އިރާގުގެ އައިމަން ހުސައިން (ވ) ދަނޑުން "ވިނަ ކާ" މަންޒަރު: އޭނާ އެކަން ކުރީ އުރުދުންއިން އެކަން ކުރުމުން އެކަން ކޮޕީ ކުރުމުގެ ގޮތުން --- ފޮޓޯ: ޒިންހުއާ
30 ޖެނުއަރީ 2024 - 09:47
އައް ރައްޔާން (ޖެނުއަރީ 30) - އޭޝިއަން ކަޕްގެ އުރުދުން އާއި އިރާގު ކުޅުނު މެޗުގައި، އުރުދުންގެ "ވިނަ ކެއުމުގެ" އުފާފާޅުކުރުން ކޮޕީކޮށް ޖޯކު ޖެހި، އިރާގުގެ ފޯވާޑް އައިމަން ހުސައިން އަށް ރަތް ކާޑު ދައްކައިފި އެވެ.
ގަތަރުގައި މިހާރު ކުރިއަށްދާ މުބާރާތުގެ ދެވަނަ ބުރުގައި އިއްޔެ ހަވީރު، އިރާގާ ދެކޮޅަށް ކުޅެ އުރުދުން އިން ވަނީ ފަހަތުން އަރައި 3-2 ން މޮޅުވެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.
ރައްޔާން ސިޓީގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ފުރަތަމަ ލީޑް ނެގީ އުރުދުންއިންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި ޔަޒާން އައް ނައިމަތު ލަނޑުން، ލީޑް ނެގުމަށް ފަހު އުރުދުންގެ ކުޅުންތެރިން ވަނީ އުފާފާޅު ކުރުމުގެ ގޮތުން ދަނޑުން "ވިނަ ކާން" އުޅޭކަން ދައްކައިފަ އެވެ.
ފުރަތަމަ ހާފުގައި ލަނޑު ޖެހުމަށް ފަހު، އުރުދުންގެ ކުޅުންތެރިން "ވިނަ ކާ"ކަން ދެއްކުމުގެ ގޮތުން އުފާފާޅު ކުރަނީ --- ފޮޓޯ: ޒިންހުއާ
ދެވަނަ ހާފުގައި އިރާގުން ނަތީޖާ ހަމަހަމަކޮށް ފަހުން ލީޑް ވެސް ނެގި އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަކޮށް ދިނީ 68 ވަނަ މިނެޓްގައި ސައުދު ނާތިގް އެވެ. ލީޑް ނެގި ލަނޑު އައިމަން ޖެހުމަށް ފަހު އުފާފާޅު ކުރުމުގެ ގޮތުން އޭނާ ވަނީ އިސްތިހާރު ބޯޑްތައް މަތިން ފުންމާލައިގެން ގޮސް ސަޕޯޓަރުންގެ ކައިރި އަށް ގޮސް އުފާފާޅުކޮށްފަ އެވެ. އޭގެ ފަހުން ދަނޑަށް އެނބުރި އައިސް ވިނަގަނޑު މަތީގައި އިށީންދެ އޭނާ ވަނީ "ވިނަ ކާން" އުޅޭކަން ދައްކައިފަ އެވެ.
އެ އުފާފާޅު ކުރުމަށް، އިރާނުގެ ރެފްރީ އަލި ރިޒާ ފަޣާނީ ވަނީ، އައިމަން އަށް ދެވަނަ ރީނދޫކާޑަކާ އެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވައިލައިފަ އެވެ.
އިރާގުން އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުން، އުރުދުންއިން އެޑްވާންޓޭޖް ނަގައި މެޗުގެ އިތުރު ވަގުތުގައި ދެ ލަނޑު ޖެހި އެވެ. އެ ދެ ލަނޑު ޖެހީ ޔަޒާން އަލް އަރަބާއި ނިޒާރު އަލް ރަޝްދާން އެވެ.
ކުއާޓާ ފައިނަލުގައި، އުރުދުން އަންނަ ހުކުރު ދުވަހު ނުކުންނާނީ ތަޖިކިސްތާނާ ދެކޮޅަށެވެ. ރާއްޖޭގެ ކުރީގެ ކޯޗު ޕީޓާ ސެގަޓް ކޯޗުކޮށްދޭ، ތަޖިކިސްތާނުން ވަނީ، ވޯލްޑް ކަޕް ކޮލިފައިންގައި އުރުދުނާ ދެކޮޅަށް މީގެ ކުރިން ކުޅެފަ އެވެ. މިދިޔަ ނޮވެމްބަރު މަހު ކުޅުނު އެ މެޗު ވީ 1-1 ން އެއްވަރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވީއެންވީ
30 January 2024
އުރުދުން އެ ކޮންބައެއް
މުޙައްމަދު123
30 January 2024
އިރާގު ކުޅުންތެރިޔާ ވިނަކެއީ ވާތުން. އުރުދުން ކުޅުންތެރިން ކެއީ ކަނާތުން. ރެފުރީ ރަތްކާޑު ދެއްކީ ވާތުންކެއީމަ ކަމަށް ގަބޫލުކުރެވެނީ.