ކުޅިވަރު / އޭއެފްސީ ޗެމްޕިއަންސް ލީގު

މުމްބާއީގެ 30،000 ސަޕޯޓަރުން ކުރިމަތީ ހިލާލަށް އުނދަގޫ މޮޅެއް

ހިލާލް އެސްއެފްސީގެ ޑިފެންޑަރު ކަލިޑޫ ކުލިބާލީ (ކ) އާއި މުމްބާއީ ސިޓީ އެފްސީގެ ފޯވާޑް ޖޯޖް ޕެރެއިރާ ޑިއާޒް (ވ) ބޮލުން ބޯޅައިގައި ޖަހަން މަސައްކަތް ކުރަނީ: މުމްބާއީގެ 30،000 ސަޕޯޓަރުން ކުރިމަތީ ހިލާލަށް ހޯދުނީ އުނދަގޫ މޮޅެއް --- ފޮޓޯ: އޭއެފްޕީ

ނަވީ މުމްބާއީ (ނޮވެމްބަރު 11) - އޭއެފްސީ ޗެމްޕިއަންސް ލީގުގައި މުމްބާއީ ސިޓީގެ 30،000 ސަޕޯޓަރުން ކުރިމަތީ ކުޅެ 2-0 އިން އަލް ހިލާލް މޮޅުވެއްޖެ އެވެ.

ސައުދީގައި މުމްބާއީ ކޮޅަށް ހަ ގޯލު ޖަހައި ބޮޑު ތަފާތަކުން ހިލާލް މޮޅުވި ނަމަވެސް ރޭގެ މެޗުގައި އެޓީމަށް ގޯލު ޖެހުނީ މުމްބާއީން އެކަކު މަދުކޮށް ކުޅެނިކޮށެވެ. ދެވަނަ ހާފުގެ 10 ވަނަ މިނިޓުގައި މެހެތާބް ސިންގަށް ރަތް ކާޑު ދެއްކީ ރުބެން ނެވޭސް އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

އޭގެ ކުޑަ އިރުކޮޅެއް ފަހުން ހިލާލުން ލީޑު ނެގި ގޯލު ޖަހައިދިނީ މައިކަލް އެވެ. އަދި މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ލީޑު ފުޅާ ކޮށްދިނީ އެލެކްސެންޑަ މިޓްރޮވިޗް އެވެ.

ހިލާލުގެ ދެވަނަ ގޯލަށް ފަހު ކުޅުންތެރިން އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިއާ އެކު ހަތަރު މެޗު ކުޅެގެން ގުރޫޕް ޑީގެ އެއްވަނައިގައި ހިލާލް އޮތީ 10 ޕޮއިންޓާ އެކު އެވެ. އުޒްބަކިސްތާނުގެ ނަވްބަހޯ ވެސް 2-1 އިން އިރާނުގެ ނައްސާޖީ މަޒަންދަރަންގެ މައްޗަށް ކުރި ހޯދައިގެން 10 ޕޮއިންޓް ހަމަކުރި ނަމަވެސް ގޯލުގެ ތަފާތުން އެޓީމު އޮތީ ދެވަނައިގަ އެވެ.

އިރާގުގެ އެއާ ފޯސް ކްލަބް އަތުން، ކަރީމް ބެންޒެމާ އާއި އެންގޯލޯ ކަންޓޭގެ އަލް އިއްތިހާދު ވަނީ 2-0 އިން ބަލިވެފަ އެވެ.

އިރާގުގައި ބެންޒެމާ އާއި ކަންޓޭ ފުލްކޮށް ކުޅުނު ނަމަވެސް ގޯލު ޖަހަން މާ ގިނަ ފުރުސަތެއް އެޓީމަށް ހޯދިފައެއް ނުވެ އެވެ.

އިއްތިހާދު ބަލިވި ނަމަވެސް އެޓީމު އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައިގެން ގުރޫޕް ސީގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތް އިރާނުގެ ސެފަހާން އާއި ތިންވަނައިގައި އޮތް އެއާ ފޯސް ކްލަބަށް ވެސް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ.

ކަންޓޭ އަތުން ބޯޅަ ހޯދަން އިދިކޮޅު ކުޅުންތެރިއަކު މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސެފަހަން ވަނީ ރޭ 9-0 ގެ ބޮޑު ތަފާތަކުން އުޒްބަކިސްތާނުގެ އޭޖީއެމްކޭ ބަލިކޮށްފަ އެވެ. އިއްތިހާދުން މިދިޔަ މަހު ސެފަހާން އާ ދެކޮޅަށް އިރާނުގައި ކުޅެން އެގައުމަށް ދިޔަ ނަމަވެސް، މެޗެއް ނުކުޅެ އެވެ.

އިރާނުގައި ސެފަހާން އާ ދެކޮޅަށް ނުކުޅުނީ އެގައުމުގެ ކުރީގެ އަސްކަރީ ޖެނަރަލް ގާސިމް ސުލައިމާނީގެ ސޫރަ ރަމްޒުވާ ގޮތަށް މޮނިއުމެންޓެއް ދަނޑުގައި ހުރުމުން އިއްތިހާދުން މެޗު ކުޅެން ދެކޮޅު ހެދުމުންނެވެ.

މިއާ ގުޅިގެން އޭއެފްސީން ވަނީ ސެފަހާން އިން ގަވާއިދާ ހިލާފުވި ކަމަށް ބަލައި 3-0 ގެ ނަތީޖާއަކުން އިއްތިހާދު މޮޅުވީ ކަމަށް ބަލައިފަ އެވެ.

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭ ސައުދީގެ އައް ނަސްރު، މިރޭ 11 ޖަހާއިރު ގަތަރުގައި އެގައުމުގެ އައް ދުހެއިލް އާ ދެކޮޅަށް ކުޅޭނެ އެވެ. ނަސްރު ވަނީ ގުރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454