21 ޖެނުއަރީ 2024 - 10:03
އައިވަރީ ކޯސްޓުގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި މިސްރު ކުޅުނު ދެވަނަ މެޗުގައި އަނިޔާވި އެގައުމުގެ ތަރި މުހައްމަދު ސަލާހު، 31, އަށް ކުރިއަށް އޮތް ދެ މެޗު ގެއްލޭނެ ކަމަށް އެގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފި އެވެ.
"މިސްރު ގައުމީ ޓީމުގެ ކެޕްޓަން މުހައްމަދު ސަލާހުގެ ޓެސްޓުތަކުން ޔަގީން ވެފައި ވަނީ ހޭމްސްޓްރިންގް އަނިޔާއަކާ ހުރެ އެފްކޮންގައި ކުރިއަށް އޮތް ދެ މެޗުގައި އޭނާ އަށް ނުކުޅެވޭނެ ކަން، މިސްރު އެސޯސިއޭޝަނުން ނެރުނު ބަޔާނުގައިވެ އެވެ.
ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ގާނާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ސަލާހަށް ވަނީ އަނިޔާ ވެގެން ފައިބަން ޖެހިފަ އެވެ. އެ މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.
މިސްރު ކުލުނު ފުރަތަމަ މެޗުގައި ވަނީ މޮޒަމްބިކާ ވާދަކޮށް ވެސް 2-2 އިން އެއްވަރު ވެފަ އެވެ. އެ މެޗު ނިމިނިމި އޮއްވައި މިސްރު ސަލާމަތްވީ ސަލާހު ކާމިޔާބު ކޮށްދިން ޕެނަލްޓީއަކުންނެވެ. އެޓިމަށް ގުރޫޕް ސްޓޭޖުގައި ބާކީ އޮތީ ކޭޕް ވާޑޭއާ ދެކޮޅަށް ކުޅޭ މެޗެވެ.
ކޭޕް ވާޑޭ ވަނީ މި ގުރޫޕްގައި މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްގެން އެއްވަނަ ޓީމުގެ ގޮތުގައި ނޮކައުޓް ބުރުން ފުރުސަތު ހޯދައިފަ އެވެ. ގަދަ 16 ގައި އެޓީމު ޖެހޭނީ ތިންވަނަ ހޯދައިގެން ނިކައުޓް ބުރަށް ދާ ޓީމުތަކުގެ ތެރެއިން ޓީމަކާ އެވެ.
މިސްރަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެޓީމު ވަނީ ހަތް ފަހަރު މުބާރާޓް ކާމިޔާބު ކޮށްފަ އެވެ. އެންމެ ފަހުން މުބާރާތުގެ ތަށި އުފުލާލީ 2010 ވަނަ އަހަރެވެ. ނަމަވެސް އެއީ ސަލާހު ގައުމީ ޓީމަށް ކުޅެން ފެށިތާ އެއް އަހަރު ކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy