ވިލާ ސްކޫލުން 19 އަހަރުން ދަށުގެ ތަށި ދިފާއުކުރީ ފައިނަލްގައި ބޮޑު ތަފާތަކުން ސީއެޗްއެސްއީ ބަލިކޮށްފަ.-- ފޮޓޯ: ދަރިވަރު
07 ނޮވެމްބަރ 2023 - 09:47
އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ ޗެމްޕިއަންކަން މިފަހަރު ވެސް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ހޯދައިފި އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗު ވިލާ ކާމިޔާބު ކުރީ ސީއެޗްއެސްއީ އާ ވާދަކޮށް 51-34 އިންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިލާ ސްކޫލްގެ ގޯލް އެޓޭކާ އާމިނަތު އައިނީ އެވެ.
މިދިޔަ އަހަރުގެ ވެސް ޗެމްޕިއަން، ވިލާ ފައިނަލަށް ދަތުރު ކުރީ ފުރަތަމަ ސެމީ ފައިނަލް މެޗުގައި 46-43 އިން ސީއެޗްއެސްއީ ބަލިކޮށްފަ އެވެ. ސީއެޗްއެސްއީ ވަނީ ދެން ކުޅުނު ސެމީގައި 52-37 އިން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ބަލިކޮށްފަ އެވެ.
ތިން ޓީމު ވާދަކުރި 19 އަހަރުން ދަށުގެ ބައިގެ ގުރޫޕް ސްޓޭޖުގައި ވިލާ އާއި ސީއެޗްއެސްއީ ބައްދަލުކުރި މެޗު ނިމުނީ 35-35 އިން އެއްވަރު ވެގެންނެވެ.
އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގައި 19 އަހަރުން ދަށުގެ އުމުރުފުރާގެ އިތުރުން 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 17 އަހަރުން ދަށުގެ އުމުރުފުރާ ވެސް ހިމެނެ އެވެ.
ތޭރަ އަހަރާއި 15 އަހަރުން ދަށުގެ ކޮންމެ އުމުރުފުރާއެއްގައި 16 ސްކޫލެއް ބައިވެރިވި އިރު، 17 އަހަރުން ދަށުގެ 11 ސްކޫލަކުން ބައިވެރިވި އެވެ. މި ތިން އުމުރުފުރާގެ ފައިނަލް ވެސް މިއަދު އޮންނާނެ އެވެ.
އެގޮތުން އިސްކަންދަރު ސްކޫލާއި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ދެ ފައިނަލެއްގައި ވާދަކުރާނެ އެވެ. ސަތާރަ އަހަރުން ދަށުގެ ފައިނަލްގައި ބައްސަލުކުރާނީ މި ދެ ސްކޫލެވެ. ތޭރަ އަހަރުން ދަށޫގެ ފައިނަލްގައި އިސްކަންދަރު ނުކުންނާނީ ރެހެންދި ސްކޫލާ ދެކޮޅަށެވެ. އަދި 15 އަހަރުން ދަށޫގެ ފައިނަލްގައި އަހުމަދިއްޔާއާ ދެކޮޅަށް ގިޔާސުއްދީން ނުކުންނާނެ އެވެ.
13 އަހަރުން ދަށް - 15:00 : އިސްކަންދަރު / ރެހެންދި
17 އަހަރުން ދަށް - 16:30 : އިސްކަންދަރު / ގިޔާސުއްދީން
15 އަހަރުން ދަށް - 20:00 : ގިޔާސުއްދީން / އަހުމަދިއްޔާ
މިދިޔަ އަހަރު 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި އިސްކަންދަރު ވަނީ އިއްޔެ ކުޅުނު ސެމީ ފައިނަލްގައި 29-17 އިން ގިޔާސުއްދީން ބަލިކޮށްފަ އެވެ. އަދި ރެހެންދި ސްކޫލް ފައިނަލަށް ދަތުރުކުރީ 30-26 އިން ހިރިޔާ ސްކޫލް ބަލިކޮށްފަ އެވެ.
ގިޔާސުއްދީނަކީ މިދިޔަ އަހަރު 15 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި ޓީމެވެ. މިއަހަރުގެ ފައިނަލަށް ގިޔާސުއްދީން ދަތުރުކުރީ އިއްޔެ ކުޅުނު ސެމީ ފައިނަލްގައި 39-30 އިން އިސްކަންދަރު ބަލިކޮށްފަ އެވެ. ފައިނަލްގައި އިދިކޮޅުން ނުކުންނަ އަހުމަދިއްޔާ ވަނީ 26-14 އިން ހިރިޔާ ސްކޫލް ބަލިކޮށްފަ އެވެ.
އިސްކަންދަރުން ވަނީ 17 އަހަރުން ދަށުގެ ސެމީ ފައިނަލް މެޗުގައި އިއްޔެ 63-34 އިން އަމީނިއްޔާ ސްކޫލްގެ މައްޗަށް ކުރި ހޯދައިފަ އެވެ. އަދި ގިޔާސުއްދީން ވަނީ 49-25 އިން ހިރިޔާ ސްކޫލް ބަލިކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބޫ
07 November 2023
ސަޅި ބާސްކެޓައް ވުރެ ފުރިހަމަ