ކުޅިވަރު / ޔޫރޯ 2016

އަލްބޭނިއާ އަތުން ސްވިޒަލެންޑަށް ހަނި މޮޅެއް

އަލްބޭނިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ސްވިޒަލެންޑުގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލެންސް، ފްރާންސް (ޖޫން 11) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގައި މިރޭ އެކަކު މަދުކޮށް ކުޅުނު އަލްބޭނިއާ އަތުން ހަނިގޮތަކަށް 1-0 އިން ސްވިޒަލެންޑް މޮޅުވެއްޖެ އެވެ.

މި ނަތީޖާއާ އެކު ސްވިޒަލެންޑް އޮތީ ތިން ޕޮއިންޓާ އެކު ގްރޫޕް އޭ ގެ ދެ ވަނައިގަ އެވެ. ތިން ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އެއް ވަނައިގައި ފްރާންސް އޮތްއިރު އެ ޓީމު އަތުން ރޭ 2-1 އިން ބަލިވި ރޫމޭނިއާ އާއި އަލްބޭނިއާ އަށް ޕޮއިންޓެއް ނުލިބެ އެވެ.

މިރޭގެ މެޗަކީ އެތައް ގޮތަކުން ހާއްސަ މެޗެކެވެ. އެގޮތުން މެޗުގައި އަލްބޭނިއާ އަށް ކުޅުނު ޓޫލާންޓް ޒަކާގެ އެއްބަޑު އެއް ބަފާ ކޮއްކޮ ގްރޭނިޓް ޒަކާ ކުޅުނީ ސްވިޒަލެންޑަށެވެ. މިއީ ޔޫރަޕުގެ އެންމެ ޝަރަފްވެރި މުބާރާތުގައި އެއްބަނޑު އެއްބަފާ ދެބެން ދެ ޓީމަކަށް ކުޅުނު ފުރަތަމަ މެޗެވެ. މީގެ އިތުރުން އަލްބޭނިއާގައި ސްކޮޑުގައި ސްވިޒަލެންޑަށް އުފަން ގިނަ ކުޅުންތެރިންތަކެއް ހިމެނޭއިރު، ސްވިޒަލެންޑު ޓީމަށް ވެސްް މި ފަހަރު އަލްބޭނިއާ އަށް ނިސްބަތްވާ ކުޅުންތެރިން ކުޅުނެވެ.

މިރޭގެ މެޗުގައި ސްވިޒަލެންޑަށް ލީޑު ނަގައިދިނީ މެޗުގެ ފަސް ވަނަ މިނިޓްގައި ފަބިއަން ޝެއާ އެވެ. ޝެއާ މި ލަނޑު ޖެހީ ޒެރްޑަން ޝަގީރީ ނެގި ކޯނަރަކުން ބޮލުންނެވެ. ނަތީޖާ ހަމަހަމަ ކުރަން މެޗުގެ 31 ވަނަ މިނިޓްގައި އަލްބޭނިއާގެ އާމަންޑޯ ސަޑީކޫ އަށް ލިބުނު ހުސް ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ ސްވިޒަލެންޑް ކީޕަރު ޔަން ސޮމާ ވަނީ މަތަކޮށްފަ އެވެ.

އަލްބޭނިއާގެ ޓޫލާންޓް ޒާކާ (ކ) އާއި ސްވިޒަލެންޑުގެ ގްރޭނިޓް ޒާކާ ބޮލުން ބޯޅަ ފޮނުވާލަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

އަލްބޭނިއާ އަށް މި މެޗުގައި އެންމެ ބޮޑު އުނދަގޫތަކަކާ ކުރިމަތިވީ މެޗުގެ 36 ވަނަ މިނިޓްގައި އެ ޓީމުގެ ލޮރީކް ސާނާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. ސާނާ އަށް ދެ ވަނަ ރީނދޫ ކާޑު ދެއްކީ އަލްބޭނިއާ އޭރިއާ ރޮނގުކައިރިން ބޯޅައިގައި ގަސްދުގައި އަތް ލުމުންނެވެ.

އެއާ އެކު ސްވިޒަލެންޑަށް ލިބުނު ހިލޭ ޖެހުން އެ ޓީމުގެ ބްލެރިމް ޖެމައިލީ ފޮނުވާލުމުން އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަލްބޭނިއާގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި ސްވިޒަލެންޑުން ވަނީ މި ހާފްގައި އިތުރު ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެ ޓީމުގެ އަލެކްސަންޑާ ސެފެރޮވިޗް ފޮނުވާލި ބޯޅަ އަލްބޭނިއާ ކީޕަރު އެރިޓް ބެރީޝާ ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފްގައި ވެސް ސްވިޒަލެންޑަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތުުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. މި ހާފްގައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު އަލްބޭނިއާ އަށް ވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ.

ސްވިޒަލެންޑް އޭރިއާ ތެރެއިން ސަޑީކޫ ފޮނުވާލި ބޯޅަ ގޯލާ ސީދާ ވާގޮތެއްނުވި އެވެ. އޭގެ އިތުރުން މެޗު ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އަލްބޭނިއާގެ ސްކެލްޒެން ގަޝީ އަށް ލިބުނު ރަނުގެ ފުރުސަތު އޭނާ އަތުން ބޭކާރުވި އެވެ. އޭރިއާ ތެރެއަށް ހުހަށް ވަދެ ގާޝީ ފޮނުވާލި ބޯޅަ ސްވިޒަލެންޑުގެ ކީޕަރު ސޮމާ ވަނީ މަތަކޮށްފަ އެވެ.

މި ގްރޫޕްގެ ދެ ވަނަ މެޗުގައި އަންނަ ބުދަ ދުވަހު ރުމޭނިއާ ކުޅޭނީ ސްވިޒަލެންޑާ ދެކޮޅަށެވެ. އަނެއް މެޗުގައި އަލްބޭނިއާ ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމު ފްރާންސާ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 67%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454