މާޒިޔާ ބަލިކޮށް ތަޖިކިސްތާނުގެ ރެގާ ޓަޑާޒްއިން އޭއެފްސީ ޗެލެންޖް ލީގުގެ ގުރޫޕް ސްޓޭޖުން ޖާގަ ހޯދައިފި އެވެ.
މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު މެންދުރު ފަހު ކުޅުނު މެޗު ރެގާއިން ކާމިޔާބު ކުރީ 3-0 ންނެވެ.
ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހި އެވެ. އެ މެޗުގައި ދެ ޓީމުން ވެސް ފުރުސަތުތަކެއ ތަނަވަސް ކުރި އެވެ. މާޒިޔާގެ އޭރިއާގެ ބޭރުން ރެޑާ އަށް ލިބުނު ހިލޭ ޖެހުމެއްގައި ގޯލް ކުރިމައްޗަށް ހުރަސް ކުރި ބޯޅަ ދިޔައީ ނުރައްކާ ކޮށެވެ. އެކަމަކު މާޒިޔާގެ ކީޕަރު ހުސައިން ޝަރީފް އަތުން ޖަހައި އެ ބޯޅައިގެ ނުރައްކާ ކުރި އެވެ.
އޭގެ ފަހުން މާޒިޔާގެ އަބްދުﷲ ލޫތު އިބްރާހިމް، ތަނަވަސްކޮށް ދިން ފުރުސަތުގައި މާޒިޔާގެ މުހައްމަދު އައިހަމް އަންވަރު، ފޮނުވާލި ބޯޅަ، ރެގާގެ ކީޕަރު ސެވެރިން ޓަކަމް ދިފާއު ކުރީ ވެއްޓިގެންފަ އެވެ.
މާޒިޔާގެ ކުޅުންތެރިން ވަނީ އެ ޓީމުގެ ނައިޖީރިއާގެ ފޯވާޑް ބެންޖަމިން ކޫކޫއަށް ދެ ފުރުސަތެއް ތަނަވަސްކޮށް ދިފަ އެވެ. އޭނާ ބޮލުން ފޮނުވާލި ދެ ހަމަލާ ވެސް ގޯލަކަށް ހަދާލެވޭ ގޮތެއް ނުވި އެވެ.
ދެވަނަ ހާފު ފަށައިގެން، ރެގާ އަށް މާޒިޔާގެ ގޯލް ހުޅުވަން މާ ގިނަ އިރުތަކެއް ނުނެގި އެވެ. އެ ހާފު ފަށައިގެން ވަނަ މިނެޓްގައި އެ ޓީމަށް ލީޑް ނަގައި ދިނީ އޯޒޮދްބެކް ޕަންޖިއެވް އެވެ.
މެޗުގެ 50 ވަނަ މިނެޓްގައި އެ ޓީމުގެ އަޒީޒްބެކް ހައިތޯވް، މާޒިޔާގެ ވައަތްފަޅިން އަރައި ގޯލްގެ ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ އޯޒޮދްބެކް ވަނީ ވެއްޓިގެންފައި ގޯލްގެ ތރީ ކަނަށް ވައްދާލައިފަ އެވެ.
ލަނޑަށް ފަހު ރެގާގެ ޓީމުގެ ކުޅުންތެރިން ކޮންމެ ވެސް ވަރަކަށް ހަމަޖެހިލި އެވެ. އެ ޓީމުން ދެވަނަ ލަނޑެއް ޖެހުމާ ހަމައަށް، އެ ޓީމުގެ ފަރާތުން އެކަށީގެންވާ ހަމަލާއެއް ވެސް ނުފައްދަ އެވެ.
ދެވަނަ ހާފުގައި މާޒިޔާއިން ބަދަލުތަކެއް ގެނެސް ކުޅުން ރަނގަޅު ކުރި އެވެ. އެ ބަދަލުތަކުގައި ތަޖުރިބާކާރު ކުޅުންތެރިޔާ އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) ވެސް ބަދަލު ކުރި އެވެ. އޭނާގެ ބަދަކުގައި ކުޅެން ނުކުތީ ޒުވާން އިލާން އިމްރާނެވެ.
އެ ބަދަލުގެ ކުރިން މާޒިޔާގެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ވެސް މަހްދީ އަށެވެ. އެކަމަކު އެ ބޯޅަ ވެސް ދިޔައީ ބޭރަށެވެ.
ގެނައި ބަދަލުތަކާ އެކު މާޒިޔާއިން ރެގާގާ ފަހަތަށް ބާރުބޮޑުކުރާ މިންވަރު އިތުރުވި އެވެ. މެޗުގެ 77 ވަނަ މިނެޓްގައި އަހްމަދު އައިހަމް (ފަތޯ) އޭރިއާ ތެރެއަށް ރަނގަޅު ބޯޅައެއް ދިނެވެ. ރެގާގެ ޑިފެންސް ވެސް އެންމެ ރަނގަޅަށް ތަރުތީބުވެފައި ނެތް ވަގުތެއްގައި، ފަތާ ނަގައިދިން އެ ބޯޅަ ދިނީ ނައްސާހް އިބްރާހިމް ނާސިރަށް ފުރުސަތު ދިނުމަށެވެ.
އެކަމަކު އެ ބޯޅަ ދިޔައީ ނައްސާހްގެ ފަހަތަށެވެ. އޭނާ އަށް އެ ބޯޅައިގެ ޖަހާލެވޭ ގޮތެއް ނުވި އެވެ.
މެޗުގެ 89 ވަނަ މިނެޓްގައި ރެގާގެ ދެވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ޝަރްޒޮދު މަހަމަދިއެވް އެވެ. އޯޒޮދްބެކް ޕަންޖިއެވް ނަގައިދިން ބޯޅަ ހަމަޖެހިލާފައި މަހަމަދިއެވް ގޯލްގެ ތެރެއަށް ފޮނުވާލި އެވެ.
އެ ޓީމުގެ ތިންވަނަ ލަނޑު އިތުރު ވަގުތުގައި ޖެހީ އަމީރުޖޯން ސަފާރޮވް އެވެ. މާޒިޔާގެ ކުޅުންތެރިން ކުރިއަށް އަރާތިބި ވަގުތު ކައުންޓަ އެޓޭކްގައި އުފެއްދި ފުރުސަތުގައި އޭރިއާގެ ތެރެއަށް ނަގައިދިން ބޯޅަ، ސަފާރޮވް ފޮނުވާލީ ގޯލްގެ މަތީ ދާގަނޑަށެވެ.