ޚަބަރު / ރައްޔިތުންގެ މަޖިލިސް

މާދަމާ ބަހުސް ފަށައި، ދެ ދުވަހުން ސަޕްލިމަންޓްރީ ބަޖެޓު ނިންމަނީ

މި އަހަރުގެ ދައުލަތުގެ ބަޖެޓަށް އިތުރުކުރަން ހުށަހަޅާފައިވާ ސަޕްލިމަންޓްރީ ބަޖެޓު ބަހުސް މާދަމާ ފަށައި، ދެ ދުވަސް ތެރޭގައި އެ ބަޖެޓުގެ މަސައްކަތް ނިންމަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ އިތުރުން މިއަހަރުގެ ބަޖެޓަށް އިތުރުކުރާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓު ހުށަހަޅުއްވައި ދެއްވައިފަ އެވެ.

މަޖިލީހުގެ ރައީސްގެ މަގާމުން މުހައްމަދު ނަޝީދު ވަކިކުރަން މަޖިލީހުގެ ހިނގި ހައިޖާނުގެ ތެރޭގައި ބަޖެޓު ހުށަނޭޅި ދިގުލައިގެން ގޮސްފައިވާ އިރު، ސަޕްލިމަންޓްރީ ބަޖެޓުގެ މަސައްކަތް އަވަހަށް ނިންމުމަށް މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތްތަކެއް ހުށަހަޅުއްވަން މަޖިލީހުގެ އާ ރައީސް މުހައްމަދު އަސްލަމް ވަނީ ފުރުސަތު ދެއްވައިފަ އެވެ.

ސަޕްލިމަންޓްރީ ބަޖެޓުގެ މަސައްކަތް އަވަސްކުރަންޖެހޭ ކަމަށް، ހާއްސަކޮށް އެމްޑީޕީގެ މެމްބަރުން ވިދާޅުވި އިރު، ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވީ ސަޕްލިމަންޓްރީ ބަޖެޓުގެ ބަހުސް މާދަމާ ފަށައި، ބަޖެޓު ދިރާސާ ކުރުމަށް ކޮމިޓީއަށް ދެ ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެ ދުވަހު ބަޖެޓު ފާސްކޮށް ނިންމުމަށެވެ.

އޭނާ ހުށަހެޅުއްވީ މާދަމާ ބަހުސް ކުރަން އެދިވަޑައިގަންނަވާ ކޮންމެ މެމްބަރަކަށް ގިނަ ވެގެން ފަސް މިނެޓު ދިނުމަށް ފަހު، ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް ދެ ދުވަސް، އަދި އޭގެ ފަހުން ކޮމިޓީ ރިޕޯޓުގެ ބަހުސަށް ކޮންމެ މެމްބަރަކަށް ގިނަވެގެން ދެ މިނެޓުގެ ފުރުސަތެއް ދިނުމަށެވެ.

އަހުމަދު އަބްދުﷲގެ ހުށަހެޅުއްވުން ފާސްކޮށްފައިވަނީ، އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެމްބަރުންގެ އިއްތިފާގުންނެވެ.

ޑިމޮކްރެޓުން ބުނީ ސަޕްލިމަންޓްރީ ބަޖެޓު ގާނޫނާ ހިލާފު ކަމަށް

ދެ ބަޖެޓު ހުށަހަޅަން އަމީރު މިއަދު ވަޑައިގެން އިންނެވި ޖަލްސާ ފެށުމާ އެކު ވެސް، ޑިމޮކްރެޓްސްގެ މެމްބަރުން ވަނީ އަމީރު ވަނީ މަޖިލީހުގެ ހިންގުމަށް ގޮންޖައްސަވައި، މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، ބަޖެޓު ހުށަހަޅަން ހުރަސްއަޅުއްވައިފަ އެވެ.

"މާލީ ވަޒީރު މިތަނަށް ވަޑައިގެން އެ އިންނެވީ ކުށުގެ ތުހުމަތުގައި އިންނަވައިގެން... މިތަނަށް ބަޖެޓު ހުށަހެޅުމަށް މާލިއްޔަތު ގާނޫނު ވަރަށް ސާފުކޮށް ބަޔާންކުރޭ އެކަން ކުރަންވީ ދުވަސްތައް. ސިޔާސީ ބޭނުމަށް މި ބޭފުޅުން އެކި ގޮތްގޮތަށް މިކަން އަނބުރަމުން އެ ގެންދަނީ،" އާންމު މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ކަމުން އިއްޔެ އިސްތިއުފާ ދެއްވި މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

"ދިވެހި ދައުލަތުގެ ނިޒާމު ނަގާލެވިގެން ނުވާނެ. މާލީ ވަޒީރު ޝަރީއަތަށް ފޮނުވުން އެއީ މި ވަގުތު އަޅުގަނޑުމެން ކުރަން އޮތް މުހިންމު ކަންތައް."

މަޖިލީހުގެ އިމްތިޔާޒަށް އަމީރު އަރާވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، ޑިމޮކްރެޓްސްގެ މެމްބަރުން އޭނާ އިންނެވި މޭޒު ވަށާލައިގެން ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް ހުރަސްއަޅުއްވަނީ. --

ބަޖެޓު ހުށަހަޅަން އަމީރު ފެއްޓެވުމާ އެކު، ޑިމޮކްރެޓްސްގެ މެމްބަރުން ވަނީ ކޮޅަށް ތެދުވަޑައިގެން އަޑު ގަދައްކުރައްވައި، ހުރަސްއަޅަން މަސައްކަތް ކުރައްވައިފަ އެވެ.

އަދި އަމީރު އިންނެވި މޭޒު ކައިރިއަށް އާޒިމް ވަޑައިގެންނެވުމުން، އަމީރުގެ ހިމާޔަތުގައި އެމްޑީޕީގެ މެމްބަރުން ވެސް ވަނީ އެ މޭޒު ވަށާލައިފަ އެވެ. އަމީރު ފަހަތުގައި ތިއްބަވައިގެން ބައެއް މެމްބަރުން އަޑުގަދަކުރައްވަމުން ގެންދެވި ނަމަވެސް، އޭނާ ވަނީ ބަޖެޓު ހުށަހަޅުއްވައިފަ އެވެ.

އޭގެފަހުން، ސަޕްލިމަންޓްރީ ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާ މެދު މެމްބަރުންގެ ހިޔާލަށް ހުޅުވައިލުމުން، ޑިމޮކްރެޓްސްގެ ގިނަ މެމްބަރުން ވަނީ އެ ބަޖެޓު ހުށަހަޅާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެފަ އެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ސަޕްލިމަންޓްރީ ބަޖެޓު ވެސް އޮންނަންޖެހޭނީ ދައުލަތުގެ ބަޖެޓާ އެއްގޮތަށް ކަމަށް މާލިއްޔަތު ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް، އަމީރު މިއަދު ހުށަހެޅުއްވި ސަޕްލިމަންޓްރީ ބަޖެޓަކީ ޕްރޮގްރާމެއް ބަޖެޓެއް ނޫން ކަން އޭނާ ފާހަގަކުރެއްވި އެވެ.

އެންމެ ފުރަތަމަ ބަޖެޓު ފޮނުވުމުން އެ ފުރިހަމަ ނޫން ކަމަށް ބުނެ އަނބުރާ ފޮނުވާލެވުނު ކަން ފާހަގަކުރައްވައި، ނަޝީދު ވެސް ވިދާޅުވީ ފިނޭންސް މިނިސްޓްރީ އަލުން ހުށަހަޅާފައިވަނީ ވެސް ޕްރޮގްރާމް ބަޖެޓެއް ނޫން ކަމަށެވެ.

މަޖިލީހުގެ ރޭގެ ޖަލްސާގައި މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވި ނަޝީދު އާންމު މެމްބަރެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

"ދިމާވެގެން މި އުޅޭ ކަމަކީ ދައުލަތަށް ހަރަދު ފޫނުބެއްދުނީ. ނުބެއްދުނީމާ މަޖިލީހުން އިތުރުކޮށްދޭން ޖެހުނީ، ސަޕްލިމަންޓު ކޮށްދޭން ޖެހުނީ،" އިތުރަށް ބޭނުންވާ ފައިސާ ހަރަދުކުރަނީ ކޮން މިނިސްޓްރީއެއްގެ ކޮން ކަމަކަށް ކަން ބަޔާންކޮށްފައި އޮންނަޖެހޭނެ ކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވި އެވެ.

އޭގެފަހުން އިތުރު ފުރުސަތެއް ހޯއްދަވައިގެން އެ ވާހަކަ ތަކުރާރުކުރައްވައި ނަޝީދު ވިދާޅުވީ ބަޖެޓު ގާނޫނާ އެއްގޮތް ނުކޮށް އޭގެ މަސައްކަތް މަޖިލީހުގައި ކުރުމަކީ ދައުލަތުގެ ނިޒާމަށް އެޅޭ ހުރަހެއް ކަމަށެވެ.

"...މި 6.5 ބިލިއަން ރުފިޔާ ހަގީގަތުގައި ވަޒީރު މިހާރު ވަނީ ހަރަދުކޮށް ނިންމަވާފައި. ދައުލަތުގެ ބަޖެޓުގައި ހިމަނާފައި ނުވަނީސް، މި މަޖިލީހުން ހުއްދަ ނުދީ ވަނީސް، މާލީ ވަޒީރު ވަނީ މި ދެންނެވި ފައިސާ، 6.5 ބިލިއަން ރުފިޔާ ގާނޫނާ ހިލާފަށް ހަރަދުކޮށް ނިންމަވާފައި،" ނަޝީދު ތުހުމަތު ކުރެއްވި އެވެ.

ސަޕްލިމެންޓްރީ ބަޖެޓު މިއަދު މަޖިލީހަށް ހުށަހަޅައިދެއްވަމުން އަމީރު ވިދާޅުވީ، ބަޖެޓުން އިތުރަށް ހަރަދު ކުރާ އެންމެ ބޮޑު އަދަދެއް، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޭން ޖެހުނު އެއް ސަބަބަކީ ބިން ވިއްކައިގެން ހޯދަން އެޗްޑީސީން ލަފާކުރި އާމްދަނީ ނުލިބުމުން ކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 1.2 ބިލިއަން ރުފިޔާ ސަޕްލިމެންޓްރީ ބަޖެޓުން ހަރަދު ކުރަން ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަކުރަނީ ފިއުލް ސަބްސިޑީއަށެވެ. ފިއުލް ސަބްސިޑީއަށް ފެނަކަ އާއި ސްޓެލްކޯއަށް 530 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

މިދިޔަ އަހަރު 2023 ވަނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ފާސް ކުރީ 42.8 ބިލިއަން ރުފިޔާ އެވެ. ބަޖެޓަށް އިތުރު ކުރި އަދަދާ އެކު ޖުމްލަ މި އަހަރުގެ ބަޖެޓު 49.4 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.

3 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްޑާ

15 November 2023

ދެދުވަހުން ކީއްކުރަން، ދެގަޑިއިރުންވެސް ނިންމަންވީ. ރައީސް ނަޝީދު ވިދާޅުވިގޮތަށް ތިޔައީ މެމްބަރުންގެ މަސްލަހަތު ހިމެނޭ ކުންފުނިތަކުގެ ބިލްތައް ނިންމަން ކުރާކަމެއް. ރައްޔިތުންގެ ލާބަ އާއި މަންފާއަށް ކުރާ ކަމެއްނޫން ތި ބަޖެޓް ފާސްކުރުމަކީ. ނޯ އެކައުންޓަބިލިޓީ - ހަމަ ރަބަރު ސްޓޭމްޕް

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

14 November 2023

ކުރީގެ އެމްޑީޕީގެ ޓިކެޓްގައި ނިކުމެ ވެރިކަން ކުރި އިބްރާހިމްގެ ސަރުކާރުން ވަނީ ދައުލަތުގެ ޤާނޫނު އަސާސީއާއި ޙިލާފު އެތައް އެތައްކަމެއްކޮށް (އޭގެ ތެރޭގައި ދިވެހިންގެ މެދުގައި ނަސްލީ ތަފާތު ކުރުން ގެންގުޅުން ފަދަ) ރާއްޖޭގެ ދުސްތޫރީ ނިޒާމް މުޅިން ގަނޑުބަނޑު ކޮށްލާފައި. # ޑރ މުއިއްޒު ސަރުކާރުން މިހާރުގެ ސަރުކާރު ވަޒީރުންނާއި ސީނިއަރ އޮފިޝަލުން ހިންގާފައިވާ މިފަދަކަންކަން ނުބެލިކަމަށްވިޔަސް އެކަން ބަލާންއެދޭ އާންމުމީހާއަށް ހުރަސް ނާޅާނެކަމަށް ދެކެން.

The name is already taken The name is available. Register?

ފަހިމު

14 November 2023

މަޖްލިހާ އެންޑީޕީން ސަޕްލިމަންޓްރީ ބަޖެޓް ފާސްނުކޮށް ނާޗަރަންގީކުޅުމުގެ ސަބަބުން މިނިސްޓްރީތަކުގެ މަސައްކަތްތައްވަނީ ހުއްޓިފައި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454