެ ބޮޑު ބައި 2025 އާއި 2026ގައި ބޭނުން ކުރާ އިރު މިވަގުތު ދައުލަތުގެ ދަރަނި ހުރީ 120 ބިލިއަން ރުފިޔާގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނރުޓޭ
05 November 2023
އޯޑިިޔޯ ނިޔުސް ކިޔާ ކުއްޖާ އަށް 3.8 ބިލިޔަން ރުފިޔާ އަށް ތިނެއް ޕޮއިންޓް އަށެއް ބިލިޔަން ރުފިޔާ މި ގޮތަށް ކިޔަން ދަސްކޮށްލަދީ ބަލަ! އޭރުން ވަރަށް ފުރިހަމަ ވީސް!
ހޮޅިމޭން
05 November 2023
ހުސް ހޮޅި ވާހަަކަ. އޭގެ ބެލެންސް ގަ ހުރީ ކިހާ ވަރެއްތޯ ބަލާބަލަ
ދުންބުރޯ
04 November 2023
7.4 ބިލިއަން ރުފިޔާގެ ބަދަލުގައި 100 ބިލިއަން ރުފިޔާ ހުއްޓަސް ފައިދާއެއް ނެތް. ރުފިޔާ ޗާޕުކޮށްފައި ތިހެން ކަނަކަށް ލާ ފޮރުވިޔަސް އޭގެ ވެލިއު ކޮބާ. ތިޔަ ފަންޑަކީ ޑޮލަރުން މެނޭޖުކުރަންޖެހޭ ފަންޑެއް. މިހާރު ވެސް ވިޔަފާރިވެރިން އެއްޗެއް ގަންނަން ބޭނުން ވަރަށް ޑޮލަރުނުލިބޭ. ލޯނު ދައްކަންވީމާ 7.4 ބިލިއަން ރުފިޔާއަކީ ހުސް ކަރުދާސްފަދަ އެއްޗެއް.
ސަކީން
04 November 2023
ކުރުގޮތަކަށް ބުނަންޔާ އޮޅުވާލުމެއްމީ. ފައިސާއެއް ނެތް ތިޔަ ފަންޑުގައި .މިސަރުކާރަކީ ކަންކަން މެނޭޖްކުރަން އެނގޭބައެއްނޫން
އިސްމާލި
03 November 2023
މި ހަބަރު ކިޔާމީހުނަށް އެނގޭނެ ކަމަށް ހީކުރަން މި ފަންޑަކީ ހަގީގަތުގައި ޑޮލަރު ހުންނަންޖެހޭ ފަންޑެއް ކަން. މިހާރު ހުރީ އެންމެ 24% ޑޮލަރުން. ބާކީ 75% މި ސަރުކާރުން ނަގައިފި. ދެން ބިލިއަން ބިލިއަން ރުފިޔާ އޭ މި ކިޔަނީ އޮޅުވާލަން. 2025 ގައި ދަރަނީގެ ގޮތުގައި ދައްކަން ޖެހެނީ އެއް ބިލިއަން ޑޮލަރު. ރުފިޔާއެއް ނޫން. އަތް ނުލާން ނިންމައިގެން ތިބި ފައިސާކޮޅު ނަގައި ބަދަލާއި ޓަރފް ދަނޑުއަޅަން ނަގައި ހުސްކޮށްލައިފި. ބަލި ދުވަހަކު ބޭސްކުރަން ހުރި ފައިސާއެއީ.
އިިސްމާއީލް ޕްރޮފެސަރ
04 November 2023
ކަލެއަށް މާ އެނގެނީ، ދެން ދޭ ބަތް ކައްކާ ކުޅެން، ދެރަވަނީދޯ ދެން އަންނަ ސަރުކާރަކަށް ވެސް ދަރި ދައްކާނެ ގޮތް ބުނެދޭތީ، ސޯސޭޑް ޖެލަސް ގައި