31 ޖެނުއަރީ 2024 - 10:31
ސެން ޕެޑްރޯ (ޖެނުއަރީ 31) - ގަތަރުގައި 2022 ގައި ބޭއްވި ވޯލްޑް ކަޕުގައި އެންމެ ހައިރާންކޮށްލި މޮރޮކޯ އަށް އެފްރިކަން ކަޕް އޮފް ނޭޝަންގައި ކަމެއް ނުވެ، ދެވަނަ ބުރުން މުބާރާތް ނިންމާލަން ޖެހިއްޖެ އެވެ.
ވޯލްޑް ކަޕްގައި ކްރޮއޭޝިއާ އާއި ބެލްޖިއަމް ހިމެނުނު ގުރޫޕުން އެއްވަނަ ހޯދައި، ނޮކައުޓް ބުރުގައި ސްޕޭނާއި ޕޯޗުގަލް ބަލިކޮށް ސެމީ ފައިނަލަށް ދިޔަ މޮރޮކޯ އަށް ރޭ މުބާރާތް ނިންމާލަން ޖެހުނީ ދެކުނު އެފްރިކާ އަތުން 2-0 ން ބަލިވުމުންނެވެ.
މެޗުގައި ފުރަތަމަ ލީޑް ނެގީ އެފްރިކާއިންނެވެ. އެ ޓީމުގެ ލަނޑު 57 ވަނަ މިނެޓްގައި ޖެހީ އެވިޑެންސް މަކްގޯޕާ އެވެ. މެޗުގެ ފަހުކޮޅުގައި ނަތީޖާ ހަމަހަމަ ކުރަން މޮރޮކޯ އަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. އެކަމަކު ޕީއެސްޖީގެ ޑިފެންޑަރު އަޝްރަފް ހަކީމީ އަށް ޕެނަލްޓީ ނާކާމިޔާބުވީ އެވެ.
އެ މާޔޫސްކަމުގައި ތިއްބައި މޮރޮކޯ އަށް އިތުރު ގޮންޖެހުމެއް ކުރިމަތިވީ އެ ޓީމުގެ ސޮފްވާން އަމުރާބަތަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އޭގެ އެއް މިނެޓް ފަހުން ޓޮބޮހޯ މޮކޯނޯ، އެފްރިކާގެ ދެވަނަ ލަނޑު ޖެހައި އެ ޓީމަށް ކުއާޓާ ފައިނަލުގެ ޖާގަ ޔަގީންކޮށް ދިނެވެ.
އައިވަރީ ކޯސްޓްގައި ކުރިއަށްދާ މުބާރާތުގައި ކުއާޓާގައި ދެކުނު އެފްރިކާއާ ދެކޮޅަށް ނުކުންނާނީ ކޯބް ވާޑޭ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy