ކުޅިވަރު / އޭއެފްސީ ކަޕް 2017

ޕްލޭއޮފުގައި ވެލެންސިއާ ވާދަކުރަން ޖެހޭނީ މޯހަން ބަގާންއާ

މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގައި މޯހަން ބާގަން ކުޅުންތެރިޔެއް ކައިރިން މާޒިޔާގެ އީސަ (ވ) ބޯޅަ ހިފައިގެންދަނީ. -- މިހާރު ފޮޓޯ: ނިޝާން އަލީ

އޭއެފްސީ ކަޕުގެ ޕްލޭއޮފް ބުރުގެ ސައުތު އޭޝިއާ ޒޯނުގައި އިންޑިއާގެ ގަދަބާރު މޯހަން ބަގާންއާ ދެކޮޅަށް ނުކުންނަން ރާއްޖޭގެ ކްލަބް ވެލެންސިއާ އަށް ޖެހިއްޖެ އެވެ.

ވެލެންސިއާ ޕްލޭއޮފުން ފުރުސަތު ހޯދީ ޕްރިލިމިނަރީ ބުރުގެ ދެ ލެގުން ބޫޓާނުގެ ތިމްޕޫ ސިޓީ އެފްސީގެ މައްޗަށް 3-0 އިން ކުރި ހޯދައިގެންނެވެ. ތިމްޕޫގައި ކުޅުނު ފުރަތަމަ ލެގު 0-0 އިން އެއްވަރުވިއިރު އިއްޔެ މާލޭގައި ކުޅުނު މެޗުން ވެލެންސިއާ މޮޅުވީ 3-0 އިންނެވެ.

ޕްލޭއޮފުން މޯހަން ބަގާން ޖާގަ ހޯދީ ސްރީ ލަންކާގެ ކޮލަމްބޯ އެފްސީ އަތުން އިއްޔެ ކަލްކަތާގައި 2-1 އިން މޮޅުވެގެންނެވެ. ކޮލަމްބޯގައި ކުޅުނު ފުރަތަމަ ލެގު ވެސް 2-1 އިން މޯހަން ބަގާން ކާމިޔާބުކޮށްފައިވާތީ ދެ ލެގުން އެ ޓީމަށް ކުރި ލިބުނީ 4-2 އިންނެވެ.

ޕްލޭއޮފުގައި ވެލެންސިއާ އާއި މޯހަން ބަގާންގެ ފުރަތަމަ ލެގު އޮންނާނީ މި މަހުގެ 21 ގައި މާލޭގަ އެވެ. ދެ ވަނަ ލެގު އޮންނާނީ މި މަހުގެ 28 ގައި ކަލްކަތާގެ ރަބިންދުރާ ސަރޯބަރް ސްޓޭޑިއަމުގަ އެވެ.

މޯހަން ބަގާން އާއި ވެލެންސިއާ ވަނީ މީގެ ކުރިން އޭޝިއާގެ މުބާރާތްތަަކުގައި ދެ ފަހަރު ވާދަކޮށްފަ އެވެ. އެންމެ ފުރަތަމަ 1994/1995 ގެ އޭޝިއަން ކްލަބް ޗެމްޕިއަންޝިޕުގެ ސައުތު އޭޝިއާ ޒޯނުގައި މޯގަން ބަގާން ވަނީ ކަލްކަތާގެ ސޯލްޓް ލޭކުގައި ކުޅެ ވެލެންސިއާ 7-1 އިން ބަލިކޮށްފަ އެވެ. އެކަމަކު ޖެހިގެން އައި އަހަރު ހީނާ އަހުމަދު ސަލީމުގެ ކޯޗުކަމުގެ ދަށުން ނުކުމެ ވެލެންސިއާ ވަނީ ފުރަތަމަ ބުރުން މޯހަން ބަގާން ކަޓުވާލައިފަ އެވެ. ކަލްކަތާގައި ކުޅުނު މެޗު 2-1 އިން މޯހަން ބަގާން ކާމިޔާބުކުރިއިރު މާލޭގައި ވެލެންސިއާ 1-0 އިން މޮޅުވެ ކުރި ހޯދީ އަވޭ ގޯލުންނެވެ.

މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރީ 2002/2003 ގެ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކޮލިފައިން ބުރުގަ އެވެ. އެ ފަހަރު ކަލްކަތާގައި ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު މާލޭގައި 3-0 އިން މޮޅުވެ މޯހަން ބަގާން ވަނީ ތިން ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ. މި ދެ ޓީމު ކަލްކަތާގައި ކުޅުނު މެޗަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ގެ ފުރަތަމަ ބައިނަލްއަގްވާމީ މެޗެވެ. އެ މެޗުން 2-1 އިން މޯހަން ބަގާން މޮޅުވާން ދަނިކޮށް އެއްވަރުކޮށްދިނީ ދަގަނޑޭ އެވެ.

އިއްޔެގެ މެޗުގައި ވެލެންސިއާގެ ވެސްޓް (ކ) ތިމްޕޫގެ ޖިގްމޭ ކައިރިން ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕްލޭއޮފުން މޮޅުވާ ޓީމަކަށް ގްރޫޕް އީ އިން ފުރުސަތު ލިބޭނެ އެވެ. މި ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނާއި އިންޑިއާގެ ޗެމްޕިއަން ބެންގަލޫރު އެފްސީ އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ޑާކާ އަމްބާނީ އެވެ.

މޯގަން ބަގާން ވަނީ މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގައި ވެސް މާޒިޔާއާ އެއް ގްރޫޕެއްގައި ހިމެނިފަ އެވެ. ގުވާހަޓީގައި ކުޅުނު މެޗު 5-2 އިން މޯހަން ބަގާން ކާމިޔާބުކުރިއިރު މާލެގައި މި ދެ ޓީމު 1-1 އިން އެއްވަރުވީ އެވެ. އަސަދުﷲ އަބްދުﷲ ލީޑު ނަގައިދީފައިވަނިކޮށް މޯހަން ބަގާން އެއްވަރުކުރީ ފަހު ސިކުންތުގެ ތެރޭގައި ޖޭޖޭ ޖެހި ލަނޑުންނެވެ.

މިދިޔަ ސީޒަނުގެ އިންޑިއާގެ އައި ލީގުގެ ދެ ވަނަ މަގާމް ހޯދި މޯހަން ބަގާން އަކީ އިންޑިއާގެ ފުޓްބޯޅައިގެ ހިތް ކަމަށްވާ ކަލްކަތާ އަށް ނިސްތަބްވާ ޓީމެކެވެ. މީގެ 127 އަހަރުކުރިން އުފެދުނު މި ކްލަބަކީ އިންޑިއާގެ އެންމެ ދުވަސްވީ ކްލަބެވެ. ކަލްކަތާ އަށް ނިސްބަތްވާ އީސްޓް ބެންގާލާއި މޯހަން ބަގާންގެ ކުރިމަތިލުން ނުވަތަ ކަލްކަތާ ޑާބީ އަކީ ދުނިޔޭގެ ނިސްބަތުން ބެލިޔަސް އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ އެއް ކުރިމަތިލުމެވެ.

މޯހަން ބަގާން ޓީމުގައި އިންޑިއާގެ ގައުމީ ޓީމުގެ ތިން ކުޅުންތެރިން ހިމެނެ އެވެ. އެއީ ފޯވާޑް ޖޭޖޭ ލަލްޕެކުލާ އާއި ޑިފެންޑަރު ޕްރިތަމް ކޮޓާލް އަދި މިޑްފީލްޑަރު ޕްރޮނޭއީ ހަލްޑާ އެވެ. އެ ޓީމުގެ ބިދޭސީ ކުޅުންތެރިންނަކީ އިކުއެޓޯރިއަލް ގިނީގެ ޑިފެންޑަރު އެޑުއާޑޯ ފެރެއިރާ އާއި ހެއިޓީގެ މިޑްފީލްޑަރު ސޮނީ ނޯޑޭ އާއި ޖަޕާން މިޑްފީލްޑަރު ކަޓްސުމީ ޔޫސާ އަދި ސްކޮޓްލެންޑުގެ ފޯވާޑް ޑަރީލް ޑަފީ އެވެ. އެ ޓީމުގެ ކޯޗަކީ އިންޑިއާގެ ސެންޖޯއީ ސެން އެވެ.

މޯހަން ބަގާން ވަނީ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި 2007 އަދި 2009 ގައި ވާދަކޮށްފަ އެވެ. އަދި މިދިޔަ އަހަރުގެ މުބާރާތުގައި ގްރޫޕުގެ އެއް ވަނަ ހޯދައި ދެ ވަނަ ބުރުން ޖާގަ ހޯދި އެވެ. އެކަމަކު ސިންގަޕޫރުގެ ޓެމްޕިނަސް ރޯވާސް އަތުން ބަލިވެ ދެ ވަނަ ބުރުން ކެޓީ އެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ އޭޝިއަން ޗެމްޕިއަންސް ލީގުގެ ޕްލޭއޮފުގައި ކުޅެ ޗައިނާގެ ޝަންޑޮން ލުނެން އަތުން 6-0 އިން ބަލިވެ ވަނީ ކަޓައިފަ އެވެ.

2 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 40%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒާމް

09 February 2017

އިންޝާﷲ ވެލެންސިއާ މޮޅުވާނެ ، އަދި ވެލެންސިއާ ގެ ރަން ދުވަސްތައް އެނބުރި އަންނާނެ !

The name is already taken The name is available. Register?

ޔާއްޓެ

08 February 2017

އިންސާﷲ މާލޭގެ ކުލޭ ފުރަތަމަ ލެގުން ކުލަބުވެލެންސިއާ ބޮޑު ނަތީޖާއަކުން މޮލުވެ 2 ވަަނަ ލެގުން އިންޑިޔާ ގައި ކުލެވެސް މޮލުވެ ޕްލޭއޮފުގައި ރާއްޖޭގެ ވެލެންސިއާ ފުޓްބޯލަ ޓީމަށް ކާމިޔާބުދެއްވާށެވެ. އާމީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454