ޕީއެންއެފް އުފެއްދުމާ ގުޅޭގޮތުން އީސީއާ މަޝްވަރާކުރެއްވުމަށްފަހު، އެކަމުގައި އިސްކޮށް އުޅުއްވާ މަލީހު ނޫސްވެރިންނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
26 ނޮވެމްބަރ 2023 - 13:33
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަފާތެރިންނާއެކު، އަލަށް އުފައްދާ "ޕީޕަލްސް ނޭޝަނަލް ފްރޮންޓް" (ޕީއެންއެފް) އިން ރާއްޖޭގެ ސިޔާސީ ދަތުރު ބަދަލުކޮށް، ވެރިކަން ކުރާނެ ކަމަށް، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން މިއަދު ބުނެފި އެވެ.
އާ ސަރުކާރާއެކު ޕީޕީއެމުން އެ މަނިކުފާނު އެކަހެރިކުރުމުގެ ވަރަށް ބޮޑެތި ޝަކުވާތަކާއެކު، ޔާމީން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީޕީއެމުން ވަކިވެ، އާ ޕާޓީއެއް އުފައްދަން ނިންމައިފަ އެވެ. އެކަމާ ގުޅޭގޮތުން އެ ފަރާތްތަކުން ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އާ މިއަދު ވެސް ބައްދަލުކުރައްވައިފަ އެވެ.
ޕީއެންފީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ، ކުރީގެ މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވީ ޕާޓީ އުފެއްދުމުގެ ހުއްދަ އީސީން ލިބުމާއެކު، ޕާޓީއެއް އުފެއްދުމުގެ ރިކޯޑު މުގުރާލާނެ ކަމަށެވެ. އެ ޕާޓީން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާނެ ކަމަށާއި މަޖިލީހުގެ އިންތިހާބުގައި ވާދަކޮށް ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަލީހު ވިދާޅުވި ގޮތުގައި އާއްމުންގެ އިހުތިރާމާއި ލޯބި ލިބިފައިވާ ލީޑަރަކީ ޔާމީނެވެ. ބަޔަކު ޕީޕީއެމް ފޭރިގެންފައިވާ ކަމަށް ވިދާޅުވެ، އަލަށް އުފައްދާ ޕާޓީއާ ގުޅުމަށް ޔާމީން އެދިވަޑައިގަންނަވާ ކަމަށް މަލީހު ވިދާޅުވި އެވެ.
ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން، އެކަމުގެ މަޝްވަރާއަށް އީސީއަށް މިއަދު ވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި ޔާމީނަށް ވަރަށް ބޮޑެތި އަނިޔާތައް ލިބުނެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު އަނިޔާ ކުރުމަތިވީ އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމި ބޭއިންސާފު ޝަރީއަތުގެ ސަބަބުން ކަމަށާއި އޭގެ ސަބަބުން އިންތިހާބުން ފުރުސަތު ގެއްލި، ޕާޓީ ވެސް ވަގަށް ނަގާފައިވާ ކަމަށް މަލީހު ވިދާޅުވި އެވެ.
އެ ކަންކަމުގައި އަޑީގައި ހުންނެވީ، އޭނާ ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ އެވެ.
ޕީއެންއެފް އުފެއްދުމާ ގުޅޭގޮތުން، އެކަމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން އީސީގެ މެމްބަރުންނާ މިއަދު މަޝްވަރާކުރައްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ އެ ޕާޓީއަކީ ސިޔާސީ މައިދާނުގައި އުފެދިގެންވާ އެންމެ ބިޔަ އަދި ވަރުގަދަ ޕާޓީއަށް ވާނެ ކަމަށެވެ.
ރާއްޖޭގައި ދެން ވެރިކަން ކުރާނެ ޕާޓީއަކީ ވެސް، މަލީހު ވިދާޅުވި ގޮތުގައި، ޕީއެންއެފް އެވެ.
"ރައީސް ޔާމީން ގެއަށް ވަޑައިގަތުމަށްފަހު ކީއްވެގެންތޯ ލީޑަޝިޕްގައި ހިމެނޭ، އަޅުގަނޑު އެއްވެސް ބޭފުޅެއްގެ ނަމެއް ދަންނަވާކަށް ބޭނުމެއް ނޫން، އެއްވެސް ބޭފުޅަކު ރައީސް ޔާމީނާ ހަމައަށް ވަޑައިނުގަތީ. އެއީ އެހާ އަގެއް ނެތް ބޭފުޅަކީ؟ އެއީ އެހާ ދެރަ ބޭފުޅަކީތޯ؟ ގުރުބާނީވެވަޑައިގަންނަވާ ބޭފުޅަކަށް ނުވަނީތޯ؟ އެއީ މި ގައުމަށް އެއްވެސް ހިދުމަތެއް ނުކުރައްވާ ބޭފުޅަކީތޯ؟ އެއީ ޕީޕީއެމްގައި އެ ތިބަ ކުޑަކުދިންނާއެކީގައި މި ދަތުރު، ބިޔަ ދަތުރު ކުރައްވައި ވެރިކަން ބަދަލުކުރަން އެއްވެސް އަގެއް އަދާކުރައްވާ ބޭފުޅަކަށް ނުވަނީތޯ؟" ޖަމީލް ސުވާލު އުފެއްދެވި އެވެ.
"ރައީސް ޔާމީންގެ އަސްލު ހަގީގި ވަފާތެރިންނާ އަސްލު ހަގީގީ އެކުވެރިންނާ އެކު މި ފަށާ ސިޔާސީ ދަތުރު ވެގެންދާނީ ދިވެހިރާއްޖެ ބަދަލުކޮށްލާނެ ސިޔާސީ ދަތުރަކަށް އިރާދަކުރެއްވިއްޔާ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އލނއމ
27 November 2023
ތީ ޤައުމަށް ބޭވަފާތެރިން.. ޔާމީނަށް އޭރުގޯސްވީ ބޭބޭފުޅު ޤައުމުން ހިންގަން ގޮތް ކިޔާތީ.. ފޯން ނުނަގައިގެން އެވާހަކަ ދެއްކީމަ މަޢުމޫން ގޯސްވީ.. އެކަމު މިއަދު މިވީ ކިހިނެއް؟ ޔާމީނަށް ތާޢިދުކުރިޔަސް ކުރާހާ ހުރިހައި ކަމަކަށް ތާޢީދެއް ނުކުރެވޭނެ.. ޤައުމު ހިންގަން ފުރުސަތުދީ.. ތި ޖަހާ ސަކަރާތުން ހުރިހައި ގެއްލުމެއް ލިބޭނީ ނިކަމެތި ރައްޔިތުންނަށް..
ޗޮކުން
27 November 2023
ހަމަ ދާނީ ޗޮކުން. އިރެލެވެންޓް ޕީޕަލް އިންޑަލްޖިންގ އިން ދެއަރ ސެލްފް އިމްޕޯޓަންސް.
ބަޑިތަކުރު
27 November 2023
ތިޔަ ފެންނަ މީހުންނަކީ ވަފާތެރިންކަމަށް ވާނީ ކިހިނެއް ބާވައެވެ. އުންމީދުކުރި މަގާމުތައް ނުލިބިގެން ދެންވެސް އެފަދަ ފުރުޞަތެއް ލިބޭތޯ އުޅޭއުޅުމެކެވެ. ތިޔަ ބުނާ ބަދަލެއް ކުރަން ބޭނުންނަމަ ކުރަން 5 އަހަރު ދެވިއްޖެއެވެ. އެ ފަސްއަހަރު ބޭނުންހިފީ އަމިއްލަ އެކައުންޓްތައް ބަރާކުރާށެވެ. ކަމެއް ކުރިއްޔާ ކުރި މީހާ ރައްޔިތުން ބަލައިގަނެ އެވަނީ ވެރިކަމަށް އިންތިޚާބުކޮށްފައެވެ. ފުރުޞަތު ދިނީމާ އަމިއްލަ ހައިބަތު ދައްކަން ކޮޓަރި ހެދުންނޫންކަމެއް ނުކުރެވުނު މީހަކ
ޔާމީންފޭންސް
27 November 2023
ތައްޔާރަށް މިތިބީ. އާ އައޒުމެއްގަ ކުރިޔަަށް ދާން. 2028 ގަ ރ.ޔާމީން ގެންނަން ކެތްމަދުވެފަ މިތިބީ
މޫސާފުޅު
27 November 2023
ރައީސް މައުމޫންގެ ތާއީދާއަކީ ޕީޕީއެމް އުފައްދާ ރައީސް މައުމޫން ތާޢީދާއެކު ވެރިކަން ލިބުމުން ތިމަންމީ ރާއްޖޭގެ ރައްޔުތުންގެ ފެވަރިޓޭ ތިމަން ބުނާހާ ގޮތަކަށް އެންމެން ރުހި ޤަބޫލުވާނޭ ހިތައި ބަޔަކު ގޮައިގެން ޕާޓީ ހެދިޔަސް މިހާރަކު އެކަމާ މީހަކަު އަޅައެއްނުލާނެއެވެ. ވެރިމީހެއްގައި ހުންނަންވާ ވަރަށް ގިނަ ޝަރުޠު ތަކުގެ ތެރެއިން މަނިކުފާނުގެ ހުރީ ތަރައްޤީ ކުރުމުގެ ސްޕީޑު އެކަންޏެވެ. މީހުން ގެންގުޅޭކަށް ނޭނގެއެވެ.
ތުނޑުހަސަނު
27 November 2023
މަލީހާއި ޖަމީލަކީ ވަފާތެރިންކަމުގައި ބުނާނަމަ މިދުނިޔޭގައި ބޭވަފާތެރިންނެއް ނުތިބޭނެ. ޔާމީނަށް ވަރަށް ސަލާން. ހަމްދަރުދީވެސް ވަން. ނަޝީދުވެސް ތިންއަހަރު ކެތްކުރި. ޔާމީނަށް 3 ދުވަހަަށް ވެސް ކެތްނުވި. ސިޔާސީ މީހުންގެ އަރައިރުމާހެދި ހުރިހާ ދުއްޕާނެއް މިޖެހެނީ ހަގީގަތުގައި ރައްޔިތުންނަށް.
ޢިހްސާސް
27 November 2023
ޔާމީނު އަރިހު ތިހެރަ ޖަމީލަކީ އެންމެ ބޮޑު ބޭވަފާތެރިޔާ...
ކުޑަކަތީބު
27 November 2023
ޖަމީލޫ، މަލީހޫ ކޮންތަނަކުން ފައިބައިގެން އުޅޭ ދެސޮރުބާ - މި ދެސޮރުގެ ނަންނެތް ޕާޓީއެއް މިގައުމަކުނެތް. މައިންބަފައިން ސިޔާސީ ކަންތަކާއުޅެ، އަޅާލުމުން ދުރުކުރެވިފައިވާ ކުއްޖެއްގެ ނަމުގަ ޕާޓީ ހަދައިގެން ތި ގަނޑު ތެޅުމަށްވުރެ އަމިއްލަ ނަމުގައި ޕާޓީ ހަދައިގެން ތިބުނާ ބަދަލެއް ގެއްނަން ނުކެރިކެން އުޅެނީ ކީއްވެގެންތޯ
ބެކެމްބާ
27 November 2023
ޖާސިމް ހިނި އަންނާނެ ވަރަށް ހިނި އަންނާނެ!!!
ދަލޭކަ ދައިތަ
26 November 2023
ލިއުމުގައި އެބުނާ "ވަފާތެރިން" އެބަހުގެ ކުރިއަށް "ބޭ" ހިމަނައިގެން ކިޔާލީމައި ޔާމީންގެ ކުރިމަގު ތަސައްވަރު ކުރެވޭނީ. މިވަގުތަށް މަލީހަށާ ޖަމީލަށް އިތުރު ޗޮއިސްއެއްނެތް ސިޔާސީ މައިދާނުގައި، ޔާމީން ޔޫސްކޮށްގެން، ޔާމީންގެ ފަސްްބައިގައި އެލިގަނެގެން ނޫނީ. އެހެންވީމައި ދެ އަށްޓަމަސް ދުލެއްނުދޭނެ.