21 ޖެނުއަރީ 2024 - 18:20
މަދުވެގެން ބައި ލައްކަ މީހުންގެ އާބާދީއެއް އޮންނަ ގޮތަށް އަތޮޅު ތެރޭގައި އާބަން ރީޖަންތަކެއް ކަނޑައެޅުމަށްޓަކައި އެކަމާ ގުޅޭ ތަފްސީލީ ދިރާސާއެއް ކުރަން ކެބިނެޓުން ނިންމައިފި އެވެ.
ރައީސް އޮފީހުން މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނާފައިވާ އާބަން ސެންޓަރުތަކާއި އާބަން ރީޖަންތައް ތަރައްގީ ކުރުމަށްޓަކައި ހައުސިން މިނިސްޓްރީން ހުށަހެޅި ކަރުދާހަކާ މެދު ކެބިނެޓުގައި މިއަދު މަޝްވަރާ ކުރެވުނު ކަމަށެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އެ މީހަކު ދިރިއުޅޭ ރަށަކުން އެހެން ތަނަކަށް ހިޖުރަ ކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން، ރައްޔިތުންގެ ބައިވެރިވުން އޮންނަ ގޮތަށް، ހިޔާލާއި މަޝްވަރާ ހޯދައިގެން، އާބަން ރީޖަންތައް ކަނޑައެޅުމަށް ކަމާގުޅޭ އިދާރާތައް ގުޅިގެން ތަފްސީލީ ދިރާސާއެއް ކުރަން ވަނީ ނިންމާފަ އެވެ.
"އެގޮތުން، ރާއްޖޭގެ އާބަން ޑިވެލޮޕްމަންޓް ރީޖަންގެ ގޮތުގައި ތަރައްގީ ކުރެވޭނެ ސަރަހައްދުތައް ފާހަގަކޮށް، އެތަންތަނުގައި ހިމެނޭނެ އަތޮޅުތަކާއި ރަށްތައް މި ދެންނެވި ސްޓަޑީގެ ތެރެއިން ފާހަގަކުރާ ގޮތަށް ވަނީ ނިންމަވާފައި،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި އާބަން ރީޖަންތައް އުފެދި، ބިނާވެގެން އަންނާނީ އަތޮޅުތެރޭގައި ތަރައްގީ ކުރެވޭ އާބަން ސެންޓަރުތަކުގެ މައްޗަށެވެ.
އާބަން ރީޖަންތަކުގެ ކަނޑައެޅޭނީ، ނާޒިމް ވިދާޅުވި ގޮތުގައި އެ ސަރަހައްދެއްގައި ހިމެނޭ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ އާބާދީ 50،000 އަށް ވުރެ ދަށް ނުވާނެ ގޮތަކަށް ބަލައިގެންނެވެ. އަދި 2033 ވަނަ އަހަރާ ހަމައަށް އެ އާބަން ރީޖަނެއްގެ އާބާދީ އެއް ލައްކަ އާ ހަމައަށް އިތުރުކުރަން ސިޔާސަތުތަކެއް އެކަށައެޅުމަށް ކެބިނެޓުން މިއަދު ނިންމާފައިވާ ކަން އޭނާ ހާމަކުރެއްވި އެވެ.
މި ސިޔާސަތުތައް އެކުލެވިގެންދާއިރު، ނާޒިމް ވިދާޅުވި ގޮތުގައި އެ އާބަން ރީޖަނަކުން ޓޫރިޒަމާއި ދަނޑުވެރިކަން ފަދަ އިހުތިސޯދީ ނަފާ އިތުރުކުރެވޭނެ ގޮތްތައް ވެސް ހިމެނޭނެ އެވެ.
މީގެއިތުރުން، އާބަން ސެންޓަރުތަކުގައި ހުންނާނެ ސިފަތަކާ މެދު ވެސް މިއަދު މަޝްވަރާ ކުރެނުވު ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އޭގެ ތެރޭގައި އެ ރަށްތަކުގައި އިތުރަށް ބިން ހިއްކޭނެ ފުރުސަތު އޮތް ތަންތަނަށް އިސްކަން ދެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަޔޔޔ
22 January 2024
މީ މިހާރުވެސް ލަސްވެއްޖެ ކަމެއް. ވޯޓް ގެއްލިދާނެތީ އެއްވެސް ވެރިޔަކު މިކަމާ ނޫޅެން ތިބެނީ
ޓެރޭދް
22 January 2024
މާލެނޫން ސަރަހައްދެއް އިންސާނުން ދިރިއުޅެން އެކަށީގެންވާ މިންވަރަށް ނަހަދާނެ. ވަރަށް ސާފު
ކޮމެންޓް ބޯއީ
22 January 2024
ކޮންމެ ސަރުކާރަކުންވެސް މި ދިރާސާ ހަދާ. ދެން ރައްޔިތުން ގުނބޯ ހައްދާފައި ބައިތިއްބާނީ. އަމަލީ ސިފައެއް ނުފެނޭ. މީކީ މާބޮޑު ދިރާސާއެއް ކުރަން ޖެހޭ ކަމެއް ކަމަށް ނުދެކެން. ވެރިކަން ކުރާ ރަށްތަކުގެ މީހުންގެ ނުފޫޒަށް ބެލުމެއް ނެތި، ބިން ބޮޑު އުންމީދީ ސަރަހައްދުތަކުގައި މިކަން ފަށަންވީ. އުތުުރުން ކުޅުދުއްފުއްޓާއި، މަނަދޫ-މާފަރު އަދި ނައިފަރު. ދެކުނުން ކުޑަހުވަދޫ، ގަން-ފޮނަދޫ، ތިނަދޫ އަދި އައްޑޫ.
ސަރީފުއަލީ
22 January 2024
ކުޅުދުއްފުއްޓަކީ ބިންބޮޑުރަށެއްނޫން..އަދި ހިއްކާނެ ފަޅެއްވެސްނެތް ރަށެއް!
ސަލީމު އިދުރީސް
22 January 2024
ތިކަން ކުރަން ވިސްނިއިރު މާލެކައިރީގަ މުޅި ރާއްޖޭގެ އާބާދީ އަޅާލިވޭ ރަސްމާލެ ހަދާފަ އޮންއިރު އެސަރަހައްދާ ދިތަން އަރާހަމަމަ ނުކުރެވޭނެ! ތިގޮތައް ތިކަން ކުރަންނަމަ ރަސްމާލެ މިވަގުތައް ބޭނުންނުވޭ އެސަރަހައްދުގަ އެބަހުރި މާލެއާގުޅިފަ އެސަރަހައްދައް ބޭނުވާވަރައް ބިން! ރާއްޖޭ އާބާދީ ބޮވާރޭޓާ ދިކުރަން އުޅޭކަންތަކައް ބަލާއިރު ތިއީވެސް އެއްވެސް ޕުލޭނެއް އޮވެގެން ކުރަން އުޅޭކަމެއްނޫން! ތިކަންވެސް މުއިޒުވާނެ
ދިރާސާ ސަރުކާރު
22 January 2024
ފުށިދިއްގަރު ފަޅު ހިއްކަން ދިރާސާއެއްނުކުރޭ.. އެހެންތަނެއްގައި ކަމެއްކުރަންވީމަ ދިރާސާކުރުން.. ރައްޔިތުން މިފަހަރު ރަނގަޅަށް ދިރާސާކޮށްދޭނެ.. ތިބޭ ދޮރާސާކުރަން
އެހެން
22 January 2024
ތިޔައީ ދިވެހި ދައުލަތުން ކުރަންޖެހޭ އެންމެ މުހިންމު ކަންތައް! މިޤައުމުގެ އިދާރީ ހިންގުން 200 ރަށަށް، 20 އަތޮޅަށް ބާއްވައިގެން އުންމީދީ ތަރައްޤީއެއް ލިބުމަކީ މުސްތަހިއްލު ކަމެއް! ސުވާލަކީ ތިކަން ކުރަންކެރޭވަރުގެ ގަޓްހުރި ވެރިއަކު ދިވެހީންނަށް ލިބިދާނެ؟ އެ ވެރިއަކަށް މާލޭގެ "ބޭފުޅުން" ގެ ޕްރެޝަރ ހޭންޑްލް ކުރެވޭނެ؟ އެހާ ދީލަތިވެދާނެ؟ "ގިނަ ރައްޔިތުން ހާލުގަ ތިބެން މަޖުބޫރު ކުރުވުން" ޑާރޓީ ޕޮލިޓިކްސްގެ 1 އަސާސްވީމަ ކުރެވޭ ސުވާލުތަކެއްމި ހަމަ!
1234567890
22 January 2024
ދިރާސާ ނިމޭނީ ކޮން އިރަކުންބާ؟ އެހެންނޫނަސް މިސަރުކާރުން މާލެ ސަރަހައްދުނޫން ހިސާބަކަށް ރައްޔަތުން އެއްފަސްކުރަން ބޭނުންވާހެނެއް ހިޔެއްނުވޭ. ރަސްމާލެއަކީ އޭގެ އެއްމެ ބޮޑު މިސާލު.
އަކްރަމް ސައީދު
22 January 2024
މިކަން ވެއްޖެ ނަމަ އަހަރުމެން ދެން މާލެ އަންނާކަށް ކޮންމެހެން ނުޖެހޭނެ. މާލެއިން ލިބޭ ސިއްހީ ހިދުމަތް ކޮންމެހެން ލިބެންޔާ ދެން ނުޖެހޭނެތާ ދޯ.
އަކުރަމާ
22 January 2024
މާލެ ނުދާނެކަމެއް ނޭނގެ. ރަށްރަށުން 10 އާ ހަމައަށް ކިޔެވެން މީގެ 30 ހަކަށް އަހަރު ކުރިން ފެށުނުއިރުވެސް ކިޔަވަން މާލެ ދިއުން މަދުވިތަ؟ އެކަކުވެސް ކިޔަވައިގެން އަނބުރާ ގޮސް ރަށުން ވަޒީފާއެއް ލިބޭތޯ އުޅުނުބާ؟ ރަށްރަށަށް ބިދޭސީ ޓީޗަރުން ޑޮކްޓަރުން ނަރުހުން އަދި ދެންވެސް ހުރި ވަޒީފާއަކަށް ބިދޭސީންތައް ގެންނަންޖެހެނީ ކީއްވެބާ؟
އިލްޔަސައު
22 January 2024
އަޅުގަނޑަކީ އެމްޑީޕީ މީހެއް. މިކަމަކީ އަޅުގަނޑު އެއްމެ ބޭނުންވާ އެއްކަންތައް. މީގެ ސަބަބުން މާލެ ސަރަހައްދުން އަހަރުން އައުމަކަށް ނިމުން އަންނާނެ.
ސިފަތުﷲ ހަސީބް
22 January 2024
މިކަން މިއީ ކޮންމެ ވެރިޔަކު ކުރިޔަސް ބަލައިގަންނަން ޖެހޭ ކަމެއް. މިކަން ކޮށްގެން ނޫން ގޮތަކަށް މާލެ ތޮއްޖެހުމަށް ނިމުމެއް ނާންނާނެ.