ފިޔަވަީގެ ކުދިންތަކެއް ކިޔަވަނީ: ފޮސްޓާ ކުރަން ބޭނުންވާ ފަރާތްތަކުން 1433 އަށް ގުޅުއްވާ ނަން ނޯޓު ކުރައްވުމަށް މިނިސްޓްރީން ވަނީ އެދިފައި.--
15 ޖެނުއަރީ 2024 - 12:42
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ފޯސްޓާ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ފެމެލީ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ވަގުތީ ގޮތުން ފޮސްޓާ ކުރުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެ ކުދިން ފޮސްޓާ ކުރަން ބޭނުންވާ މީހުން 1433 އަށް ގުޅައި، ނަން ނޯޓު ކުރުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
ދައުލަތުގެ ޒިންމާގެ ދަށުގައި އާއިލާތަކާ އެކަހެރިކޮށް، އެކަނިވެރި ދިރިއުޅުމެއްގައި މިހާރު ވެސް 100 އަށް ވުރެ ގިނަ ކުދިން އެބަތިއްބެވެ. ބަންދުވެ ތިބުމަކީ އެ ކުދިންނަށް އޮތް އެންމެ ރަނގަޅު ހައްލަށް ނުވާތީ ފޮސްޓަރިންގެ ތެރެއިން އާއިލާތަކާ ހަވާލުކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރެ އެވެ.
ނަމަވެސް އެކަމުން އެކަށީގެންވާ ނަތީޖާއެއް ނެރެވިފައި ނުވާތީ އާ ސަރުކާރާ އެކު މިނިސްޓްރީން މިހާރު މަސައްކަތް ފަށާފައި ވަނީ ފޮސްޓަރިން ޕްރޮގްރާމަށް ބަދަލުތަކެއް ގެނެސް އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ކޮންމެ ކުއްޖަކު ވެސް އާއިލާއެއްގެ ތެރޭގައި އުޅުމުގެ މަގު ފަހިކޮށްދިނުމަށެވެ.
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް "މިހާރު" އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެ ބަދަލާ އެކު އެ ކުދިންނަށް ރަނގަޅު މުސްތަގުބަލެއް ލިބޭނެ ކަމަށް ކުރެއްވޭ އުއްމީދު ބޮޑު ކަމަށެވެ.
ފޮސްޓަރިންގެ ތެރެއިން އާއިލާތަކާ ހަވާލުކުރާ ކުދިންނަށް އެހެން ކުދިންނެކޭ އެއްގޮތަށް އުޅެވޭނެ ގޮތްތައް މިނިސްޓްރީން މެދުވެރިވެގެން ފަހިކޮށްދޭނެ އެވެ.
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް "މިހާރު"އާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަނީ ވަގުތީ ގޮތުން، ކުއްޖާގެ އާއިލާ އަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ފަހު، ކުއްޖާ އާއިލާއާ އަލުން ހަވާލުކުރާ ގޮތަށެވެ.
ނަމަވެސް އެކި ކަހަލަ ހާލަތްތައް މެދުވެރިވެ، އާއިލާ އަށް އަނބުރާ ނުދެވޭ ކުދިން ދިގު މުއްދަތަކަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. ފޮސްޓާ ކުރަން، "ކޮންމެ ކުއްޖަކަށް އާއިލާއެއް" ހޯދައިދިނުމުގެ އަމާޒަކީ، އެފަދަ ކުދިން ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތުން ބަލަން ބޭނުންވާ އާއިލާތަކަށްް އެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގިނަ މީހުން ބޭނުންވަނީ ކުޑަކުދިން ގޮސްޓާ ކުރަން. އަޅުގަނޑުމެން، ދައުލަތަށް އެބަ ނަގާ 18 އަހަރާ ޖެހެން ދެން އެފަދަ [އާއިލާގައި ޖެހޭ މައްސަލައިގެ ސަބަބުން ނަގާ] ކުދިން. އެހެންވެ މި ޕްރޮގްރާމްގެ ދަށުން ބޮޑެތި ކުދިންނަށް ވެސް އާއިލާއާ އެކު އުޅުމުގެ ފުރުސަތު ފަހިވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.
"ކުއްޖާގެ އުފަން އާއިލާގެ ހާލަތު ރަނގަޅު ކުރުމަށް ދެ އަހަރު ވަންދެން މިނިސްޓްރީން މަސައްކަތްތަކެއް ކުރާނެ. އެ ފަދަ ހާލަތެއް މެދުވެރި ނުވެއްޖެ ނަމަ އެ ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ހޯދައި، ދާއިމީ ގޮތެއްގައި އެ ކުއްޖާ ފޮސްޓާ ކުރުމުގެ ފުރުސަތު ވެސް ފޮސްޓާ ފެމިލީ އަށް އޮންނާނެ."
ފިޔަވަތި: ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ބަހައްޓަމުން މީގެ ކުރިން ގެންދިޔަ ކުޑަކުދިންގެ ހިޔާ ބަންދު ކުރުމަށްފަހު މިހާރު މާލާޭގައި ތިބޭ ކުދިން ބައިތިއްބަނީ ފިޔަވަތީގައި.--
އެހެންވެ، ކުއްޖާ ދާއިމީކޮށް ބެލުމުގެ ފުރުސަތު ނުވަތަ ފޮސްޓާ ކުރުމުގެ ފުރުސަތު ހުޅުވައިލަން ނިންމީ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ. އެއް އާއިލާގައި ކުއްޖެއްގެ ހާލަތު ރަނގަޅު ނުވެއްޖެ ނަމަ އެ އާއިލާގެ އެހެން މެމްބަރަކު ނުވަތަ އެހެން އާއިލާއަކަށް ކުއްޖާ ބަލަން ހަވާލު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުދިން ރީ-އިންޓަގްރޭޓް ކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސް، އެ ކުދިންގެ ބެލެނެވެރިކަން ކޯޓު މެދުވެރިކޮށް ހަވާލުކުރާ ގޮތަށް ހަމަޖައްސައިފައި ވަނީ މިދިޔަ އަހަރު އެވެ.
އެ އިސްލާހާ އެކު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ދައުލަތުގެ ބެލުމުގެ ދަށުން ފޮސްޓާ ކުރުމަށް ހަވާލުކުރަމަށް ނިންމައި ފޮސްޓާ ބެލެނިވެރިޔާއާ ހަވާލުކޮށްފައިވާ ކުދިންގެ ގާނޫނީ ބެލެނިވެރިކަން ފޮސްޓާ ބެލެނިވެރިންނާ ހަވާލު ކުރުމަށް ޝަރުއީ ކޯޓަށް ހުށަހަޅަން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިކުނޑި
16 January 2024
ފޮސްޓަރ ކުރިކުރީނުން ނަސްލު އޮޅޭވަރު ނުކުރާތި!
މަހާރަދުން
16 January 2024
ފައިސާދީގެން ބަލާ ފޮސްޓާ ޕޭރުންނަށް ނަމަނަަމަ ކުދިން ހަވާލު ނުކުރާތި....
ސަމަރޭ
16 January 2024
ތިޔަ ކުދީންގެ ހިތަށް ހާދަހާވާ އެއްޗެއް އަރާނޭ.
ފޯސްޓާ ޖޫސް
16 January 2024
ޒިންމާއިން ރެކޭނެ މޮޅު އުކުޅެއް ދޮގެ؟
އައުޓް
16 January 2024
ސަރުކާރުގެ ބޮޑުންނާ މިނިސްޓުރީގެ ވެރިން ތިކަމުގެ މިސާލު ދައްކާ ފޯސްޓާ ކުރޭ އެންމެ ފުރަތަމަ. ކަލޭމެންގެ ތަޖުރިބާއަށް ބަލާފަ ރައްޔިތުންނާ ހަވާލުކުރަން ޖެހޭ ކަމެއް ތީ. ތަން މިނުގެ ބޮޑު މުސާރަ ނަގައިން އެކަމާ ހަވާލުވެބަލާ ފުރަތަމަ އަމިއްލައަށް
ޒަރީރު
15 January 2024
ތިކަހަލަ ކަންކަމާ ހަވާލު ވެވޭނީ ކުއްޖާގެ ހަރަދު ސަރުކާރުން ދޭނަމަ. އެކަންވާނެ ބޭކާރު ސިޔާސީ މަގާމުތައް މަދުކޮއްފަ، ސިޔާސީ މަގާމުތަކުގެ މުސާރަ ކުޑަކޮއްފައި ފޯސްޓާ ކުރާ މީހުންނަށް އެންމެ މަދުން މަހަކު 10000 ދެންޔާ!
ނާދި
16 January 2024
? އެއްބަސް
ފޯސްޓަރ
15 January 2024
ފައިވްސްޓަރ ކުރަންވީނުން.
ފަރީދާ އަލީ
15 January 2024
ސަރުކާރުން ތިކަމާ ހަވާލުވާ މީހުންނަށް އެކުދިންގެ ހަރަދަށް ބޮލަކަށް 5000، ޢޭސިޔާގެ އެންމެ މޮޅު ގައުމުތަކުން ބޭސް ފަރުވާ، ދެން ވެސް އިތުރު އިނާޔަތް ދޭން ޖެހޭނެ. އެހެން ބައެއްގެ ދަރިންނާ ހަވާލުވުމަކީ ކުޑަ ޒިންމާއެއް ނޫން ކަލޭނޭ
ޚިޔާލެއް
16 January 2024
ޔަތީމުންނަށް ވެސް މިހާރު އަޅާލެވެނީ ވަކި އިނާޔަތެއް ލިބެންޏާތަ؟
ހޭކުޑާ
16 January 2024
ތިހެން ހެދީމާ ލާރިކޮޅު ކާލާފަ އަނެއްކާވެސް ނިކަމެތި ކުއްޖާ ބިކަކޮށްލާފަ ކަލޭމެން ބައިތިއްބާނީ. އެއީ ދުނިޔޭގެ އެހެން ގައުމުތަކުގަވެސް ފޯސްޓަރ ކުރާ ގިނަ ޕޭރެންޓުން ކަންކުރާ ގޮތް! ލިއްލާހިއަށް ޓަކާ ކަމެއް ނުކޮށްދެވެންޏާ ދެން އެކަމާ ނޫޅުނީމަވީނު!
ހަސަންދީީ
15 January 2024
ފޮސްޓަރިންއަށް އެހެން ގައުމުތަކުގަ ސަރުކާރުން އެލަވަންސެއްދޭ. މިރާއްޖޭގަވެސް އެގޮތަށް ހަދައިފިނަމަ ތަރުހީބު ލިބޭނެ
ފޮސްޓަރ ކްލާރކު
15 January 2024
ތިޔަފަދަ ކުދީން ފޮސްޓަރ ކުރުމަކީ ވަރަށް އުނދަގޫ ބުރަ މަސައްކަތެއް. ވީމާ އެކަށީގެންވާ ތަމްރީނާއި، މުސާރައާއި މޮނިޓަރިން އާއި ސުޕަރވިޝަންއާއި އަނބުރާފޮނުވާލެވޭ ކުދިންގެ ބެލުމާއި ކައުންސެލިންގ އާއި ހަމަޖެހުނީމާ ދެން ޕޮލިސީ އިއުލާން ކޮށް ދެއްވާ