މިދިޔަ އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ބަޔަކު ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މެންދުރު ނަމާދުކުރަމުން ދަނީ: ހިލޭ ހައްޖަށް ފޮނުވާ މީހުން ކަނޑައަޅާނީ ފަގީރުންގެ ދަފުތަރުގައި ހިމެނޭ މީހުންގެ މެދުގައި ގުރުލައިގެން ކަމަށް ސަރުކާރުން ވަނީ ބުނެފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
05 ފެބުރުއަރީ 2024 - 15:12
ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 1،000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުގެ ދަށުން ހައްޖަށް ފޮނުވާ މީހުން ކަނޑައަޅާނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ މެދުގައި ގުރުލައިގެން ކަމަށް އުސޫލުގައި ބުނެފި އެވެ.
ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ހައްޖަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އަމަލުކުރާނެ އުސޫލުތަކާއި ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލު އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ގެޒެޓް ކޮށްފަ އެވެ.
މި އުސޫލުގެ ދަށުން ހިލޭ ހައްޖަށް ގެންދާ މީހުން ހޮވުމުގައި ބަލާނެ ފަސް ޝަރުތެއް ބަޔާންކޮށްފައިވެ އެވެ. އެ ޝަރުތުތަކަކީ؛
• ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވުން.
• ހައްޖުގެ އަޅުކަން ކުރިން އަދާކޮށްފައި ނުވާ މީހަކަށް ވުން.
• އެ އަހަރަކު އިއުލާންކުރާ އުމުރުފުރާގެ މީހަކަށް ވުން.
• ހައްޖުގެ އަޅުކަން އާދަކުރެވޭނެ ސިއްހީ ހާލެއްގައި ހުރުން.
• އެ އަހަރަކު ހައްޖަށް ގެންދާ މީހުން ހޮވުމުގެ ކުރިން މީލާދީ ގޮތުން 69 އަހަރު ފުރިފައި ނުވާ މީހަކަށް ވުން.
މި އުސޫލުގެ ދަށުން ކޮންމެ މީހަކަށް ދޭނީ އެންމެ ޖާގައެއް ކަމަށް ވެސް ބުންޏެވެ.
މި އަހަރު ރާއްޖެ އިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕްގެ ބައެއް މީހުން މިއަދުގެ މެންދުރު ނަމާދުކުރުމަށްފަހު ފުރާ ޓާމިނަލް އަށް ދަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހިލޭ ހައްޖަށް މީހުން ފޮނުވުމުގެ އުސޫލު އާންމުކުރުމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ދައުލަތުގެ ހަރަދުގައި، ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ 50 މީހަކު ފޮނުވާނެ ކަމަށެވެ.
"މި އުސޫލުގެ ދަށުން ހައްޖަށް ފޮނުވާނެ މީހުން ކަނޑައަޅާނީ މި ވުޒާރާއިން އެކުލަވާލާފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި އާންމުކޮށް ހުޅުވައިލައިގެން ބާއްވާ ގުރުއަތުލުމަކުންނެވެ،" އެ ބަޔާނުގައިވެ އެވެ.
މިނިސްޓްރީން ބުނީ މި އުސޫލުގެ ދަށުން ޖާގަ ލިބޭ މީހުން ހައްޖަށް ދިއުމަށް ހަމަޖެހިފައި ވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ކަމަށާއި އަދި އެ މީހުންނަށް ކޯޓާ ހަމަޖައްސާނީ މިނިސްޓްރީގެ ބޭނުމަށް ރިޒާވް ކުރާ ހައްޖު ކޯޓާގެ ތެރެއިން ކަމަށެވެ.
ސަރުކާރުން ކުރިން ބުނި ގޮތުގައި، ފުރަތަމަ ތިން އަހަރު، އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ މީހުން އަދި ފަހު ދެ އަހަރު 45 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ.
ދައުލަތުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުންނަށް އެތެރޭގެ ދަތުރުފަތުރުތަކުގެ ހަރަދާއި މާލޭގައި ހުރުމުގެ ހަރަދު ވެސް ހަމަޖައްސައިދޭނެ އެވެ.
ކެބިނެޓުން ނިންމާފައި ވަނީ މި އަހަރުގެ ހައްޖަށް ފޮނުވާ 50 މީހުންގެ ހަރަދު ޒަކާތު ފަންޑުން ހަމަޖައްސާށެވެ. ކުރިއަށް އޮތް އަހަރުތަކުގެ ދައުލަތުގެ ބަޖެޓުންނާއި އެކި ފަރާތްތަކުގެ ސްޕޮންސަރުންގެ ދަށުން މި ހަރަދު ހޯދުމަށް ވަނީ މަޝްވަރާކޮށްފަ އެވެ.
ފަގީރުންގެ ދަފްތަރުގައި މިވަގުތު 6،000 އެއްހާ މީހުން ތިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަށީދު
06 February 2024
ތިވެސް "ކެރި ކުޅަދާނަ" ވީތޯ؟ ދީނަށް ފުރައްސާރަ ކުރުމަކަށް މިކަން ނުވޭބާ؟
ތިޔަ
06 February 2024
ތިޔަ ގުރު ލާގޮތް ދަންނަން.
ޢިކުރި
06 February 2024
ޙައްޖުގެ އަޅުކަމަކީ ކުޅަދާނަކަން ލިބިގެންވާ މީހާގެ މައްޗަށް ވާޖިބު ކަމެއް. ސަރުކާރު ހަރަދުގަ މިކަންކުރުމަކީ ބޮޑުވެގެންމާ ބިދުއައެއް. ބޮޑުމާސިންގާ އިސްރާފެއް.
ހުސްނީ
06 February 2024
ތީ މަގޭފައިސާވެސް ހިމެނޭ ކަމެއް، ތިކަމެއް ތިޔަގޮތަކަށް ނުކުރެވޭނެ ހުއްޓާލާ!
ޢެބޭ
05 February 2024
ޜަގަޅުނިންމުމެއް
ކިން
05 February 2024
ބަޔެއް މީހުން އުމުރު ދުވަހު މަސެއްކައިކޮއްގެން ފައިސާ ހޯދައިގެން ހައްޖަ އެނެއްބައިމީހުން ފަގީރެކޭ ބުނީމަ ހައްޖަ.
ނިލިސް
05 February 2024
ޒަކާތު ފަންޑަކީވެސް މީހުން ހައްޖަށް ފޮނުވާ ފަންޑަކަށްވީތަ؟
ޙިނި
05 February 2024
މިދެން ކިހާ ދެރަކަމެއް، ހައްޖައްދާން ފައިސާ ދެއްކި އުމުރުން ދުވަސްވީމީހުން މިތިބެންޖެހެނީ 10-7 އަހަރުގެ ވެއިޓިން ލިސްޓެއްގަ މަޑުކުރަން މިޖެހެނީ، ދެން ސިޔާސީ މަންފާއައް ގުރުއަތުލައިގެން މިމީހުންނަގާބަޔަކު ވަގުތުން ހިލޭ ހައްޖައް މިފޮނުވަނީ. ތި އަރައިގަނެވެނީ އެހެން މީހުންގެ ހައްގުތަކައް، ފައިސާ ދެއްކިމީހުން ކިއުތަރުތީބުން އިސްކަން ދޭން ޖެހޭނީ. ބާރުލިބުނީމަ ކޮންމެ ކަމެއްވެސް ކޮރަޕްޝަނައް މިގެންދަނީ.
ގަބުރުސްތާން
05 February 2024
އަހަންނަކީވެސް ފަގީރެއް ތިޔަ ލިސްޓުގަ އަހަރެންގެ ނަމެއް ނެތް
ކުރަގި
05 February 2024
ފަގީރުންނަށް ހައްޖުވާޖިބުތޯ؟ ރަސޫލާ އަދި ޚަލީފާއިން ބައިތުލްމާލުން ފަގީރުން ހައްޖަށް ފޮނުވިތޯ؟