އިރާނުގެ އަސްކަރީ ކޮމާންޑަރުގެ ސްޓެޗިއުއެއް: އިއްތިހާދުން މެޗު ކުޅެން ދެކޮޅު ހެދި
03 އޮކްޓޯބަރ 2023 - 10:08
އިސްފަހާން (އޮކްޓޯބަރު 2) - އީރާނުގެ ކުރީގެ އަސްކަރީ ޖެނަރަލް ގާސިމް ސުލައިމާނީގެ ސޫރަ ރަމްޒުވާ ގޮތަށް މޮނިއުމެންޓެއް ދަނޑުގައި ހުރުމުން އީރާނުގެ ސެފަހާން އެފްސީއާ ދެކޮޅަށް ކުޅެން ސައުދީ އަރަބިއާގެ އަލް އިއްތިހާދުން ދެކޮޅު ހަދައިފި އެވެ.
ސުލައިމާނީއަކީ އިރާނުގެ އެންމެ ހައިބަވެތި އަސްކަރީ ގޮފި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްގެ އެންމެ އިސް ޖެނަރަލެވެ. ޖެނުއަރީ 2020 ގައި ބަގްދާދުގައި އޭނާ ހަރަކާތްތެރިވަމުން ދަނިކޮށް އޭނާ ދުއްވި ކާރަށް އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި މަރުވި އެވެ. އޭނާ ފާހަގަ ކުރެވިފައި ވަނީ ސައުދީ އަރަބިއާ މެދު ހަރުކަށީ ސިޔާސަތުތަކެއް ގެންގުޅުއްވި ބޭފުޅެއްގެ ގޮތުގަ އެވެ.
NEW -- #Saudi football team @ittihad were meant to play Isfahan in #Iran tonight -- but organizers placed a bust of Qassem #Soleimani at the entrance, where the players would run out onto the pitch.
— Charles Lister (@Charles_Lister) October 2, 2023
Ittihad have left the stadium in protest, refusing to play. pic.twitter.com/tgqUAaqDbO
ދެ ޓީމު ދަނޑަށް ނުކުންނަ ދިމާލުގައި ސުލައިމާނީގެ ސްޓެޗިއުއެއް ބަހައްޓާފައި ހުރުމުން، ދަނޑަށް ނުކުންނަށް އިއްތިހާދުގެ ކުޅުންތެރިން ދެކޮޅު ހެދި އެވެ.
އިއްތިހާދުގެ ޓީމު ދަނޑަށް ނުނިކުމެ ތިބީ ޗޭޖިން ރޫމްގަ އެވެ. ގާތްގަނޑަކަށް 60،000 ސަޕޯޓަރުން ޖަމާވެފައި ވިޔަސް މެޗު ޖެހުނީ ނުކުޅެ ކެންސަލް ކުރާށެވެ.
ސިޔާސީ ގޮތުން ބޮޑު ވާދަވެރިކަމެއް އޮންނަ އިރާނާއި ސައުދީގެ ގުޅުން ހީނަރުވެފައި ވަނިކޮށް، މި އަހަރު ޗައިނާ މެދުވެރިވެ ދެ ގައުމުގެ ގުޅުމަށް ފިނި ކަމެއް އައެވެ. އޭއެފްސީ ޗެމްޕިއަންސް ލީގުގައި ދެ ގައުމުގެ ކްލަބްތައް ބައްދަލު ކުރާ ހޯމް މެޗުތައް ހޯމް މެޗުތައް 2016 އިން ފެށިގެން ކުޅެމުން ދިޔައީ ނިއުޓްރަލް ވެނޫއެއްގަ އެވެ. ހަތް އަހަރަށް ފަހު އެކަން ބަދަލުވީ މި ފަހަރު އެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ އައް ނަސްރު ވަނީ މިދިޔަ މަހު އިރާނުގެ ވެރިރަށް ތެހެރާނަށް ދަތުރުކޮށް އެ ގައުމުގެ ޕާސެޕޮލިސް ޓީމާ ދެކޮޅަށް ކުޅެފަ އެވެ. އެކަމަކު އެ މެޗު ކުޅެން ޖެހުނީ ސަޕޯޓަރުން ނުވައްދަ އެވެ. އެއީ ކުރިން ޕާސެޕޮލިސް ކުޅުނު މެޗެއްގައި އެ ޓީމު ސަޕޯޓަރުންގެ އަމަލުތަކުގެ ސަބަބުން އޭއެފްސީން އެ ކްލަބާ ދެކޮޅަށް އެޅި ފިޔަވަޅެއްގެ ސަބަބުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy