އޭޝިއަން ކަޕްގައި ރޭ ޔޫއޭއީއާ ދެކޮޅަށް ކުޅުނު މެޗުގައި ސެގަޓް އުފާފާޅު ކުރަނީ: އެ މެޗުން މޮޅުވެ އޭނާގެ ތަޖިކިސްތާނު ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ --- ފޮޓޯ: އޭއެފްޕީ
29 ޖެނުއަރީ 2024 - 07:45
އަލް ރައްޔާން (ޖެނުއަރީ 29) - ރާއްޖޭގެ ކުރީގެ ކޯޗު ޕީޓާ ސެގަޓް މިހާރު ކޯޗުކޮށްދޭ ތަޖިކިސްތާނުން، އޭޝިއަން ކަޕްގެ ދެވަނަ ބުރުގައި ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ މައްޗަށް ޕެނަލްޓީ ޖަހައިގެން 5-3 ން މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
ގަތަރުގައި ކުރިއަށްދާ މުބާރާތުގައި ރޭ އައް ރައްޔާން ސިޓީގައި ހުންނަ އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މެޗަށް ނުކުތް އިރު، މެޗުގެ ފޭވަރިޓް ޓީމުގެ ގޮތުގައި ބެލެވިފައި އޮތީ ގަލްފުގައި ބާރުގަދަ ޔޫއޭއީ އެވެ. އެންމެ ފަހުން ބޭއްވި އޭޝިއަން ކަޕްގެ ސެމީ ފައިނަލާ ހަމަ އަށް ޔޫއޭއީ ދަތުރު ކޮށްފައި ވުމުން، މުޅިން އަލަށް އޭޝިއަން ކަޕްގައި ވާދަކުރާ ތަޖިކިސްތާނުގެ މައްޗަށް ޔޫއޭއީ ކުރި ހޯދާނެ ކަމަށް ބެލެވުނެވެ.
އެކަމަކު މެޗުގައި ފުރަތަމަ ލީޑް ނެގީ ވެސް ތަޖިކިސްތާނުންނެވެ. މެޗުގެ 30 ވަނަ މިނެޓްގައި އެ ޓީމުގެ ވަހްދަތު ޚަނަނޯވް ލަނޑު ޖެހީ ޒޮއިރް ޒުރަބޮޔޭވް ދިން ފުރުސަތަކުންނެވެ.
މެޗަށް ފަހު ތަޖިކިސްތާނުގެ ޓީމު އުފާފާޅު ކުރަނީ: އެ ޓީމު އޭޝިއަން ކަޕްގައި ވާދަ ކުރަނީ މުޅިން އަލަށް --- ފޮޓޯ: އޭއެފްޕީ
މެޗުގެ ބޮޑު ބައެއް، ތަޖިކިސްތާނުގެ ޓީމުން ލީޑްގައި ހިފެހެއްޓި އެވެ. ޔޫއޭއީ އަށް ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ 90 މިނެޓް ހަމަވެގެން އިތުރަށް ދެއްކި ވަގުތުގެ ތެރެއިން ފަސްވަނަ މިނެޓްގަ އެވެ. ޕޯޗުގަލްގެ ދެ ކޯޗުން ކަމަށްވާ ޕައޮލޯ ބެންޓޯ އާއި ސާޖިއޯ ކޮސްޓާ ގުޅިގެން ކޯޗުކޮށްދޭ ޔޫއޭއީ ޓީމަށް ނަތީޖާ ހަމަހަމަ ކޮށް ދިނީ ޚަލީފާ އަލް ހަމްދީ އެވެ.
މެޗުގެ ނަތީޖާ ނެރުމަށް އިތުރަށް ކުޅުނު ދެ ހާފުގައި ވެސް ނަތީޖާ ބަދަލު ނުކުރެވުނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ތަޖިކިސްތާނުގެ ފަސް ޕެނަލްޓީ ވެސް އެ ޓީމުން ވައްދާލި އެވެ. ޔޫއޭއީ އަށް ނާކާމިޔާބު ވީ ބްރެޒިލަށް އުފަން، ނަމަވެސް ފަހުން ޔޫއޭއީގެ ރަށްވެހިކަން ހޯދައިގެން އެ ގައުމުގެ ޓީމަށް ކުޅޭ ކައިއޯ ކެނެޑޯ ފޮނުވާލި ޕެނަލްޓީ އެވެ.
🇹🇯𝐓𝐚𝐣𝐢𝐤𝐢𝐬𝐭𝐚𝐧! 𝐓𝐚𝐣𝐢𝐤𝐢𝐬𝐭𝐚𝐧! 𝐓𝐚𝐣𝐢𝐤𝐢𝐬𝐭𝐚𝐧!🇹🇯
— #AsianCup2023 (@afcasiancup) January 28, 2024
The joy of a nation captured in a moment as the fairytale journey continues!#AsianCup2023 | #HayyaAsia | #TJKvUAE pic.twitter.com/tfcuOx3U0n
ރާއްޖެ އަށް 2018 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ދިން ސެގަޓް ތަޖިކިސްތާނުގެ ކޯޗު ކަމާ ހަވާލުވީ ޖެނުއަރީ 2022 ގަ އެވެ. އެ އަހަރު ކޮލޮފައިންގައި އޭޝިއަން ކަޕަށް މުޅިން އަލަށް އެ ޓީމު އޭނާ ކޮލިފައިކޮށްދިނެވެ.
މާޗް 2018 ގައި ރާއްޖޭގެ ކޯޗު ކަމާ ހަވާލުވި، ސެގަޓް ރާއްޖޭގެ ވަޒީފާއިން ވަކި ކުރީ ޑިސެމްބަރު 2019 ގައި ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ނެރުނު ދަށް ނަތީޖާ އަށް ފަހު އެވެ.
އޭނާ ރާއްޖޭގައި މަސައްކަތް ކުރި މުއްދަތުގައި ރާއްޖޭގެ ސީނިއާ ކޯޗުންގެ ފަރާތުން ގިނަ ފާޑު ކިޔުންތަކެއް އަމާޒުވި އެވެ. އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވީ އޭރުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ޕްރެސް ކޮންފަރެންސަށް ހާޒިރު ނުވި ކަމަށް ބުނެ ޓީމުން ބާކީ ކުރުމުންނެވެ.
ޔޫއޭއީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ތަޖިކިސްތާނުގެ ކުޅުންތެރިން، ސެގަޓް މައްޗަށް އުފުލާލައިގެން އުފާފާޅު ކުރަނީ: އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކުރުމަކީ ތަޖިކިސްތާނުގެ ފުޓްބޯޅަ ތާރީހުގައި އެ ޓީމުން ހޯދި އެންމެ ބޮޑު ކާމިޔާބު --- ފޮޓޯ: އޭއެފްޕީ
ސެގަޓްގެ ކޯޗިން ޓީމުގައި އޭރު ރާއްޖޭގައި ވެސް މަސައްކަތް ކުރި އެސިސްޓެންޓް ކޯޗު ގެލާ ޝެކިލާޒީ އާއި ފިޓްނަސް ކޯޗު ވަލްޑަމިރް ކްރްނިޗް ވެސް ތަޖިކިސްތާނު ޓީމުގައި ވެސް އޭނާއާ އެކު މަސައްކަތް ކުރެ އެވެ.
ރާއްޖޭގައި މަސައްކަތް ކުރި އިރު ސެގަޓް ފާހަގަ ކުރެވިފައި ވަނީ، ޒުވާން ކުޅުންތެރިންނަށް އަލަށް ގައުމީ ޓީމުން ފުރުސަތު ދިން ކޯޗެއްގެ ގޮތުގަ އެވެ. ތަޖިކިސްތާނުގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ސެގަޓް ވަނީ އެ ގައުމުގެ ގައުމީ ޓީމުގައި ވެސް ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. މިފަހަރުގެ އޭޝިއަން ކަޕްގައި ކުޅޭ އެންމެ ޒުވާން ސްކޮޑް އޮތީ ތަޖިކިސްތާނުގަ އެވެ. އެ ޓީމުގެ އެވްރެޖް އުމުރަކީ 24 އަހަރެވެ.
އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކުރުމަކީ ތަޖިކިސްތާނުގެ ފުޓްބޯޅަ ތާރީހުގައި އެ ޓީމުން ހޯދި އެންމެ ބޮޑު ކާމިޔާބެވެ. އަންނަ ހުކުރު ދުވަހު ކުޅޭ ކުއާޓާ ފައިނަލުގައި ތަޖިކިސްތާނާ ދެކޮޅަށް ނުކުންނާނާނީ، ދެވަނަ ބުރުގައި އިރާގާއި އުރުދުން މިއަދު ކުޅޭ މެޗުން މޮޅުވާ ޓީމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
29 January 2024
ދަގޭއަކީ ރާއްޖެދުށް މޮޅު ކުޅުންތެރިއެއް. އެކަމަކު އޭނަވެސް ބޯޅައާ ދުރަށްދާންޖެހޭނެ ދުވަސް އަންނާނެކަން ޤަބޫލުކުރަން ޖެހޭނެ. ސެގާޓަކީ ޒުވާން ކުޅުންތެރިން ލައިގެން ޓީމެއް ބިނާކުރަން މިޤައުމަށް ލިބުނު ރަންގަނޑެއް. އެކަމަކު އޭނާއަށްވެސް ކުރީ ދުއްޕާން. ސެގާޓު މިތާ ހުރިނަމަ ދިވެހި ޤައުމީޓީމު އަނދަވަޅަށް ވެއްޓިދާނެއެކޭ މަނުބުނާނަން.
އިއްޕަޓޭ
29 January 2024
އެތައްދުވަހެއް ވަންދެން އިންޖަރީވެހުރެ ފިޓުނުވަނީސް ދަގޭ ގައުމީޓީމަށް ނުގެގިއްޔޭ ކިޔާފަ ސަޕޯޓަރުންނާ، ދިވެހި ރޯނުއެދުރު ކޯޗުންނާ މީޑިއާތަކުން މީނާއަށް ނުކުރާ ޖެއްސުމެއްނެތް. މިހާރުދެން މާނޭނގޭކަމަށް ހަދައިގެން އުޅޭނެކަމެއްނެތް. ސެގާޓްއަކީ އަހަރެމެން އަތަށްއަރާފަ ދޫކޮށްލި ރަންގަނޑެއް. މީނާއަކީ ރާއްޖޭގަ މަޑުކޮށްގެންހުރެ ހުރިހާލީގުމެޗުތައްބަލާފަ ކުޅުންތެރިން ގައުމީޓީމަށްނަގަން މަސައްކަތްކުރި ހަމައެކަނި ބިދޭސީކޯޗު. ރޯނުއެދުރުންނަށް ކަމަކުނުދިޔަ.
އަޅިއަލީ
29 January 2024
ދަނގަނޑޭ ނުނަގައިގެން ކަލޯމެން ބޭރުކުރި ކޯޗް! ދެން ލަލަލާ ދިވެހިން! ގަދޭ ލައިގެން މޮޅުތަކެއް ވެއްޖެ އެއްނު!
ފެއިލް
29 January 2024
ކޮބާ ފެނޭތަ... ރަގަނޅުމީހަކު ލިބުނީމަވެސް ނޭންގުނު.... ކޯޗަށްވުރެ ސުޒޭނާ ބަންސާމް މޮޅުވީމަވާގޮތްމީ...
އަޅި އަލީ
29 January 2024
ސުޒޭނުމެން ވަރަށް އަސަރުކުރާނެ އޭނައަށް ވުރެ މޮޅުމީހަކު ޓީމަކަ ހަވާލުވެއްޖިއްޔާ! ސްޒޭނަށް ޓީމަ ހަވާލުކޮށްފަ ބާއްވާ! ވަރަށް މޮޅުވާނެ