ދިއްދޫ ފެނަކަ މުވައްޒަފުންތަކެއް ކޮންޓްރެކްޓް އާ ނުކޮށް ކަނޑާލުމުން އިހުތިޖާޖު ކުރަނީ.--
16 ޖެނުއަރީ 2024 - 11:13
ހއ. ދިއްދޫ ފެނަކައިގެ ކޮންޓްރެކްޓް މުވައްޒަފުންގެ ތެރެއިން 53 މުވައްޒަފެއްގެ ކޮންޓްރެކްޓް އާނުކޮށް ވަކިކޮށްފައިވާ ކަމަށް ބުނެ އެ މީހުން އިހުތިޖާޖުކުރަން ފަށައިފި އެވެ.
މިއަދު ހެނދުނުން ފެށިގެން ކުރަމުންދާ އިހުތިޖާޖުގައި ބައިވެރިވާ ހުރިހާ މުވައްޒަފުންނަކީ ވެސް ދިއްދޫގެ އާ އިންޖީނުގެ އެޅުމުގެ މަސައްކަތަށް ނަގާފައި ތިބި އެ ރަށު މީހުންނެވެ.
އެ އިހުތިޖާޖުގައި ބައިވެރިވާ މީހަކު ބުނީ ވަޒީފާއިން ވަކިކުރިކަން އެނގުނީ މިއަދު އޮފީހަށް ދިއުމުން ކަމަށެވެ.
"މީގެ ކުރިން އަޅުގަނޑުމެން [ހާޒިރީގައި] ސޮއި ކުރަމުން ދިޔައީ. ޖެނުއަރީ 15 އިން ފެށީގެން ހުރިހާ މުވައްޒަފުން ފިންގާ ޖަހަން ޖެހޭ ގޮތަށް ބަދަލު ކުރީ. އޭރު ވެސް ނުބުނޭ ކޮންޓްރެކްޓް ހަމަވީމަ ކަނޑާލާނަމެކޭ. މިއަދު ފިންގާ ޖަހަން އުޅެއުޅެ ނުޖެހިގެން އެހީމާ މި ބުނީ ކަނޑާލާފައި އިން ވާހަކަ،" އޭނާ ބުންޏެވެ.
އޭނާ ބުނީ މި މީހުންގެ ތެރެއިން ހަތަރު ވަރަކަށް މީހުންނަކީ ނޮވެމްބަރު މަހު ކޮންޓްރެކްޓް ހަމަވެ އެކަމަކު ވަޒީފާއަށް ނުކުންނަމުން ދިޔަ މީހުން ކަމަށެވެ. ދެން ތިބި މީހުންނަކީ ކުރިއަށް އޮތް ހަ މަސް ތެރޭ ކޮންޓްރެކްޓް ހަމަވާ މީހުން ކަމަށާއި އެ އެންމެން ވެސް ވަކިކޮށްފައިވާ ކަމަށް ބުންޏެވެ.
ދިއްދޫ ފެނަކައިން ކޮންޓްރެކްޓް ހަމަވެގެން ވަކިކުރި މީހުން އިހުތިޖާޖުގައި.
"އަޅުގަނޑުމެންނަށް ވެސް އެއްވެސް މައްސަލައެއް ނެތް ކޮންޓްރެކްޓްގެ މުއްދަތު ހަމަވީމާ ކަނޑާލުމަކުން. އެކަމަކު މި ބުނަނީ ކުރިން ބުނާށޭ، 50 އާއިލާގެ ވާހަކަ މި ދައްކަނީ. އެ މީހުން ބަލަން ޖެހޭ ކިތައް މީހުން، ހަރަދު ކުރަން ޖެހޭ ކިތައް މީހުން ތިބޭނެ." ކޮންޓްރެކްޓް ހަމަވުމުން، މުއްދަތު އިތުރު ނުކުރާނެކަން ކުރިން އަންގަން ޖެހޭތޯ އެހުމުން ބުންޏެވެ.
އޭނާ ބުނީ އެ އިހުތިޖާޖުކުރަން ފެށީ އެ މުވައްޒަފުންނާއި އާއިލާގެ ހައްގުތައް އަނބުރާ ލިބޭނެ ގޮތެއް ހޯދަން ކަމަށެވެ.
"ޑިމާންޑަކީ ވަޒީފާ އަނބުރާ ދިނުން، ވަޒީފާ ދިނުމަށްފަހު ތިން މަސް ފަހުން ދެން ކަނޑާލިޔަސް އޯކޭ. އޭރުން އަޅުގަނޑުމެން ވެސް ކޮންމެވެސް މަސައްކަތެއް ހޯދާނެތާ. ހަމަ ކުއްލިއަކަށް އެއްވެސް އެންގުމެއްނެތި ކަނޑާލީމާ މިހެން ނިކުންނަން މި ޖެހުނީ،" އިހުތިޖާޖުގައި ބައިވެރިވާ މީހަކު ބުންޏެވެ.
އެކަމާ ގުޅޭގޮތުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު "މިހާރު" އަށް ވިދާޅުވީ އެއީ ވަކި ޕްރޮޖެކްޓަކަށް ނަގާފައި ތިބި މުވައްޒަފުން ކަމަށެވެ.
ދިއްދޫ ފެނަކައިން ކޮންޓްރެކްޓް ހަމަވެގެން ވަކިކުރި މީހުން އިހުތިޖާޖުގައި.
މި ވަގުތަށް އެ ރަށު ފެނަކައިގައި ކުރާނެ މަސައްކަތެއް ނެތް ކަމަށާއި ކޮންޓްރެކްޓް ސްޓާފުންގެ މުއްދަތު ހަމަވުމުން އެ މުވައްޒަފުންގެ އެއްބަސްވުން އާ ނުކުރީ ކަމަށް މުއާޒް ވިދާޅުވި އެވެ.
ދިއްދޫ ފެނަކައިން ވަކިކުރި މީހުންގެ ތެރޭގައި ކޮންޓްރެކްޓް ހަމަ ނުވާ މުވައްޒަފުން ވެސް ހިމެނޭ ކަމަށް އެ މީހުން ބުނެ އެވެ. އޭނާ ބުނީ އެ މީހުން ކަނޑާލީ ކުރާނެ މަސައްކަތެއް ނެތުމުން ކަމަށް އަންގާފައިވާ ކަމަށެވެ.
"ކޮންޓްރެކްޓް ހަމަވީމާ ކަނޑާލާ ވާހަކަ އަޅުގަނޑުމެންނަށް ވެސް އިވެނީ ހަބަރުތަކުންނާއި މީހުން ދައްކާ ވާހަކައިން. ރަސްމީކޮށް އެއްވެސް އެންގުމެއް ނާންގާ. އަޅުގަނޑުމެން ބައްދަލުކުރިން ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުންނާ ވެސް. ވިދާޅުވީ ކޮންޓްރެކްޓް ހަމަވިޔަސް ކަނޑާ ނުލާނެ ގޮތެއް ހެދުމަށް އެމްޑީ ކައިރީގައި އެދިފައި ވާނެ ކަމަށް. ނަމަވެސް އެ ކަނޑާލީ އެންގުމެއް ވެސް ނެތި،" އޭނާ ބުންޏެވެ.
ފެނަކަ ކުންފުނީގައި ވަކި މަސައްކަތަކަށް ހާއްސަ ކޮށްގެން "ކޮންޓްރެކްޓް ސްޓާފުން" ގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ 2،000 މީހުން ނަގައިފަ އެވެ. އޭގެ ތެރެއިން 1،800 މީހުން ނަގާފައި ހުރީ ކުދިކުދި ޕްރޮޖެކްޓްތަކަށް ކަމަށް މުއާޒު ވަނީ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފަ އެވެ.
ދަރަނިވެރިވެ ސަލާމަތް ނުވާ ހިސާބަށް ގޮސްފައިވާ ފެނަކަ އަށް ވަޒީފާގެ އޮނިގަނޑުން ބޭރުން ވެސް ދާއިމީ މުވައްޒަފުން ނަގާފައި އެބަތިބި ކަމަށާއި ނަމަވެސް، އެކަމަކު ދާއިމީ އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކި ނުކުރާނެ ކަމަށް ފެނަކަ އިން ވަނީ ބުނެފަ އެވެ. އެކަމަކު މަސައްކަތެއް ނެތް ކޮންޓްރެކްޓް ސްޓާފުންގެ މުއްދަތު ހަމަވުމުން، އެފަދަ މުވައްޒަފުންގެ އެއްބަސްވުން އާ ނުކުރާނެ ކަމަށާއި ވަރަށް ގިނަ މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓް މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށް ވެސް ފެނަކައިން ކުރިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނައުމާން
17 January 2024
ފެނަކަ ވެއްޖެ މިހާރު ބޮޑު ބޮލުގެ ރިހުމަކަށް.. މުއައްޒަފުން ވަކިކޮށްގެން ވިޔަސް އެބަޖެހޭ ތިތަން ހައްލުކުރަން
ބަޝީރް
17 January 2024
ކަލޭމެން ހުރިހާ އެންމެން ވެގެން ފުރަތަމަ ކުރަން ވީ ކަމަކީ ފެނަކަ ސައީދު ގެ ކަރިއަށް ގޮއްސަށް ތި މުޒާހަރާ ކުރަން..
ހުމާމް
17 January 2024
ހުރިހާ ކަމެއް ބަހައްޓާފަ ފުރަތަމަ ކުރަންވީ ކަމަކީ ފެނަކަ ސައީދުމެންނަ ފިޔަވަޅު އެޅުން... ނިކަމެތި ރައްޔިތުންނަ މިވަރުގެ ދޯކާއެއް ދިނީ ސައީދުމެން
ވައިސޫރި.
17 January 2024
ނުލާހިކު ރަނގަޅަށް މަސްވެރިކަމުގަ އުޅުން އާންމު ރައްޔިތުންނަ އިބޫ ދިން ދޯކާއެއް މީ
ޔުފްޔާ
17 January 2024
މުޒާހަރާ ކުރާނެތާ އެއްވެސް މަސަކަތް ނުކޮށް ލާރި ލިބޭ މީހުން މިހާރު ފެނަކައިގަ ގިނައިން ތިބީ
ކަތްދައްތަ
17 January 2024
53 ދިއްދޫ ފެނައަކަށް. ތެޔޮވަޅެއް އޮޕަރޭޓް ކުރަންވެސް ތިޔަ ވަރަށް މީހުން ބޭނުމެއްނުވާނެ.
ގިޔާސް
17 January 2024
ކުރާނެ ކަމެއް ނެތިފަ ތިބޭ ބަޔަކު ކޮންމެހެން ބައިތިއްބާކަށް ނުޖެހޭނެ. ފެނަކަ އަލުން ކޮޅަށް ޖެހޭނީ މިކަހަލަ ބޭކާރު ހަރަދުތަށް މަދުކޮށްގެން
ޖަައުފަރު
17 January 2024
ކަމެއް ނުކޮށް ލާރިކޮޅޫ ލިބިިބި ހުއްޓާ އޭތި ކޮޅޫ ގެއްލުނީމަ މިހެންވެސް ވާނެ
ކަލާމު
17 January 2024
މިހީވާނީ ހަމަ އެމްޑީޕީއިން ލާރިކޮޅެއް ދީގެން ކުރާ ކަމެއް ހެން
ގަފޫރު
17 January 2024
އެ މީހުންނަށްވެސް އިނގެން ޖެހޭނެދޯ ކޮންޓްރެކްޓަކަށްކަން ނަގާފަ ތިބީ. އިތުރު ކުރާނެކަން ނުބުނަންޏާ ވަޒީފާ ގެއްލޭނެކަން. އެވަރު ނޭނގޭ ކުޑަކުދިންނެއް ނޫން އެތާ ތިބީކީ